Roadha Mihaaru
ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ޒިލާލް، ކޯޗަކީ ސުޕުން

ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ޒިލާލް، ކޯޗަކީ ސުޕުން

14 މެއި 2017

މާލޭގައި މި ހަފުތާގައި ފަށާ ސާބާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް މުހައްމަދު ޒިލާލް ހަމަޖައްސާފައިވާއިރު ސްރީ ލަންކާގެ ސުޕުން ވިމާލުގެ ބެލުމުގެ ދަށުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މާލޭގައި މި ހަފުތާގައި ފަށާ ސާބާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް މުހައްމަދު ޒިލާލް ހަމަޖައްސާފައިވާއިރު ސްރީ ލަންކާގެ ސުޕުން ވިމާލުގެ ބެލުމުގެ ދަށުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ޓީމުގެ ކެޕްޓަނަށް ތަޖުރިބާކާރު ކުޅުންތެރިއާ ޒިލާލް ހަމަޖައްސާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކުޅިވަރުގެ ދާއިރާ އިން މިދިޔަ އަހަރު ގައުމީ އިނާމް ހާސިލްކުރި ޒިލާލަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ދުވަހު ނޫސް "ހަވީރު" އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދައިފަ އެވެ. ވިކްޓަރީ އާއި ޓީރެކްސްގެ އިތުރުން ރެޑްލައިން ކްލަބާ އެކު ކްލަބް ލެވެލްގައި ގިނަ ގުނަ ކާމިޔާބީ ހޯދުމުގެ އިތުރުން ޒިލާލް ވަނީ ބައިނަލްއަގްވަމީ ގިނަ މުބާރާތްތަކެއްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ މިހާރު ކުޅެނީ އަލަށް އުފެއްދި ކިންގްސް ބީސީ އަށެވެ.

ޓީމުގެ ކޯޗު ސުޕުން އަކީ 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ކޯޗެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިތުރުން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. ޓީމުގައި މިހާރު ހިމެނޭ ގިނަ ކުޅުންތެރިންނަކީ އޭނާގެ ބެލުމުގެ ދަށުން ނުކުތް ކުޅުންތެރިންނެވެ.

މުބާރާތަށް ގައުމީ ޓީމު މިހާރު ވަނީ ސަމަސެޓް ހޮޓަލުގައި ކޭމްޕްކޮށްފަ އެވެ. ޓީމުގެ ސްކޮޑް މިދިޔަ ހަފުތާގައި ވަނީ ފައިނަލްކޮށްފަ އެވެ.

މި މަހުގެ 19 އިން 23 އަށް ބާއްވާ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އިން ބައިވެރިވާނެ އެވެ.