Roadha Mihaaru
ޒުވާން މީކާއީލް އާއި އައިކް ގައުމީ ޓީމަށް

ޒުވާން މީކާއީލް އާއި އައިކް ގައުމީ ޓީމަށް

01 ސެޕްޓެމްބަރ 2021

އޮކްޓޯބަރުގައި ބާއްވާ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވާ ދިވެހި ގައުމީ ޓީމަށް، ޒުވާން މީކާއީލް މުހައްމަދު އަލީ އާއި މުހައްމަދު އައިކް ނީޝާމް ނަގައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮކްޓޯބަރުގައި ބާއްވާ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވާ ދިވެހި ގައުމީ ޓީމަށް، ޒުވާން މީކާއީލް މުހައްމަދު އަލީ އާއި މުހައްމަދު އައިކް ނީޝާމް ނަގައިފި އެވެ.

ގައުމީ ކޯޗް އިލްޔާސް އިބްރާހިމް (އިއްލެ) ފުރަތަމަ ނެގި 18 ކުޅުންތެރިންގެ ތެރޭގައި މީކާއީލް އާއި އައިކު ހިމަނައިފައެއް ނުވެ އެވެ. މުޅިން އަލަށް ގައުމީ ސްކޮޑްގައި ހިމެނުނު މީކާއީލް، 16، އާއި އައިކް އަކީ ރާއްޖޭގެ ބާސްކެޓްގައި ކުރިމަގު އޮތް ދެ ކުޅުންތެރިންނެވެ.

މީކާއީލް ވަނީ އުމުރު ފުރާތަކުގެ ގައުމީ ޓީމުގައި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ. ސާބާގެ 18 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި ޓީމުގައި އޭނާ ހިމެނުނު ނަމަވެސް އެފަހަރު މުބާރާތަށް އޭނާ އަށް ނުދެވުނީ ޑެންގޫ ޖެހުމުންނެވެ.

ރެޕްޓާސް ބާސްކެޓްބޯޅަ ކްލަބަށް މިހާރު ކުޅެމުން އަންނަ، މީކާއީލް ވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ އެންބީއޭ ބާސްކެޓްބޯލް ސްކޫލްގެ ޓްރެއަލްގައި ބައިވެރި ވެގެން އެ ސްކޫލްގެ ސަމާ ކޭމްޕަށް ހޮވިފަ އެވެ. ދުބާއީ އެންބީއޭ ބާސްކެޓްބޯލް ސްކޫލްގެ ޓްރެޔަލްގައި 2019 ގައި ބައިވެރިވެ ޓްރެޔަލް އަށް އޭނާ ހޮވުނީ ސްކޫލްގެ ޓީމަށެވެ. މި އަހަރުގެ ޖޫން މަހު ބޭއްވި ސަމާ ކޭމްޕުގައި އޭނާ ވަނީ ކުޅެފަ އެވެ.

"މީކާއީލް އަކީ ވަރަށް އުންމީދު އޮތް ކުޅުންތެރިއެއް. ހާއްސަކޮށް ޝޫޓިން އާއި ޕަވާ ފޯވަޑަކަށް ވަރަށް މޮޅު ކުއްޖެއް،" އިއްލެ ބުންޏެވެ.

އައިކް އަކީ ކުޅިވަރުގެ އާއިލާ އަކުން އައި ކުޅުންތެރިޔެކެވެ. އޭނާގެ ބައްޕަ ނިޝާމް އަކީ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަނެވެ. ކާފަ އަކީ ދިވެހި ކުޅިވަރަށާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ރިނބިދޫ އަހްމަދު ނާސިރެވެ.

އައިކްގެ ސްކޫލް ދައުރުގައި އޭނާ ވަނީ މަޖީދިއްޔާ ސްކޫލް ޓީމަށް އިންޓަ ސްކޫލް މުބާރާތް ދެ ފަހަރަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ދެ ވަނަ ޑިވިޝަންގައި ވުލްވްސް ބާސްކެޓްބޯލް ޓީމަށް 2019 ގައި ކުޅުނެވެ.

