Roadha Mihaaru

ގޯނި ގޯނީގައި ފައިސާ ބެހުން އޯކޭ! ސަރުކާރާ ކުޅެން އުޅުން ގޯސް!

ޕިރާޑަށް މި ރާއްޖެ އަށް އާދެވުނީ މި ދުވަސްވަރު ނަމަ، ދިވެހިންނާއި ދިވެހިންގެ ސިފަތަކާއި އާދަތައް އޭނާ ސިފަކުރާނީ ކިހިނެއް ބާވަ އެވެ؟ ދިވެހިންނަކީ ތެދުވެރި، އަމާނާތްތެރި ބައެއްގެ ބަދަލުގައި މަކަރު ހެދުމާއި ރިޝްވަތާއި ޚިޔާނާތުން ފުރިފައިވާ ބައެއްގެ ގޮތުގައި ނޫން ހެއްޔެވެ؟ އަދުލު އިންސާފުގެ ބަދަލުގައި އަނިޔާވެރިކަމާއި ނާއިންސާފުން ކަންތައް ކުރާ ގައުމެއްގެ ގޮތުގައި ނޫން ހެއްޔެވެ؟

"ފައިސާ ގޯނި" އޯކޭ! ސަރުކާރާ ކުޅެން އުޅުން ގޯސް!
އަހުމަދު އަބުދުﷲ ސައީދު
އަހުމަދު އަބުދުﷲ ސައީދު

27 އެޕްރީލް 2017

ޕިރާޑަށް މި ރާއްޖެ އަށް އާދެވުނީ މި ދުވަސްވަރު ނަމަ، ދިވެހިންނާއި ދިވެހިންގެ ސިފަތަކާއި އާދަތައް އޭނާ ސިފަކުރާނީ ކިހިނެއް ބާވަ އެވެ؟ ދިވެހިންނަކީ ތެދުވެރި، އަމާނާތްތެރި ބައެއްގެ ބަދަލުގައި މަކަރު ހެދުމާއި ރިޝްވަތާއި ޚިޔާނާތުން ފުރިފައިވާ ބައެއްގެ ގޮތުގައި ނޫން ހެއްޔެވެ؟ އަދުލު އިންސާފުގެ ބަދަލުގައި އަނިޔާވެރިކަމާއި ނާއިންސާފުން ކަންތައް ކުރާ ގައުމެއްގެ ގޮތުގައި ނޫން ހެއްޔެވެ؟

ހަމަ ގައިމު ވެސް ކޮރަޕްޝަނާއި ފަސާދަ އަކީ މިހާރު މި ގައުމުގެ އެންމެ އާންމު ސިފަ އެވެ. އިސްލާމީ ޝަރީއަތާއި ގާނޫނުތަކުގައި ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން މަނާކޮށްފައި އޮތަސް، ގާނޫނު ހަދަން ތިބި ފަރާތްތަކުން އެ ބުނަނީ ގައުމު ތަރައްގީ ވާނީ ކޮރަޕްޝަން އޮވެގެން ކަމަށެވެ. އަދުލު އިންސާފު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުމަށް ވުރެ ވެސް ދުރު ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

ނަމަވެސް ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅައެކޭ ނުބުނެވޭނެ އެވެ. އަދި މި ފަހަކަށް އައިސް ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު، އެފަދަ މައްސަލަތަކުގައި ފަހަތު ފަޔަށް ސަރުކާރު ބުރަވަނިއްޔެކޭ ވެސް ނުބުނެވޭނެ އެވެ. އަދި އަދުލު އިންސާފުގެ ދާއިރާ އޮތީ ފުން ނިންޖެއްގައެކޭ ވެސް ނުބުނެވޭނެ އެވެ.

އެފަދަ އެއް މިސާލަކީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ މައްޗަށް މިހާރު ކުރަމުންދާ ތަހުގީގުތަކާއި ޝަރީއަތެވެ. މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްކޮށްދީފި ނަމަ، އެ މެމްބަރުން ދެ ވަނަ ދައުރަކަށް ހޮވައިދޭން މަސައްކަތް ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވުމާ އެކު ލަގަނަށް ވާންވެލި އެވެ.

އެ ވާހަކައާ ގުޅިގެން އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތާއި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން އުޅުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

ގާނޫނާ ޚިލާފަށް ކޯޓު އަމުރެއް ހޯދައިގެން ގާސިމް ހައްޔަރުކޮށް ގާނޫނާ ޚިލާފަށް ބަންދުގެ މުއްދަތު ވެސް އިތުރު ކުރި އެވެ. ނުބައި ނިޔަތެއްގައެއް ނޫނެވެ. ރިޝްވަތު ފެތުރުނަ ނުދީ މައްސަލަ އަވަހަށް ތަހުގީގުކޮށް ނިންމުމަށްޓަކައި ކަމަށް ބަލަމާ ހިނގާށެވެ. ބަޔަކު އިންތިޚާބު ކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ވިދާވުމުން، ގާސިމް ހައްޔަރުކޮށް ތަހުގީގު ކޮށް އޭނާގެ މައްޗަށް ދައުވާ އުފުލީ މަހަކަށް ވުރެ ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

އަދި މިހާރު ގާސިމްގެ މައްޗަށް އެ ވަނީ ދައުވާ އުފުލައި ޝަރީއަތް ވެސް ފަށައިފަ އެވެ. އެއީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

ގާސިމާ އެކު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ޝަރީއަތް ވެސް ދަނީ ކުރިއަށެވެ. އޭނާގެ މޮބައިލް ފޯނު، ފުލުހުންގެ ތަހުގީގުގައި ހުޅުވައި ނުދިނުމުން، ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅިކަމުގެ ދައުވާގެ ޝަރީއަތެވެ.

