Roadha Mihaaru
"މިއީ އަނެއް ބުރަށްދާން މަސައްކަތް ފަށަންވީ ވަގުތު"

މިއީ އަނެއް ބުރަށްދާން މަސައްކަތް ފަށަންވީ ވަގުތު: ސެކުލޮސްކީ

16 މެއި 2017

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު ޑާކާ އަބަހާނީ ލިމިޓެޑާއި ދެކޮޅަށް ކުޅޭ މެޗަކީ މި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދަން ކުރާ މަސައްކަތުގެ ފެށުން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު ޑާކާ އަބަހާނީ ލިމިޓެޑާއި ދެކޮޅަށް ކުޅޭ މެޗަކީ މި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދަން ކުރާ މަސައްކަތުގެ ފެށުން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ފޯމެޓަށް މި ފަހަރު ގެނައި ބަދަލާ އެކު މި ޒޯނުން ކޮންމެ ގްރޫޕަކުން އަނެއް ބުރަށްދާނީ އެއް ވަނަ ޓީމެވެ. މާޒިޔާ މި ވަގުތު ގްރޫޕް އީގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ބެންގަލޫރުއާ އެއް ވަރަށް ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ބެންގަލޫރަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. ތިން ވަނައިގައި މޯހަން ބަގާން އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. އަދި ފުލުގައި އޮތް އަބަހާނީ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ސެކުލޮސްކީ ބުނީ އަބަހާނީ އައީ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ 12 ވަރަކަށް ކުޅުންތެރިންނާ އެކު ކަމަށާއި ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ވެސް ތިބި ޓީމެއް ކަމަށް ވުމުން މި މެޗު އެއްވެސް ގޮތަކަށް ފަސޭހަކޮށް ނުނަގާނެ ކަމަށެވެ.

"އަބަހާނީ މެޗަކީ ވަރަށް ވަރުގަދަ މެޗެއް. އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ފެންވަރު އެ އަންނަނީ ސާބިތުކޮށްދެމުން. ބައެއް މެޗުތަކުގައި އެ ޓީމުން ބަލިވެފައި ހުރީ ފަހު ފަހެއް ނޫނީ ދިހަ ވަރަކަށް މިނިޓް ތެރޭގައި. އެކަމު އެ ޓީމު ބެންގަލޫރު އަތުން ހޯދި މޮޅާ އެކު ހުރިހާ ކަމެއް ބަދަލުވެއްޖެ،" ސެކުލޮސްކީ ބުންޏެވެ.

"އަހަރެމެން ވަރަށް މޮޅަށް ކުޅެން ޖެހޭނެ މެޗެއް މިއީ. ދެން އޮތް ބުރަށްދާން ކުރާ މަސައްކަތުގެ ފެށުން މިއީ. މި މެޗުން މޮޅުވުމަަށް ފަހު ދެން އިންތިޒާރު ކުރަންވީ މި މަހު 31 ވަނަ ދުވަހު ބެންގަލޫރުގައި އޮތް މެޗަށް. ފުރަތަމަ އަމާޒަކީ އަބަހާނީ އަތުން މޮޅުވުން."

އޭނާ ބުނީ މި މެޗަށް ނުކުންނައިރު ވެސް މާޒިޔާ އަށް ދިމާވެފައިވަނީ އެންމެ މައްސަލައެއް ކަމަށެވެ.

"މިއީ 30 ދުވަހުގެ ތެރޭގައި އަހަރެމެން ކުޅޭ 8 ވަނަ މެޗު. އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗަށް ނުކުންނައިރު ދިމާވެފައި އޮތީ ޓެކްނިކަލް ނޫނީ ޓެކްޓިކަލް މައްސަލައެއް ނޫން. ހަމައެކަނި މައްސަލައަކީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ އޮތް ވަރުބަލިކަން. މި ހާލަތުގައި ބޭނުންވަނީ ކުޅުންތެރިން ރަނގަޅަށް ރިކަވާކޮށް މެޗަށް ތައްޔާރުވާން،" ކުރިން ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް މާޒިޔާ ކުޅުނު ކޮންމެ މެޗެއްގައި ވެސް އެ ޓީމުން ވަނީ އިތުބާރާ އެކު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ކުޅުނު 12 މެޗުގެ ތެރެއިިން ބަލިވީ ބެންގަލޫރު އަތުން މާލޭގައި ކުޅުނު މެޗުންނެވެ. އެ މެޗުގައި ވެސް ބެންގަލޫރުން ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ.

މި ކުޅުންތެރިންނަށް އިތުބާރު އެބައޮތް. އަހަންނަށް އެނގޭ މި ކުޅުންތެރިން ދަނޑުމަތީގައި އެ ކުރާ ހިތްވަރާ އެކު ކުޅެފިއްޔާ ނަތީޖާ ނެރޭނެކަން. މާދަމާ ވެސް ބޭނުންވަނީ އެ ހިތްވަރު. އަބަދުވެސް އަހަރެން ކުޅުންތެރިން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން،" ސެކުލޮސްކީ ބުންޏެވެ.

އަބަހާނީގެ ކޯޗަކީ ރާއްޖޭގެ ގައުމީ ޓީމަށް 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ކޯޗުކޮށްދިން ޑްރަގޯ މަމިޗެވެ. މާޒިޔާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ މަމިޗްގެ ކޯޗުކަމުގައި ކުޅުނު ކުޅުންތެރިންނެވެ. ސެކުލޮސްކީ ބުނީ މީގެއިން އެއްވެސް ޓީމަކަށް ނެގޭނެ އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"ކުރީގެ ކޯޗު (މަމިޗް) އަށް މި ކުޅުންތެރިން އެނގެނީ މީގެ ތިން އަހަރު ކުރިން. މި ކުޅުންތެރިން މިހާރު ހުރި ފެންވަރު ޑާކާގައި ކުޅުނު މެޗުގެ ކުރިން ވެސް އެނގޭނެ. އެކަމަކު އޭގެން ދެއްކުނު ތަފާތެއް ނެތް. ކުޅުންތެރިންނާ ބެހޭގޮތުން މައުލޫމާތު ހޯދުން އެއީ މުހިއްމު ކަމެއް. އެކަމަކު އަބަހާނީ އަށް އެ އެޑްވާންޓޭޖް އޮތް ކަމަށް ނުދެކެން،" ސެކުލޮސްކީ ބުންޏެވެ.

އަބަހާނީ ދަނޑުގައި މާޒިޔާ 2-0 އިން މޮޅުވި ނަމަވެސް މާދަމާގެ މެޗު މުޅިން ތަފާތުވާނެ ކަމަށާއި ކުޅުންތެރިން ކުރަން ޖެހޭ މަސައްކަތް ވެސް އިތުރުވާނެ ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

އަބަހާނީ އާއި މާޒިޔާ ކުޅޭ މެޗު ފަަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.