18 މެއި 2017
މީގެ މަހެއްހާ ދުވަސް ކުރިން ލިޔުނު ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އިސް އޮފިސަރަކު އަޅުގަނޑަށް ވިދާޅުވި އެވެ؛ "އޭރު މިއީ ގޮޅާ ފޯސް. އޭގެ ފަހުން ވީ ގަންޖާ ފޯސް އަށް. ދެން ވީ މަނީ މަނީ ޔެސް ސާ އަށް. މިމީހުންނަށް ދުވަހަކު ވެސް ފުލުހުން ރަނގަޅެއް ނުވާނެ. އަބަދުވެސް އޮންނާނީ ފުލުހުން ގޯސްވެފައި. ފުލުހުންގެ މީހަކު ކުރާ ކަމަކުން މުޅި މުއައްސަސާ ބަދުނާމު ވެގެން ނުވާނެ."
މީގެ މަހެއްހާ ދުވަސް ކުރިން ލިޔުނު ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އިސް އޮފިސަރަކު އަޅުގަނޑަށް ވިދާޅުވި އެވެ؛ "އޭރު މިއީ ގޮޅާ ފޯސް. އޭގެ ފަހުން ވީ ގަންޖާ ފޯސް އަށް. ދެން ވީ މަނީ މަނީ ޔެސް ސާ އަށް. މިމީހުންނަށް ދުވަހަކު ވެސް ފުލުހުން ރަނގަޅެއް ނުވާނެ. އަބަދުވެސް އޮންނާނީ ފުލުހުން ގޯސްވެފައި. ފުލުހުންގެ މީހަކު ކުރާ ކަމަކުން މުޅި މުއައްސަސާ ބަދުނާމު ވެގެން ނުވާނެ."
ރަނގަޅު ވާހަކައެކެވެ. ނަމަވެސް އެ ހުރިހާ ބަދުނާމެއް ފުލުހުންނަށް ރައްދު ވަނީ ކީއްވެ ހެއްޔެވެ؟ މިއީ ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ. ފުލުހުން އެ ސުވާލުގެ ޖަވާބު ހޯދައި އެ ބަދުނާމުން ސަލާމަތް ވާން މަސައްކަތް ކުރޭ ހެއްޔެވެ؟
ފުލުހުން ކޮންމެ ދުވަހަކު އެތައް މައްސަލައެއް ތަހުގީގު ކުރެ އެވެ. އެތައް ބައެއްގެ ފަރާތުން ބަޔާންތައް ނަގަ އެވެ. ދައުވާ ކުރަން އެތައް މައްސަލައެއް ޕީޖީ އަށް ފޮނުވާނެ އެވެ. ތަފާތު ތުހުމަތުގައި އެތައް ބަޔަކު ހައްޔަރު ކުރެ އެވެ.
ނަމަވެސް އާންމުންނަށް މި ކަންކަމެއް ނޭނގެ އެވެ. އާންމުންނާ ހަމައަށް މީޑިއާތަކުގެ ޒަރީއާ އިން ތިލަވަނީ ވަރަށް މަދު ކަމެކެވެ. އެއީ ވެސް ސިޔާސީ ގޮތުން ތަންކޮޅެއް "ވަރި ބޯ" މީހެއްގެ މައްސަލައެއް ފުލުހުންގެ އިދާރާގައި އުޅޭ ނަމަ އެވެ. އެފަދަ މައްސަލައެއް މަހަކު އެއް ފަހަރު ވެސް ފުލުހުން ނުބަލާނެ އެވެ.
އެންމެ ފަހުން ފުލުހުން ބަލަމުންދާ މިފަދަ އެންމެ މަޝްހޫރު ދެ މައްސަލަ އަކީ، ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ މާމިގިލީ ދާއިރާގެ މެންބަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ މައްސަލަތަކެވެ. މިއީ ސިޔާސީ ދެ ބޭފުޅެއްގެ މައްސަލަތަކަކަށް ވުމުން ފުލުހުންނަށް ފާޑިކިޔުންތައް އަމާޒު ވުމަކީ ތަބީއީ ކަމެކެވެ.
