Roadha Mihaaru

ވިއްސާރައިގައި އައްޑޫން 23 ގެއަކަށް ގެއްލުންވެއްޖެ

އައްޑު އަށް ރޭ ބޯކޮށް ވާރޭ ވެހި މިހާތަނަށް 23 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ވިއްސާރައިގައި އައްޑޫން 23 ގެއަކަށް ގެއްލުންވެއްޖެ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

29 މާޗް 2021

އައްޑު އަށް ރޭ ބޯކޮށް ވާރޭ ވެހި މިހާތަނަށް 23 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ފެން ވަދެ، ގެއްލުންވުމުގެ އިތުރަށް ގަދަ ވަޔާ އެކު ބައެއްގެ ގޭގެ ފުރާޅުން ޓިނު ވެސް އެއްލާލާފައިވެ އެވެ. އައްޑޫން ގެއްލުން ލިބުނު ގެތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫން ނުވައެއް، ފޭދޫން އަށެއް މަރަދޫން ތިނެއް، މަރަދޫފޭދޫން އެކެއް އަދި މީދޫން ދެ ގެއެކެވެ.

ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ސިފައިންނާއި ފުލުހުންނާއި ކައުންސިލްގެ މުވައްޒަފުން އަންނަނީ ގެއްލުންވި ގެތަކަށް ވެލި ބަސްތާތައް ޖަހައިދިނުމާއި ފެން ހިންދުން މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ރޭގެ އެކި ވަގުތުތަކުން ފެށިގެން ފަތިހާ ހަމައަށް ބޯކޮށް ވާރޭ ވެހިފައިވެ އެވެ. އަދި ވައި ގަދަވުމުގެ ސަބަބުން ގަސްތަކެއް ވެސް ވެއްޓިފައިވާ އިރު އެ ތަކެތި ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.