Roadha Mihaaru
މާޒިޔާ އަށް ދެ ވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެ

ބެންގަލޫރު އަތުން ބަލިވެ މާޒިޔާ އަށް ދެ ވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެ

31 މެއި 2017

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ރަށުން ބޭރުގައި 1-0 އިން ބަލިވެ ދެ ވަނަ ބުރުގެ ފުރުސަތު ރާއްޖޭގެ މާޒިޔާ އަށް ގެއްލިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ރަށުން ބޭރުގައި 1-0 އިން ބަލިވެ ދެ ވަނަ ބުރުގެ ފުރުސަތު ރާއްޖޭގެ މާޒިޔާ އަށް ގެއްލިއްޖެ އެވެ.

މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ދެ ވަނަ ބުރަށް ދެވެން އޮތްއިރު މިރޭގެ މޮޅާ އެކު މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ބެންގަލޫރު ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ބެންގަލޫރަށް އެއް ވަނަ ލިބުނީ މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ދެ ޓީމު ބައްދަލުކުރި ދެ މެޗުން ވެސް ކުރި ހޯދާފައިވާ ހެޑް-ޓު-ހެޑް އިންނެވެ. ދެ ޓީމަށް ވެސް ލިބުނީ ހަ މެޗުން 12 ޕޮއިންޓެވެ.

ދެ ވަނަ ބުރުން ފުރުސަތު ނުލިބުނަސް މި ފަހަރުގެ މުބާރާތް މާޒިޔާ އަށް ކާމިޔާބެވެ. އެ ޓީމު ވަނީ ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗުން ފިޔަވައި އަނެއް ހަތަރު މެޗުން މޮޅުވެފަ އެވެ. ބެންގަލޫރު އަތުން މާލޭގައި ބަލިވީ ފަހު ސިކުންތުކޮޅުގައި ވަން ގޯލުންނެވެ،

މިރޭގެ މެޗުގައި ބެންގަލޫރުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަނިޔާގެ ސަބަބުން ނުކުޅޭނެ ކަމަށް ބެލެވުނު ފޯވާޑް ސުނިލް ޗެތުރީ އެވެ.

ބެންގަލޫރުގައި ކުޅުނު މި މެޗުގެ ފަށައިގެން މާޒިޔާ އިން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެންނެވެ. ބެންގަލޫރުގެ އެޓޭކްތައް ހުއްޓުވުމުގައި މާޒިޔާ އިން ފުރަތަމަ ހާފުގައި ކުރި ހޯދި އެވެ.

ފުރަތަމަ ހާފްގައި މާޒިޔާ އިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މެޗުގެ ހަ ވަަނަ މިނިޓްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ދިން ބޯޅައެއް އޭރިއާ ބޭރު ރޮނގުކައިރިން ޔަސްފާދު ހަބީބު (މުލަކޭ) ފޮނުވާލުމުން ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.

މި ހާފްގައި މާޒިޔާ އަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ސާބިއާގެ ފޯވާޑް އަލެކްސަންޑަ ރަކިޗެވެ. މެޗުގެ 17 ވަނަ މިނިޓްގައި ސަމޫހު އަލީ (ސަމުއްޓެ) ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ވެއްޓިގެންފައި ރަކިޗް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އޭގެ ފަހުން މުލަކޭ އާއި މުހައްމަދު އިރުފާން (އިރޭ) ފޮނުވާލި ދެ ހަމަލާ ބެންގަލޫރުގެ ކީޕަރު އަމްރިންދަރު ސިންގް ވަނީ މަތަކޮށްފަ އެވެ. ބެންގަލޫރުގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން އޭރިއާ ތެެރެއިން މުލަކޭ ފޮނުވާލި ބޯޅަ ކީޕަރު އަމްރިންދަރު ވަނީ މަތަކުރިއިރު، އިރޭ ހަަމަލާ އުފެއްދީ އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓަކުންނެވެ.

ފުރަތަމަ ހާފް ފެށުން ބެންގަލޫރުގެ ދަށްކޮށް ދިޔަ ނަމަވެސް ހާފްގެ ފަހު 15 މިނިޓް އެޓީމުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މާޒިޔާ އޭރިއާ ތެރެއަށް މަތިން ބޯޅަ ހުރަސްކޮށްގެން އެޓޭކްކުރަން މަސައްކަތްކުރި ނަމަވެސް މާޒިޔާ ޑިފެންޑަރުން ކައިިރިން ކުރިހޯދޭނެ ގޮތެއް ނުވި އެވެ.

ބެންގަލޫރުން ދެ ވަނަ ހާފް ފެށީ ފުރަތަމަ ހާފް ނިންމާލި ގޮތަށް ވަރުގަދަ ކޮށެވެ. މި ހާފްގެ ކުރީކޮޅު ބޯޅަ ހިފަހައްޓައިގެން ކުޅެ ބެންގަލޫރުން ވަނީ މާޒިޔާ އަށް ނުރައްކާކޮށްފަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ޗެތުރީ ވަނީ ބެންގަލޫރަށް ލީޑު ނަގައިދީފަ އެވެ. މާޒިޔާގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ޗެތުރީ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މި ހިލޭ ޖެހުމަކީ ބެންގަލޫރުގެ ހުއާނަން އަށް މާޒިޔާގެ އަސަދުﷲ ކުރި ފައުލަކަށް ރެފްރީ ދިން ހިލޭ ޖެހުމެކެވެ.

ބެންގަލޫރުގެ ލަނޑާ އެކު މާޒިޔާ އިން ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ހޯދި އެވެ. މެޗުގެ 63 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ރަކިޗް ފޮނުވާލި ބޯޅަ ބެންގަލޫރު ކުޅުންތެރިއަކު ފައިގައި ޖެހިފައި ގޯލު ކުރިމަތިން ހުސްކޮށް ލިބުނީ މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) އަށެވެ. އޭނާ އަށް ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލެވެން އޮތް ބޯޅަ ޖެހިނަމަވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާ އިން ވަނީ މެޗުގެ ފަހު 18 މިނިޓަށް އަނިޔާގެ ސަބަބުން އަސަދުﷲގެ ބަދަލުގައި ހަސަން ޝިފާޒް (ޑުންގާ) ވަނީ ކުޅެން އަރުވައިފަ އެވެ. އަދި މުލަކޭގެ ބަދަލުގައި ހުސެއިން ނިޔާޒް (ބޮކުރީ) ކުޅެން އެރުވި އެވެ.

މެޗުގެ ފަހު ވަގުތު މާޒިޔާ އިން ކުރިއަށް ޖެހިގެން ގިނަ އެޓޭކްތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. މާޒިޔާގެ އެޓޭކްތައް ހުއްޓުވުުމުގައި ބެންގަލޫރުގެ ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މިއީ މާޒިޔާ އޭއެފްސީ ކަޕްގައި ވާދަކުރި ފަސް ވަނަ ފަހަރެވެ. މިދިޔަ އަހަރު ތަކުގައި މާޒިޔާ އަށް މި މުބާރާތުގައި އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވި ނަމަވެސް މި ފަހަރު މަރްޔާން ސެކުލޮސްކީގެ ކޯޗުކަމުގައި އެ ޓީމުން ޖުމްލަކޮށް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.