އެއާ ޚިލާފަށް، މި ދެ މައްސަލައިގައި ފުލުހުން ބައެއް ފަހަރަށް ޗާޓުން ބޭރުން އަމަލު ކުރަމުންދާ ކަން، އިތުރު ޝައްކަކާ ނުލައި މިވަނީ ހާމަވެފަ އެވެ. އެންމެ ފުރަތަމަ ކަމަކަށް ގާސިމް އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން ކޯޓަށް ދޮގު ބަޔާނެއް ދިން ކަން ކޯޓުގެ ލިޔެކިޔުމުން މިހާރު ވަނީ ހާމަވެފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކުރާތީ އޭނާއާ އެކު އެ ސަރަހައްދަށް އެއްވި މީހުން ފަހަތަށް ޖައްސަން ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ދުވަސްކޮޅެއް ކުރިން އެންމެ ފުރަތަމަ ގާސިމް ހައްޔަރު ކުރި އިރު ވެސް، ފުލުހުން އެކަން ކުރީ ގާނޫނާ ޚިލާފަށް ކަން ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި، މި މަހުގެ 10 ވަނަ ދުވަހު ފުލުހުން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ގާސިމްގެ މައްޗަށް ކުރާ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފިންތޯ ގާޒީ، ފުލުހުންނާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ފުލުހުން ބުނީ ގާސިމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ނުވާ ކަމަށެވެ.
ފުލުހުންގެ އެ ބުނުމުގެ މައްޗަށް ބިނާކޮށް، ގާސިމް ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރު ކުރީ، ގާސިމްގެ ޒާތީ އެތައް މިނިވަންކަމެއް ހަނިވާ ގޮތަށް ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުނެވެ. އަނެކުންނާ އެކު މިނިވަންކަމާ އެކު މުއާމަލާތު ކޮށް އުޅުމުގެ ހައްގަށް ހުރަސްއެޅުނެވެ. އަމިއްލަ ގޯތިގެދޮރު ފުރިހަމަ މިނިވަންކަމާ އެކު ބޭނުން ކުރުމުގެ ހައްގަށް ހުރަސް އެޅުނެވެ.
މިއީ ފުލުހުން ބުނާ ކިތަންމެ ކުޑަ ބަހެއްގެ ސަބަބުން ވެސް މީހެއްގެ ހައްގުތައް ގެއްލިދާނެ ކަމުގެ ވަރަށް ކުޑަކުޑަ، ނަމަވެސް ދިރިހުރި މިސާލެކެވެ.
ފުލުހުން ކޯޓުގައި އެހެން ބުނިތާ ހަ ދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި ފުލުހުން ބުނެފައިވަނީ، އެ ދުވަހު ކޯޓުގައި އެ ގޮތަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ. ސުވާލަކީ އެވަރުގެ ކަމެއް ހިނގައިދާ އިރު، އެއީ މައުލޫމާތުގެ ކުށެއް ކަން ވެސް އެނގެނީ ހަފުތާއެއް ފަހުން ހެއްޔެވެ؟ ފުލުހުންގެ އިދާރީ ހިންގުން ހަމަ އެހާ ދޯދިޔާ ހެއްޔެވެ؟
ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވި ގޮތުގައި ފުލުހުންގެ އިދާރީ ކަންތައް ހުންނާނީ އޮޅިގެން އެފަދަ ކަންކަން ނުކުރެވޭހާ ފުރިހަމައަށް އިންތިޒާމު ކުރެވިފަ އެވެ.
"އޮޅުނު ކަމަށް ބުނާ އިރު، ޕޮލިސްގައި އޮންނާނެ އިލޮކްޓްރޯނިކް ސިސްޓަމެއް. އެ ސިސްޓަމްގެ ތެރެއިން ދާނީ ޕީޖީ އޮފީހަށް ފޮނުވާ ކޮންމެ މައްސަލައެއް ވެސް. އިލެކްޓްރޯނިކަލީ ޖެނެރޭޓެޑް ރިޕޯޓެއް، އެ ރިޕޯޓްގައި ޖެހިފައި ހުންނަ ނަންބަރަކީ ވެސް އިލެކްޓްރޯނިކް އެއްޗެއް. އެކަން ކުރެވޭނީ އެ މައްސަލައެއް ތަހުގީގު ކުރާ މީހަކަށް. އެހެންވީމާ އޮޅިގެން ނުވަތަ ނޭނގިއެއް ނޫން، އެ ސިސްޓަމްގެ ތެރެއިން ޕީޖީ އަށް މައްސަލަ ފޮނުވާނީ،" ރިޔާޒް ވިދާޅުވި އެވެ.
