Roadha Mihaaru
"ޕައިރޭޓްސް 5" އިން ޕޯލް މެކާޓްނީ ފެންނާނެ

"ޕައިރޭޓްސް 5" ގައި ޕޯލް މެކާޓްނީ ފެންނަ ގޮތް ދައްކާލައިފި

15 މެއި 2017

ލަވަ ކިޔުންތެރިން ފިލްމް ކުޅޭތީ އެއްގޮތަކަށް ވެސް ހައިރާން ވާނެ ކަމެއް ނެތެވެ. މި ފަހަރު ލިސްޓަށް އިތުރު ވަނީ އިނގިރޭސިވިލާތުގެ ދުވަސްވީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޕޯލް މެކާޓްނީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލަވަ ކިޔުންތެރިން ފިލްމް ކުޅޭތީ އެއްގޮތަކަށް ވެސް ހައިރާން ވާނެ ކަމެއް ނެތެވެ. މި ފަހަރު ލިސްޓަށް އިތުރު ވަނީ އިނގިރޭސިވިލާތުގެ ދުވަސްވީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޕޯލް މެކާޓްނީ އެވެ.

މި މަހުގެ 26 ގައި ރިލީޒް ކުރާ ޕައިރޭޓްސް ފްރެންޗައިޒްގެ ފަސް ވަނަ ފިލްމް "ޕައިރޭޓް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" ގެ މުހިއްމު ރޯލަކުން 74 އަހަރުގެ ލަވަ ކިޔުންތެރިޔާ ފެންނާނެ އެވެ.

އެ ފިލްމުގައި މަޝްހޫރު ބޭންޑް "ބީޓްލްސް" އިން ވިދާލި މެކާޓްނީ ކުޅޭ ކެރެކްޓާ ހުންނަ ގޮތް ދައްކުވައިދޭ ފޮޓޯއެއް ވެސް އޭނާ ވަނީ ޓްވިޓާގައި ދައްކާލައިފަ އެވެ.

މީގެ ކުރިން ވެސް ޕައިރޭޓްސްގެ ދެ ފިލްމެއްގައި މަޝްހޫރު މިއުޒިޝަނަކު ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ. އެއީ ރޯލިން ސްޓޯންގެ ގިޓަރިސްޓް ކެއިތު ރިޗަޑްސް އެވެ.

އޭނާ ވަނީ ޕައިރޭޓްސް އޮފް ދަ ކެރީބިއަން: އެޓް ވޯލްޑްސް އެންޑް (2007) އާއި ޕައިރޭޓްސް އޮފް ދަ ކެރީބިއަން: އޮން ސްޓްރޭންޖާސް ޓައިޑްސް (2011) ގައި އެކްޓްކޮށްފަ އެވެ.

ޕޯލް މެކާޓްނީގެ ޓްވީޓް.

ކެޕްޓަން ޖެކް ސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ފެނިގެންދާ ޕައިރޭޓްސްގެ ފަސް ވަނަ ފިލްމުން ފެނިގެން ކާސްޓުންގެ ތެރޭގައި މީގެ ކުރީގެ ބައިތަކުގައި މުހިއްމު ރޯލްތައް ކުޅެފައިވާ އޮލަންޑޯ ބްލޫމް އާއި ކެއިރާ ނައިޓްލީ ވެސް ހިމެނެ އެވެ.

އޮލަންޑޯ އެންމެ ފަހުން މި ސީރީޒްގެ ފިލްމަކުން ފެނުނީ 2011 ގައި ނެރުނު "އޮން ސްޓްރޭންޖާސް ޓައިޑްސް" އިންނެވެ. އެހެންވެ މިއީ އޭނާ ކުޅޭ ވިލް ޓާނާގެ ކެރެކްޓާ އިން އެނބުރި އައުމެކެވެ.

ޖޯޗިމް ރޮނިން ޑައިރެކްޓްކޮށްފައިވާ "ޕައިރޭޓް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ސްޓޯރީޒް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ބްރެންޓަން ތުވައިޓްސް، ޖޭވިއާ ބާޑެމް، ކެވިން މެކްނެލީ އަދި ޖިއޮފްރީ ރަޝް ހިމެނެ އެވެ.

ދެހާސް ތިން ވަނަ އަހަރުން ފެށިގެން ޑިޒްނީން ގެނެސްދޭ ޕައިރޭޓްސްއަކީ ބޮކްސް އޮފީހުގައި ވެސް ވަރަށް ކާމިޔާބު ފްރެންޗައިޒެކެވެ.

މި ސިލްސިލާގެ އެންމެ ފަހުން ނިކުތް ފިލްމް 2011 ގެ "އޮން ސްޓްރޭންޖާސް ޓައިޑްސް" އަކީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ.

"ޕައިރޭޓް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" އަކީ 320 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.