ހަމަ އެއާ އެކު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ވެސް މިހާރު ވަނީ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު ކޮށް ތަހުގީގު ކުރަން ފަށައިފަ އެވެ. އޭނާގެ މައްސަލަ ވެސް ފެންމަތިވެގެން އައީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ހިސާބުންނެވެ.

ގާސިމާއި ފާރިސްގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ކޮށްފައިވާ އިރު، އެއިން ބޭފުޅަކު އަދި މިހާތަނަށް އެކަމަށް އެއްބަހެއް ނުވެ އެވެ. އަދި އެއިން ބޭފުޅަކު ރިޝްވަތު ދެއްވި ކަމަކަށް ނުވަތަ ދެއްވަން އުޅުއްވި ކަމަކަށް އެއްވެސް މީހަކު މިހާތަނަކަށް ނުބުނެ އެވެ.

ފާރިސް މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ފާރިސް މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ނަމަވެސް ރިޝްވަތުގެ ފައިސާތައް ހިފައިގެން މަޖިލީހުގެ މެމްބަރުންގެ ގާތަށް ވަޑައިގެންނެވި ކަމަށް އަމިއްލަ ދުލުން، ޓީވީ ޕްރޮގްރާތަކުގައި އިއުތިރާފްވި މީހުން އެބަ އުޅެ އެވެ. އެއިން މީހަކު ހައްޔަރެއް ނުކުރެ އެވެ. ތަހުގީގު ވެސް ކޮންމެވެސް ސިފައެއްގައި ކުރެ އެވެ.

ނަމަވެސް ސުވާލަކީ، މެންބަރުން އިތުރު ދައުރަކަށް ހޮވައިދޭނެ ކަމަށް ބުނުމުން އޭނާ ހިފައި ހައްޔަރު ކުރި އިރު، ކޮރަޕްޝަންގެ ފައިސާތައް ރިޝްވަތުގެ ގޮތުގައި މެންބަރުންނަށް ބެހިކަމަށް ބުނާ މީހުން މިނިވަންކަމާ އެކު ދޫކޮށްލާފައި އެ ތިބެނީ ކޮން އުސޫލަކުން ހެއްޔެވެ؟

"ތިއީކީ އަޅުގަނޑުމެންނަށް އޮޅުމެއް އޮތް ކަމެއް ނޫން. ގާސިމަކީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވާ ބޭފުޅެއް ވީމާ، އޭނާގެ އަޑު ކަނޑުވާލަން ވެގެން ހިފައި ހައްޔަރު ކުރީ. އެހެން ބޭނުމެއް އޮވެގެންނެއް ނޫން. ދެން ފައިސާ ގޯނި ހިފައިގެން ހިނގި ކަމަށް އެއްބަސްވި މީހަކީ ސަރުކާރު ފަޅީގައި ހުރި މީހެއް. އެހެންވީމާ އޭނާގެ މައްސަލަ ބަލައިގެން ވާކަށް ނޯންނާނެތާ،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

"މިހާރު ވެސް އޭނާ ކޮޅު ބަދަލުކޮށް ސަރުކާރަށް ފާޑު ކިޔަން ފަށާ ބަލަ. އޭނާ ރިޝްވަތު ދިން ކަމަށް ވެސް ވާނެ، ހެކި ނައްތާލަން އުޅޭ ކަމަށް ވެސް ވާނެ، ނުވި ތާކަށް އޭނާއަކީ މުޖްތަމައަށް ހުރި ނުރައްކަލަކަށް ވެސް ވާނެ. ދެން ފެންނާނީ އޭނާ ހައްޔަރު ކުރާ ތަން."

އޭނާ އެ އިޝާރާތް ކުރެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް ނެންގެވި ފައިސާތައް ހިއްޕަވައިގެން މަޖިލީހުގެ މެމްބަރުން ކައިރި އަށް ވަޑައިގެންނެވި ކަމަށް އެއްބަސްވެފައިވާ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލަށެވެ.

އޭނާ އެ ވާހަކަ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އޭގެ ފަހުން ބައެއް ޓީވީތަކުގައި ވާހަކަ ދައްކަވަމުން ވެސް، އެ ކަމަށް އޭނާ ވަނީ، ވަރަށް ކެރިހުންނަވައި، އެއްބަސްވެވަޑައިގެންފަ އެވެ.