މީހެއްގެ ތަހުގީގާ ބެހޭ ގޮތުން ފުލުހަކު ކޯޓުގައި ބުނާ ބަހަކީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ހީއެއްގެ މައްޗަށް ބުނާ ބުނުމެއް ނޫނެވެ. އެއީ ފުލުހުންގެ މުޅި މުއައްސަސާގެ ބުނުމެކެވެ. އެއީ ގާނޫނީ ގޮތުން ބުރަދަން ހުރި އިތުބާރު ބުނުމެއް ކަމުގައި ނޫނީ ނުވާނެ އެވެ.
ފުލުހުންގެ ބަންދުގައި ގާސިމް ބެހެއްޓުމަށް ފަހު އޭޕްރީލް 9 ވަނަ ދުވަހު ހައި ކޯޓުން މިނިވަންކުރުމާ ގުޅިގެން ކޯޓުން ބޭރުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އަދި ޖޭޕީގެ އެހެން ބައެއް ބޭފުޅުންނާ އެކު --މިހާރު ފޮޓޯ: ހުސައިން ވަހީދު
"އެއީ މާތް ﷲ ގަންދީ ހުވައި ކޮށްފައި ދައްކާ ވާހަކަތަކެއް. ޝަރީއަތުގެ މަޖިލީހުގައި ދޮގު ހެކި ދިނުން، ދޮގު ބަޔާނެއް ދިނުން އެއީ ގާނޫނުގައި ވަރަށް ބޮޑު ކުށެއް. އެއީ ސީރިއަސް މައްސަލައެއް،" ރިޔާޒު ވިދާޅުވި އެވެ.
"އެ ދުވަހު ވެސް ފުލުހުން ކޯޓުގައި އެދުނީ ގާސިމް ބަންދުގައި ބަހައްޓަން. ޝަރުތުތަކެއް ކަނޑައަޅާފައި ދޫކޮށްލާކަށް ނޫން. އޭރު އެ މައްސަލަ އޮތީ ފުލުހުން ޕީޖީ އަށް ފޮނުވުމުން، ދައުވާ ނުކުރަން ޕީޖީން ކަނޑައަޅާފައި އަނބުރާ ފޮނުވާލާފައި. ޕީޖީން އެ ގޮތަށް ވިދާޅުވެފައި އޮއްވާ އިތުރަށް 15 ދުވަސް ހޯދަން މި ދިޔައީ ހަމަ އޮޅިގެންތޯ ނޫނީ ވަކި ފަރާތަކުން ޕްރެޝާކޮށްގެން އެ ގޮތަށް ބުނަން އެންގީމާތޯ، މިކަންކަން ބެލީމާ އެނގޭނީ."
ގާސިމްގެ މައްސަލައިގައި ފުލުހުން ކޯޓުގައި ނުބައި މައުލޫމާތެއް ދިން އިރު، އެކަން އާންމުންނާ ހަމައަށް ތިލަވީ އެއީ މަޝްހޫރު ސިޔާސީ ލީޑަރަކަށް ވީމަ އެވެ. ރާއްޖޭގެ ހުރިހާ މީޑިއާތަކެއް ފާރަލައި ބަލަމުން ދިޔަ އެ ވަރުގެ މައްސަލައެއްގައި ފުލުހުން އެފަދަ ގޯހެއް ހެދި އިރު، މީޑިއާ އާއި އާންމުންގެ އެއްވެސް ސަމާލުކަމެއް ނުލިބި ހިނގާ، އާންމު ރައްޔިތުންގެ މައްސަލަތަކުގައި މިފަދަ ކިތައް ގޯސް ހަދާފައި ހުންނާނެތޯ ސުވާލު އުފެދެ އެވެ.
ރިޔާޒްގެ މައްސަލައިގައި ވެސް، މިހާތަނަށް ބުނެވެން އޮތީ ފުލުހުން ހެދީ ދޮގު ކަމަށެވެ. ރިޔާޒު ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ އަނބުރާ ގެނައުމަށް ޕީޖީގައި އެދުމަށްޓަކައި ކުށުގެ ރެކޯޑް ސާފުކުރާ ފޯމު ހުށަހެޅުމުން ފުލުހުން ބުނެފައިވަނީ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް އިތުރު ދެ މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް ޕީޖީ އޮފީހުން ބުނެފައިވަނީ މިހާރު އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ ފިޔަވައި އެހެން މައްސަލައެއްގައި ދައުވާ ކުރަން އެ އޮފީހަށް ހުށަހަޅާފައި ނެތް ކަމަށެވެ. ހަމަގައިމު ވެސް ފުލުހުން އެހެން ބުނި ކަމަށް ރިޔާޒް ވިދާޅުވި ވާހަކަތައް ވެސް އަދި ފުލުހުންގެ އެ ބުނުމަށް ޕީޖީން އިންކާރު ކުރުމުން ވެސް ފުލުހުން މިހާތަނަށް ރައްދެއް ދީފައެއް ނުވެ އެވެ.
