Roadha Mihaaru
ބޮޑު މެޗަށް އަސަދުﷲ ފިޓްވެ މާޒިޔާއަށް ހިތްހަމަޖެހުމެއް

ބޮޑު މެޗަށް އަސަދުﷲ ފިޓްވެ މާޒިޔާއަށް ހިތްހަމަޖެހުމެއް

29 މެއި 2017

އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް އަންނަ ބުދަ ދުވަހު ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ކެޕްޓަން އަސަދުﷲ އަބްދުﷲ ފިޓްވެ، މާޒިޔާ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް އަންނަ ބުދަ ދުވަހު ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ކެޕްޓަން އަސަދުﷲ އަބްދުﷲ ފިޓްވެ، މާޒިޔާ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ވިކްޓަރީ އަތުން 1-0 އިން ބަލިވި މެޗުގައި އަނިޔާގެ ސަބަބުން އަސަދުﷲ ނުކުޅެ އެވެ. އެ ދުވަހު މެޗަށް ފަހު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ އުއްމީދުކުރަނީ ބެންގަލޫރު މެޗަށް އަސަދުﷲ ފިޓްވާނެ ކަމަށެވެ.

އަސަދުﷲ "މިހާރަ"ށް ބުނީ މެޗަށް ފިޓްވެފައި ކަމަށާއި ބެންގަލޫރާ ދެކޮޅަށް އޭނާ ކުޅޭނެ ކަމަށެވެ.

"މެޗަށް ފިޓް. މިހާރު ހުރިހާ ސަމާލުކަމެއް ހުރީ މެޗަށް. އުއްމީދަކީ ރަނގަޅު ނަތީޖާއެއް ހޯދަން. މިއީ ކުރިއަށްދާން ލިބޭ ބޮޑު ފުރުސަތެއް،" މި ސީޒަނުގެ މިހާތަނަށް މާޒިޔާ އަށް 11 ލަނޑު ޖަހައިދީފައިވާ އަސަދުﷲ ބުންޏެވެ.

މިއީ މާޒިޔާ އޭއެފްސީ ކަޕްގައި ކުޅޭ ފަސް ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމަށް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވިފައެއް ނުވެ އެވެ. އެހެން ނަަމަވެސް މި ފަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް އެ ޓީމަށް ބޮޑު ފުރުސަތެއް އެބައޮތެވެ.

މާޒިޔާ ގްރޫޕް އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ބަގާން ތިން ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އޭއެފްސީ ކަޕް ފޯމެޓަށް މި ފަހަރު ގެނައި ބަދަލާ އެކު މި ޒޯނުގެ ގްރޫޕްތަކުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނީ ގްރޫޕްގެ އެއް ވަނަދާ ޓީމަށް އެކަންޏެވެ. ބެންގަލޫރާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗުން މާޒިޔާ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ ވަނީ މިއީ ދިވެހި ފުޓްބޯޅައިގައި ފަހުގެ ތާރީހުގައި ކުޅޭނެ އެންމެ މުހިއްމު އެއް މެޗު ކަމަށް ބުނެފަ އެވެ.

"މިއީ މާޒިޔާ އެކޭ އެއްގޮތަށް ދިވެހި ފުޓްބޯޅަ އަށް ވެސް މުހިއްމު މެޗެއް. ދިވެހި ފުޓްބޯޅަ ތާރީހުގައި ވެސް ބޮޑު މެޗެއް. އޭއެފްސީ ކަޕްގައި ދިވެހި ކްލަބްތަކުގެ ނަތީޖާ ރަނގަޅެއް ނޫން. މިއީ އެކަން ބަދަލުކޮށް ދިވެހި ފުޓްބޯޅަ އަށް ކުރިއަށް ފިޔަވަޅެއް އެޅެން އޮތް މެޗެއް،" މި މަހު 17 ވަނަ ދުވަހު ޑާކާ އަބަހާނީ އަތުން މާލޭގައި 2-0 އިން މޮޅުވި މެޗަށް ފަހު ސެކުލޮސްކީ ބުންޏެވެ.

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު ފަނަހައަޅައި މިހާތަނަށް ދިޔަ ހަމައެކަނި ދިވެހި ކްލަބަކީ ނިއު ރޭޑިއަންޓެވެ. އެ ޓީމުން 2005 ގައި ސެމީ ފައިނަލުން ޖާގަ ހޯދިއިރު 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅުނެވެ.

މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 18:45 ގަ އެވެ.