Roadha Mihaaru
ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާތައް ކުށްވެރިކޮށްފި

ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާ އެމެރިކާ އިން ކުށްވެރިކޮށްފި

22 މެއި 2017

ކޮލަމްބޯ (މެއި 22) - ސްރީ ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާތައް އެމެރިކާ އިން ކުށްވެރިކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މެއި 22) - ސްރީ ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާތައް އެމެރިކާ އިން ކުށްވެރިކޮށްފި އެވެ.

ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު އަތުލް ކެޝަޕުގެ ރަސްމީ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވަނީ މިސްކިތްތަކަށް ދޭ ހަމަލާ ހުއްޓުވުމަށް ލަންކާ ސަރުކާރުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ. އަދި އެއްވެސް ބައެއްގެ އަޅުކަން ކުރާ ތަންތަންނަށް ހަމަލާ ދީގެން ނުވާނެ ކަމަށް ކެޝަޕް ވިދާޅުވި އެވެ.

އެމެރިކާ ސަފީރު މި މޭރުމުން ކޮމެންޓް ކުރައްވާފައި ވަނީ ކުރުނެގަލަ ޖުއްމާ މިސްކިތަށް އިއްޔެ ހެނދުނު ދިން ޕެޓްރޯލް ބޮމުގެ ހަމަލާއާ ގުޅިގެންނެވެ. ފުލުހުން ދަނީ މި ހަމަލާ ތަހުގީގު ކުރަމުންނެވެ.

ކެޝަޕް ވިދާޅުވީ އިއްޔެ ދިން ހަމަލާ އަކީ ހަފުތާއެއްގެ ތެރޭގައި މުސްލިމުން އަޅުކަން ކުރާ ތަންތަނަށް ދިން ތިން ވަނަ ހަމަލާ ކަމަށެވެ.

"މި ހަމަލާތަކުގެ ފަހަތުގައިވާ މީހުން ހައްޔަރުކޮށް، ޝަރީއަތަށް ހާޒިރުކޮށް، އެކަންކަން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުއްމީދު ކުރަން،" ކެޝަޕް ވިދާޅުވި އެވެ.

ލަންކާގެ މިސްކިތްތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ ބުޑިސްޓް ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސެނާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.