Roadha Mihaaru
ކެފޭ ބަންދުކުރީ މަހަކު 400،000ރ. ގެއްލުންވާތީ

އެމްޕީއެލްގެ ކެފޭ ބަންދުކުރީ މަހަކު 400،000ރ. ގެއްލުންވާތީ: ސީއީއޯ

26 މެއި 2017

އެމްޕީއެލް އިން މާލޭގެ އުތުރު ބަނދަރުގައި ހިންގާ ނޯތު ޕޯޓް ކެފޭ ކުއްލި ގޮތަކަށް ބަންދުކުރަން ޖެހުނީ މަހަކު 400،000ރ. އަށް ވުރެ ބޮޑު ގެއްލުމެއް ވާތީ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެމްޕީއެލް އިން މާލޭގެ އުތުރު ބަނދަރުގައި ހިންގާ ނޯތު ޕޯޓް ކެފޭ ކުއްލި ގޮތަކަށް ބަންދުކުރަން ޖެހުނީ މަހަކު 400،000ރ. އަށް ވުރެ ބޮޑު ގެއްލުމެއް ވާތީ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކެފޭ ބަންދުކުރި ނަމަވެސް މުވައްޒަފުން އަދި ވަޒީފާ އިން ވަކިނުކުރާ ކަމަށެވެ.

"ނޯތު ޕޯޓުގެ ހިދުމަތް މީގެ މަސްތަކެއް ކުރިން ފަށާފައި އަޅުގަނޑުމެން އެތަނުގެ ހިސާބުތައް ބަލާލިއިރު އެކަށީގެންވާ ނަތީޖާއެއް މިއަދާ ހަމައަށް ވެސް ނުފެނޭ. އެހެންވެ މެނޭޖްމެންޓާއި ބޯޑުގައި މަޝްވަރާ ކޮށްފައި ނިންމާފައި ވަނީ އެ އަށް ވުރެ ފުރިހަމަ އަށް ކެފޭ ރީ އޮގަނައިޒްކޮށް، ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްތަކެއް ކުރަން،" ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ރޯދަމަހާ ދިމާކޮށް ކެފޭ ބަންދުކޮށް، އެތަން ރީ-އޮގަނައިޒްކޮށް، ރީސްޓަރަކްޗާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި ކެފޭ ބަންދުކުރި ނަމަވެސް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދަތިތަކެއް އަންނާނެ ގޮތަށް ކަންކަން ނުރާވާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މަހަކު އެތަނުން 400،000ރ. ނުވަތަ އެއަށް ވުރެ އިތުރަށް ގެއްލުން ވަމުން ދަނީ. މިއީ ސަސްޓެއިނަބްލް ގޮތެއްގައި ކެފޭ ހިންގޭނެ ގޮތެއް ނޫން،" އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދު އިސްވެ ހުންނަވައިގެން މިދިޔަ ނޮވެމްބަރުމަހުގެ ފަހުކޮޅު ހުޅުވި ކެފޭއާ ބެހޭ ގޮތުން މިހާރުގެ ސީއީއޯ ހަލީމް ވިދާޅުވި އެވެ.

ކެފޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުނެއިދު ވިދާޅުވެފައި ވަނީ އެމްޕީއެލްގެ މުވައްޒަފުންނަށް އެ ކުންފުނީގެ ބަޖެޓުން ކުރަމުން އައި ޚަރަދު، ކެފޭގެ އާމްދަނީން ހަމަޖެއްސޭ ވަރު ވާނެ ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ އުތުރު ހާބަރުގައި ކުރިން އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވި އޮތް ބިމުގައި ކެފޭ އާއި ފިހާރަ އަދި ޖޫގޯ ވިއްކާ ތަނެއް ހުޅުވީ އެމްޕީއެލް އަށް ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ. އެ ގޮތުން، އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު 18 ޕަސެންޓް އިތުރުވެފައިވާއިރު، މި އަހަރު އެ އަދަދު 30 ޕަސެންޓަށް ޖައްސާނެ ކަމަށް ޖުނައިދު އޭރު ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ އޭގެ ސަބަބުން، އެމްޕީއެލްގެ ޕްލޭނާ އެއްގޮތަށް، މި އަަހަރު އިތުރު 500 ވަޒީފާ އުފެއްދޭނެ ކަމަށެވެ.

ނަމަވެސް ޖުނައިދު އިސްތިއުފާ ދެއްވުމުން މިދިޔަ މާޗް 1 ގައި އެމްޕީއެލްގެ ސީއީއޯގެ މަގާމާ ހަވާލުވި ހަލީމް މިއަދު ވިދާޅުވީ ކެފޭ ހިންގުމާއި ޖޫގޯގެ ވިޔަފާރި ކުރުމަކީ އެ ކުންފުނީގެ އިހުތިސާސްގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށެވެ. އެމްޕީއެލްގެ މައިގަނޑު މަސައްކަތަކީ ބަނދަރު ތަރައްގީކޮށް، އެ ތަނުން ދޭ ހިދުމަތްތައް ފުޅާކޮށް، އެކަމަށް އިސްކަން ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހުރީ އަދި ބޯޑުގެ ވިސްނުން ހުރީ ކެފޭ ހިންގުން އެކަމުގެ ތަޖުރިބާކާރު ހިންގުންތެރި ފަރާތަކާ ހަވާލުކޮށްގެން ހިންގައިގެން ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަކަށް މިތަން ބައްޓަންކުރުން. އެގޮތުން އަޅުގަނޑުމެން ކެފޭ އައުޓްސޯސް [އެހެން ފަރާތްތަކާ ހަވާލުކޮށްގެން]ކުރާ ނަމަ އަޅުގަނޑުމެން އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތު ދީގެން ކެފޭ ހިންގަވާ ބޭފުޅުންނަށް އަޅުގަނޑުމެން އިތުރު އިނާޔަތްތަކެއް ދޭނަން،" ސީއީއޯ ވިދާޅުވި އެވެ.

ޒަމާނީ ވަސީލަތްތަކާއެކު، އެމްޕީއެލްގެ ކޯޕަރޭޓިވް އިން ދެބުރިއަށް ހަދާފައިވާ ގާތްގަނޑަކަށް 50 ވަރަކަށް ދިވެހިން ވަޒީފާ އަދާކުރާ ކެފޭ ބަންދުކުރުމަށް ފަހު، އަލުން އެތަން ހިންގަން ބަޔަކާ ހަވާލުކުރާއިރު، މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތު ދޭ ނަމަ ކުލީގެ ލުއިތަކެއް ދޭން ވިސްނަވާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. އަދި އެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ނަމަ އަމަލު ކުރާނީ ގާނޫނާއި އެ ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.