Roadha Mihaaru
ސިއްރު މައުލޫމާތު ޓްރަމްޕް ވަނީ ރަޝިޔާ އަށް ފޯރުކޮށްދީފައި

ސިއްރު މައުލޫމާތު ޓްރަމްޕް ވަނީ ރަޝިޔާ އަށް ފޯރުކޮށްދީފައި

16 މެއި 2017

ވޮޝިންޓަން (މެއި 16) - ރަޝިޔާގެ ސީނިއާ އޮފިޝަލުންނާ އެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅޭ ގޮތުން އެމެރިކާ އިން ހޯދާފައިވާ ސިއްރު މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕް ހިއްސާ ކުރައްވާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 16) - ރަޝިޔާގެ ސީނިއާ އޮފިޝަލުންނާ އެކު މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅޭ ގޮތުން އެމެރިކާ އިން ހޯދާފައިވާ ސިއްރު މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕް ހިއްސާ ކުރައްވާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް އާއި ރަޝިޔާ ސަފީރު ސާގީ ކިސްލީކްއާ ވައިޓްހައުސްގައި ބައްދަލު ކުރައްވައިފަ އެވެ.

ޕޯސްޓުން ބުނީ ޓްރަމްޕް ރަޝިޔާ އަށް ދީފައި ވަނީ އެމެރިކާ ކޯލީޝަނުގައި ހިމެނޭ ގައުމުތަކަށް ވެސް ކިޔައި ނުދޭ މައުލޫމާތު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޯލީޝަނުގެ ބައިވެރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައުލޫމާތު އާއްމުވެފައި ވަނީ ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލަ އެފްބީއައި އިން ތަހުގީގު ކުރަމުން ދަނިކޮށެވެ. ރަޝިޔާގެ އޮފިޝަލުންނާ ޓްރަމްޕް ބައްދަލު ކުރައްވާފައި ވަނީ އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ މަގާމުން ވަކިކުރިތާ އެއް ދުވަސް ފަހުންނެވެ.

ޕޯސްޓުގެ ރިޕޯޓާ ގުޅިގެން ވައިޓްހައުސް އިން ވަނީ ފުލުފުލާ ބަޔާންތައް ނެރެ އެކަން ދޮގު ކޮށްފަ އެވެ. އެންމެ ފަހުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗް.އާރު މެކްސްޓާ މެދުވެރިކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފަ އެވެ.

"އާއްމުންނަށް ނޭނގޭ އެއްވެސް މައުލޫމާތެއް ރަޝިޔާގެ އޮފިޝަލުންނަށް ޓްރަމްޕް ހާމަކުރައްވައިފައެއް ނުވޭ. އަޅުގަނޑަކީ އެ ބައްދަލުވުމުގައި އިން މީހެއް. އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ،" މެކްސްޓާ ވިދާޅުވި އެވެ.

ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓްރަމްޕާއި ރަޝިޔާގެ ޚާރިޖީ ވަޒީރު މަޝްވަރާ ކުރައްވާފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ނަމަވެސް އަސްކަރީ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ޓްރަމްޕް ނުދެއްވާ ކަމަށް ޓިލަސަން ވިދާޅުވި އެވެ.

ޓްރަމްޕާއި ރަޝިޔާގެ އޮފިޝަލުންގެ ބައްދަލުވުމަށް އެމެރިކާގެ އެއްވެސް މީޑިއާއަކަށް ދައުވަތެއް ނުދެ އެވެ. ނަމަވެސް ރަޝިޔާގެ ރަސްމީ މީޑިއާ ބައިވެރިކޮށްފައިވެ އެވެ.