Roadha Mihaaru
މިއީ އިންސާފުވެރި ނަތީޖާއެއް ނޫން: ސެކުލޮސްކީ

މިއީ އިންސާފުވެރި ނަތީޖާއެއް ނޫން: ސެކުލޮސްކީ

01 ޖޫން 2017

އޭއެފްސީ ކަޕުގައި ރޭ އިންޑިއާގެ ބެންގަލޫރު އަތުން 1-0 އިން ބަލިވެ މުބާރާތުގެ ދެ ވަނަ ބުރުން މާޒިޔާ އަށް ޖާގަ ގެއްލުނުއިރު، ރޭގެ މެޗުގައި ބެންގަލޫރުގެ ފަރާތުން ފެނުނީ އިހުތިރާމެއް ނެތް ކުޅުމެއް ކަމަށާއި ނަތީޖާ އިންސާފުވެރިކަމަށް ނުބެލެވޭ ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕުގައި ރޭ އިންޑިއާގެ ބެންގަލޫރު އަތުން 1-0 އިން ބަލިވެ މުބާރާތުގެ ދެ ވަނަ ބުރުން މާޒިޔާ އަށް ޖާގަ ގެއްލުނުއިރު، ރޭގެ މެޗުގައި ބެންގަލޫރުގެ ފަރާތުން ފެނުނީ އިހުތިރާމެއް ނެތް ކުޅުމެއް ކަމަށާއި ނަތީޖާ އިންސާފުވެރިކަމަށް ނުބެލެވޭ ކަމަށް މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ދެ ވަނަ ބުރަށް ދެވެން އޮތްއިރު، މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ބެންގަލޫރު ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ބެންގަލޫރަށް އެއް ވަނަ ލިބުނީ މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ދެ ޓީމު ބައްދަލުކުރި ދެ މެޗުން ވެސް ކުރި ހޯދާފައިވާ ހެޑް-ޓު-ހެޑް އިންނެވެ. ދެ ޓީމަށް ވެސް ލިބުނީ ހަ މެޗުން 12 ޕޮއިންޓެވެ.

"މި މެޗުގައި އަހަރެން އެންމެ ހިތާމަކުރާ އެއް ކަމަކީ ފުޓްބޯޅައިގެ އެންމެ މުހިއްމު އެއް ކަންތައް އެއީ އިހުތިރާމް ކުރުން. އެކަމެއް ނުފެނުނު މި މެޗުގައެއް. މުޅި މެޗުގައި އިހުތިރާމް އޮތީ އިދިކޮޅަށް އޮތް ޓީމަށް،" ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ރޭގެ މެޗަށް ފަހު ފާހަގަކުރި އެންމެ ބޮޑު ކަމަކީ މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުގައި ބެންގަލޫރުގެ ޑިފެންޑަރު ސަންދޭސް ޖިންގަން މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ބޯޅަ ނެތިސް ހަމަލާ ދިންއިރު އޭނާ އަށް ރަތް ކާޑު ނުދެއްކުމެވެ.

"ބެންގަލޫރު ކުޅުންތެރިއާ (ޖިންގަން) އަހަރެމެންގެ ކުޅުންތެރިއަކަށް ބޯޅަ ނެތީސް ހަމަލާދިންއިރު އޭނާ އަށް ރަތް ކާޑު ދައްކަން ޖެހޭ. އެކަމަކު ރެފްރީ އޭނާ އަށް ދެއްކީ ރީނދޫ ކާޑެއް. އެ ރަތް ކާޑު ދެއްކިނަމަ މި މެޗު ވަރަށް ބޮޑަށް ބަދަލުވާނެ. އަހަރެމެންގެ ކުޅުންތެރިން ޗޭންޖިން ރޫމުގައި އެދަނީ ހިތާމަކުރަމުން. އެއީ އެ ކުޅުންތެރިންނަށް ބޭނުންވާ އިހުތިރާމާއި އިންސާފެއް މި މެޗުގައި ނުލިބުނު،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކުރިން ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ މާލޭގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޖިންގަން މާޒިޔާގެ ކުޅުންތެރިންނަށް ހަތަރު ވަރަކަށް ފަހަރު ބޯޅަ ނެތިސް ހަމަލާދިން ކަަމަށެވެ.

މެޗުން މޮޅުވާން މާޒިޔާ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށް ސެކުލޮސްކީ ވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

"ވަރަށް ވަރުގަދަ ބެންގަލޫރު ޓީމަކާ ދެކޮޅަށް މާޒިޔާ ކުޅުންތެރިން މި ކުރި ހިތްވަރު ފާހަގަކޮށް ހުރިހާ ކުޅުންތެރިންނަށް ޝުކުރުއަދާކުރަން ބޭނުން. މެޗުން މޮޅުވާން ކުޅުންތެރިން ވަރަށް ހިތްވަރުކުރި،" ސެކުލޮސްކީ ބުންޏެވެ.

މިއީ މާޒިޔާ އޭއެފްސީ ކަޕްގައި ވާދަކުރި ފަސް ވަނަ ފަހަރެވެ. މި އަހަރަކީ އެ ޓީމުން މި މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު ފަހަރެވެ.