އެހެންކަމުން މިއީ ވެސް ފުލުހުންނަށް އެރި އޮޅުމެއް ކަމަށް ބަލަންވީ ހެއްޔެވެ؟ ނޫނެކެވެ. ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑު އިތުބާރެއް ކުރަން ޖެހޭ މުއައްސަސާ އަބަދު އޮޅުމެއްގެ ތެރޭގައި އޮންނާނެ ކަމަށް ގަބޫލު ކުރަން ދައްޗެވެ.
"މިއީ ވަކި ނަތީޖާއެއް ނެރެން ވަކި ބަޔަކު ލައްވާ ވަކި ގޮތަކަށް މަސައްކަތް ކުރީމާ ހެދޭ ގޯސް. އަޅުގަނޑު އަބަދު ވެސް ބުނަން ގޯހުން ރަނގަޅެއް ނުނިކުންނާނޭ. ގޯހުން ނުކުންނާނީ ހަމަ ގޯސް،" ރިޔާޒް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ދައުރުގައި ވެރިން އެންގިހާ ކަމެއް ކުރި ބަޔަކު ފުލުހުންގެ ތެރޭގައި އުޅުމުން މުޅި މުއައްސަސާ ބަދުނާމުވި އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ފުލުހުންގެ ބައެއް ވެރިންނަށް އެޅުއްވުނީ ހަމަ އެ ޅަ އެއްޗެވެ. މިއަދު ފެންނަމުން މި ދަނީ ވެސް ހަމަ އެފަދަ މަންޒަރުތަކެއް ނޫންބާވަ އެވެ؟ މަގާމާއި މަސްއޫލިއްޔަތުގެ ދަށުން ފުލުހަކު ކިތަންމެ ކުޑަ ގޯހެއް ހެދިޔަސް، އެ ގޯހެއް ފުލުހުންގެ އިދާރާ އަށް ނިސްބަތް ވާނެ އެވެ. އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ.
ފުލުހުންނަކީ ދައުލަތުގެ އެންމެ ހައިބަތު ބޮޑު އިދާރާ އެވެ. ރައްޔިތުން އެންމެ ޖެހިލުންވާ ތަނަށް ވާންޖެހޭ ފަދައިން ރައްޔިތުން އެންމެ އިތުބާރު ކުރަން ޖެހޭ ތަން ވެސްމެ އެވެ. ފުލުހުންގެ އިދާރާއާ މެދު އޮންނަން ޖެހޭ އިތުބާރު ގެއްލިގެން ދަނީ، ފުލުހުންނަށް ހެދޭ މިފަދަ ކިތަންމެ ގޯހެއް ތަކުރާރު ވަމުންދާތީ އެވެ. ގެއްލިގެން އެ ދަނީ މުޅި މުއައްސަސާގެ އަގެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.
އަފްރާޝީމްގެ މަރުގެ ތަހުގީގެއް ނުނިމޭ: ރިޔާޒް
"ފައިސާ ގޯނި" އޯކޭ! ސަރުކާރާ ކުޅެން އުޅުން ގޯސް!
ހައްޔަރު ކުރެވުނީ "އޮޅިގެން"، ދެން ވާނީ ކިހިނެއް؟
ގާސިމްއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
މަޖިލީހުގެ ޖަލްސާތަކަށް ގާސިމް ހާޒިރު ކުރަން ޖެހޭނެ
ގާސިމްގެ އިސްތިއުނާފް ބަލައެއްނުގަތް: ވަކީލުން
"އަފްރާޝީމްގެ މަރާ ގުޅޭ ލިޔެކިއުންތައް ފުލުހަކު ނެތް"
46 ކިލޯގެ ޑްރަގްސް ގެއްލުނު މައްސަލަ މަޖިލީހަށް
ޑްރަގާއެކު ހައްޔަރުކުރާ މީހުން ދޫވާ މައްސަލަ މަޖިލީހަށް
މަޖިލީހުގެ އިދާރާ ގޮއްވާލަން ބުނި މީހާ ދޫކޮށްލައިފި