Roadha Mihaaru
"ޕައިރޭޓްސް" ގެ އާ ފިލްމުން ޖޮނީ ޑެޕަށް ޖާގައެއް ނެތް

"ޕައިރޭޓްސް އޮފް ދަ ކެރިބިއަން" ގެ އާ ފިލްމުން ޖޮނީ ޑެޕަށް ޖާގައެއް ނެތް

28 އޮކްޓޯބަރ 2018

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ރިބޫޓް ވާޝަނެއް ގެނެސްދޭން ޑިޒްނީ ނިންމާފައިވާ އިރު، ފިލްމުން މި ފަހަރު ޖޮނީ ޑެޕަށް ފުރުސަތު ނުދޭން ނިންމާފައިވާކަން ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ރިބޫޓް ވާޝަނެއް ގެނެސްދޭން ޑިޒްނީ ނިންމާފައިވާ އިރު، ފިލްމުން މި ފަހަރު ޖޮނީ ޑެޕަށް ފުރުސަތު ނުދޭން ނިންމާފައިވާކަން ކަށަވަރުވެއްޖެ އެވެ.

އެކަމާ ބެހޭ ގޮތުން މި ސީރީޒްގެ އޮރިޖިނަލް ސްކްރީ ރައިޓަރު ސްޗުއަޓް ބީޓީ ޑެއިލީ މެއިލް ޓީވީގައި ބުނި ގޮތުގައި ޑެޕް ކުޅުނު ޖެކް ސްޕެރޯގެ އައިކޮނިކް ކެރެކްޓާ އިން މި ފަހަރު އޭނާ އަށް ފުރުސަތު ނުދޭން ޑިޒްޒީން ނިންމާފައިވާ ކަމަށެވެ.

މި ފަހަރު ފިލްމުގެ ސްކްރީންޕްލޭ ލިޔަން ހަވާލުކޮށްފައި ވަނީ "ޑެޑްޕޫލް" ގެ ދެ ލިޔުންތެރިން ކަމަށްވާ ރެޓް ރީސް އާއި ޕޯލް ވާނިކްއާ އެވެ. ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ ގޮތުން ޑިޒްނީން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޑެޕްއާ ނުލައި "ޕައިރޭޓްސް އޮފް ކެރީބިއަން" ގެ އާ ބައެއް ހަދަން ނިންމާފައިވާތީ ބީޓީ ބުނީ ފާއިތުވި 15 އަހަރުގެ ތެރޭގައި ޑެޕް، 55، ވަނީ ޖެކް ސްޕެރޯގެ ކެރެކްޓާ އަށް ބޮޑު މަގުބޫލު ކަމެއް ހޯދައި ދީފައި ކަމަށެވެ.

"މި ސީރީޒްގެ އެންމެ ބޮޑު ދިރުމަކީ ވެސް ޑެޕް ކުޅުނު ކެރެކްޓާ. އަހަރެން ވަރަށް އުފާ ކުރަން އޭނާ އެ ކުޅުނުލެއް މޮޅުކަމުން. އެއީ އޭނާގެ އަމިއްލަ ކެރެކްޓާއަކަށް ޑެޕް ވަނީ ހަދައިފައި. ގިނަ ބަޔަކަށް ޑެޕް މިހާރު އެނގޭނީ ވެސް ޖެކް ސްޕެރޯގެ ގޮތުގައި،" ބީޓީ ބުންޏެވެ. "އަދި އެ ކެރެކްޓާއަކީ ޑެޕްގެ ލެގަސީއަކަށް ވާނެ."

އޭނާ ބުނި ގޮތުގައި ޑެޕްއާ ނުލައި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެނެސްދޭ އިރު، އެއަށް ޖެހޭނެ ހާލެއް ބުނާކަށް އަދިއެއް ނޭނގެ އެވެ. އެކަމަކު ފިލްމު ގެނެސް ދޭ ޓީމަށް ކާމިޔާބީ އަށް އެދޭ ކަމަށް ބުންޏެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފަސް ފިލްމެއް މިހާތަނަށް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. އަދި އެ ފިލްމުތަކަށް ޖުމްލަ 1.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"ޕައިރޭޓްސް" ގެ ފުރަތަމަ ބައި "ދަ ކާޒް އޮފް ދަ ޕާލް" 2003 ގައި ރިލީޒް ކުރި އިރު ދެވަނަ ފިލްމު "ޑެޑް މޭން ޗެސްޓް" ސިނަމާތަކަށް އައީ 2006 ގަ އެވެ. އަދި ތިން ވަނަ ފިލްމު "ވޯލްޑްސް އެންޑް" 2007 ގައި ގެނެސް ދިން އިރު، ހަތަރު ވަނަ ބައި "އޮން ސްޓްރޭންޖާޒް ޓައިޑްސް" ރިލީޒް ކުރީ 2011 ގަ އެވެ. އަދި ފަސް ވަނަ ބައި "ޑެޑް މޭން ނޯ ޓޭލްސް" ސިނަމާތަކަށް އައީ މިދިޔަ އަހަރު އެވެ.

ޑެޕްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 16 ގައި ރިލީޒް ކުރާ "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޖެލްވަލްޑް" އެވެ.