Roadha Mihaaru
ދިވެހި ކުޅުންތެރިންނަށް އިންޑިއާ ކޯޗުގެ ތައުރީފް

ދިވެހި ކުޅުންތެރިންނަށް އިންޑިއާ ކޯޗުގެ ތައުރީފް

20 މެއި 2017

ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ އިންޑިއާ އަތުން 84-42 ޕޮއިންޓުން ރާއްޖެ ބަލިވި މެޗުގައި ދިވެހި ކުޅުންތެރިން ދެއްކި ކުޅުމަށް އިންޑިއާގެ ކޯޗު ބަސްކަރު ސައްޕަނިއަމްބަލަމް ތައުރީފްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ އިންޑިއާ އަތުން 84-42 ޕޮއިންޓުން ރާއްޖެ ބަލިވި މެޗުގައި ދިވެހި ކުޅުންތެރިން ދެއްކި ކުޅުމަށް އިންޑިއާގެ ކޯޗު ބަސްކަރު ސައްޕަނިއަމްބަލަމް ތައުރީފްކޮށްފި އެވެ.

އޭޝިއާގެ ބާސްކެޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އިންޑިއާ ވަނީ މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް 100 ޕޮއިންޓް ހޯދައިފަ އެވެ. މިރޭގެ މެޗުގައި އެ ތަފާތު ކުޑަވިއިރު، ދިވެހި ކުޅުންތެރިން ވަނީ ޑިފެންސްގައި ވެސް އަދި އެޓޭކުގައި ވެސް އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މި އަހަރުގެ ފީބާ އޭޝިއާ ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ރާއްޖެ އައި އިންޑިއާގެ ކޯޗު ބުނީ ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނުނީ އުއްމީދީ ކުޅުމެއް ކަމަށެވެ.

"ރާއްޖެ އެ އަންނަނީ ކުރިއަރަމުން. އަހަރެމެންގެ އިސްކޮޅުން ދިގު ކުޅުންތެރިން ކައިރީގައި ވެސް ރާއްޖޭގެ ކުޅުންތެރިން ރީތި މޫވްތަކެއް ކުރި. އަދި ފަސޭހަ ބާސްކެޓްތަކެއް ވެސް ވައްޓާލި. އެއީ ރާއްޖެ ކުރިއަރަމުން އަންނަ ކަމުގެ ނިޝާނެއް،" ބަސްކަރު ބުންޏެވެ.

"މީގެ ކުރިން ތަފާތު ބޮޑު ނަތީޖާތަކުން އަހަރެމެން މޮޅުވަމުން އައީ."

އިންޑިއާގެ ޓީމުގައި ގައުމުން ބޭރުގައި ކުޅޭ މޮޅު ކުޅުންތެރިންތަކެއް ތިބިއިރު އެ ގައުމުގެ އުއްމީދީ ކުޅުންތެރިންތަކެއް ވެސް ހިމެނެ އެވެ. ބަސްކަރު ބުނީ މިރޭގެ މެޗުގައި ގިނަ ކުޅުންތެރިންތަކަށް ފުރުސަތު ދިން ކަމަށާއި އިންޑިއާ އަށް މި އަހަރު ގިނަ އަމާޒުތަކެއް އެބަހުރި ކަމަށެވެ.

"އޭޝިއާ ކަޕުން ފެށިގެން ވޯލްޑް ކަޕް ކޮލިފައިން ވެސް އެބަ އޮތް. އެހެންވެ އަހަރެން ބޭނުން ވީހާ ވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދޭން. މިރޭ ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ،" އޭނާ ބުންޏެވެ.

ބަސްކަރު ބުނީ ތަށި ލިބޭނެ ކަމުގެ ބޮޑު އިތުބާރަކާއި އުއްމީދެއް އެބަ އޮތް ކަމަށާއި ބޭނުންވަނީ ތަށި ހޯދައި މި އަހަރުގެ އޭޝިއާ ކަޕުން ފުރުސަތު ހޯދަން ކަމަށެވެ.