މުހައްމަދު އިސްމާއީލްގެ އެ ވާހަކަ އިން ޖިނާއީ ތިން ކުށެއް ސާބިތު ކުރެވޭނެ އެވެ. އެއީ ކޮރަޕްޝަންގެ ފައިސާ ބޭނުންކުރުމާއި، ބަޔަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށެވެ.

ނަމަވެސް އޭނާ އަދިވެސް ހުންނެވީ މިނިވަންކަމާ އެކު ދޫކޮށްލައިފަ އެވެ. އޭނާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލި ކަމަށްވެ އެވެ. އޭގެ ފަހުން، އަމިއްލަ މީހަކު މި މަހު 9ގައި ފުލުހަށް އެ މައްސަލަ ހުށަހެޅުމުން މި މަހު 17 ގައި ފުލުހުން ބުނެފައިވަނީ "ސީރިއަސް މައްސަލައެއްގެ ގޮތުގައި" އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި މެމްބަރު މުހައްމަދު އިސްމާއިލް: އޭނާއާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ވަނީ ނިންމާފައި.

މަޖިލީހުގެ ކޮމެޓީއެއްގައި މެމްބަރު މުހައްމަދު އިސްމާއިލް: އޭނާއާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ވަނީ ނިންމާފައި.

ނަމަވެސް އޭގެ ތިން ދުވަސް ފަހުން މި މަހުގެ 20 ވަނަ ދުވަހު، މައްސަލަ ހުށަހެޅި މީހާ އަށް ފުލުސް އޮފީހުން ޖަވާބު ދީފައިވަނީ އޭސީސީން އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ، ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ނުކުރަން ނިންމާފައިވާ ކަމަށެވެ.

"އެއީކީ މައްސަލައެއް ނޫން. އެއީ ސީދާ ކޮރަޕްޝަންގެ މައްސަލައަކަށް ވާތީ އެ މައްސަލަ ތަހުގީގު ކުރުމުގެ އިޚްތިސާސް ބޮޑަށް އޮންނާނީ ވެސް އޭސީސީ އަށް. ފުލުހުންގެ ދައުރަށް ވުރެ އޭސީސީގެ ދައުރު އެ މައްސަލައިގައި ފުޅާ ވާނެ. އެހެންވީމާ، އެ މައްސަލަ ބެލުން އެންމެ ރަނގަޅު ވާނީ ވެސް އޭސީސީން،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ކޮންމެ ތަނަކުން އެކަން ތަހުގީގު ކުރިޔަސް މައްސަލައެއް ނެތެވެ. އެކަކު ބުނީ، މަޖިލީހުގެ މެންބަރުން އިތުރު ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރާނެ ކަމަށެވެ. އަނެކަކު ބުނީ ނަހަމަ ގޮތުގައި ހޯދާފައި ހުރި ދައުލަތުގެ ފައިސާތައް މަޖިލީހުގެ މެމްބަރުންނަށް ބެހި ވާހަކަ އެވެ. މީގެ ތެރެއިން އޭގެ ޒާތުގައި ކުށެއް ކުރި ކަމުގެ ސިފަތައް ފުރިހަމަވެފައި ކުށުގެ ދަރަޖަ ބޮޑީ ކޮން ކަމެއްގައިތޯ ވިސްނައިލުން މުހިންމެވެ.

މި ސުވާލަށް އަމިއްލަ ނަފްސުން ޖަވާބެއް ދޭއިރު، ބަންދު ކޮށްފައި ބަހައްޓަންވީ ކާކު ކަމާއި ދައުވާ ކުރަންވީ ކާކަށް ކަމާއި ޝަރީއަތް ހިންގަންވީ ކާކުގެ މައްޗަށް ކަން ވަރަށް ސާފުކޮށް އެނގޭނެ އެވެ. އެކަން އެހެން އޮތަސް އެ ހުރިހާ މަރުހަލާތަކެއް ފުރިހަމަވެ، އާޚިރުގައި ކުށް ސާބިތުވާނީ ކާކުގެ މައްޗަށް ކަމާއި ކުށްވެރި ނުވެ މިނިވަންކަމާ އެކު އުޅެވޭނީ ކާކަށް ކަން ވެސް ހަމަ އެހާމެ ސާފެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ބަޔަކު ވަނީ ޚިޔާނާތްތެރިވެފަ އެވެ. އެ މައްސަލަ އަށް ދެ އަހަރު ވެގެން ދިޔަ އިރު، އެ މައްސަލައިގެ ތަހުގީގީ ރިޕޯޓް މި މަހުގެ ތެރޭގައި ނެރޭނެ ކަމަށް އޭސީސީން އޮތީ ބުނެފަ އެވެ. ނަމަވެސް އެ ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް ހިނގި މީހާގެ މައްސަލަ މިވަނީ ކަމަކަށް ނަހަދައިފަ އެވެ. އޭގެ ބަދަލުގައި، އިދިކޮޅު އިސް ބައެއް ބޭފުޅުންނަށް އޮތީ ނުރައްކާކަން، ހިނގަމުން ދާ މައްސަލަތަކުން އެނގެ އެވެ.