"ޕަވާ އާއި ސްޓްރެންތާއި އިންސައިޑް ފިނިޝިންގައި އައިކް ރަނގަޅު ވާނެ،" އިއްލެ ބުންޏެވެ. "ވަރަށް ހުނަރުވެރި ދެ ކުޅުންތެރިން. މިއީ ކުރިއަށް އޮތްތަނުގައި ސީނިއާ ޓީމުގައި ލީޑް ކުރާނެ ދެ ކުޅުންތެރިން."

އިއްލެ ބުނީ އޭނާ އާއި އޭނާގެ ކޯޗުން ޓީމަށް ފާހަގަ ކުރެވުނީ އައިކް އާއި މީކާއީލް އެކަނި ނޫން ކަމަށެވެ.

"ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން އެބަތިބި. މި މުބާރާތަށް އަޅުގަނޑުމެން އަލަށް މި ނެގީ މި ދެ ކުޅުންތެރިން އެކަމަކު ކުރިއަށް އޮތް ތަނުގައި އިތުރު ކުޅުންތެރިން ހިމަނަމުން ގެންގޮސް، ގައުމީ ޓީމަށް އިތުރު ޒުވާން ކުޅުންތެރިން އިތުރު ކުރަމުން ގެންދާނަން."

ސާބާ ޗެމްޕިއަންޝިޕަށް ގައުމީ ބާސްކެޓްބޯލް ސްކޮޑް

ޓީރެކްސް

އިސްމާއީލް ވިލްދާން، ޒަކަރިއްޔާ އަބްދުލް ލަތީފް، އިބްރާހިމް ރަޝްވާން، އަހްމަދު ޒަބީރު، ހުސައިން ހަލީމް، އިސްމާއީލް ފަރުހާން، އަހްމަދު އައުޝަން،

ކިންގްސް

އަބްދުﷲ އަމްޒަރު މުހައްމަދު، މުހައްމަދު ހުވައިލިދު އަލީ، އަހްމަދު އިފްޝާހް، ރިޝްފާން ރަޝީދު، އިބްރާހިމް އަންފާލް ޝަރީފް، އަހްމަދު ފިރާޝް އަދި މުހައްމަދު އައިކް ނީޝާމް

ސްޓްރިންގާސް:

އިބްރާހިމް ނަސީމް، މުހައްމަދު ސަބީހް ތައުފީގް، އަހްމަދު އަލީ މުސްތޮފާ،

ރެޕްޓާސް:

މަފާޒު މުހައްމަދު، މީކާއީލް މުހައްމަދު އަލީ

ރެޑްވިންގްސް:

މުހައްމަދު އަޝްމަލް އަހްމަދު

މިދިޔަ 12 އަހަރު އިއްލެ ކުޅެ ކޯޗް ކޮށްދިނީ ޓީރެކްސްގަ އެވެ. ކްލަބު ދޫކޮށް އޭނާ ހަވާލުވީ ގައުމީ ކޯޗު ކަމާ އެވެ. އޭނާގެ އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރަނީ ކުރިން އޭނާއާ އެކުގައި ކުޅުނު ކުޅުންތެރިންނެވެ. އޭނާގެ އެސިސްޓެންޓުންނަކީ ކިންގްސްގެ ބާސްކެޓްބޯޅަ ކްލަބުގެ ކޯޗް މުހައްމަދު ޒިލާލް (ޒިލާ)، ޓީރެކްސްގެ މިހާރުގެ ކޯޗް އަލީ ފަޒްލީ (އޮލިމްޕިކް) އަދި ސްޓްރިންގާސްގެ ކޯޗް މުހައްމަދު ނަސީރު (މޮއްޑެ) އެވެ.