Roadha Mihaaru
އެމްޕީއެލްއިން މާލޭގައި ބަހުގެ ޚިދުމަތް ފަށަނީ

އެމްޕީއެލްއިން މާލޭގައި ބަހުގެ ޚިދުމަތް ފަށަނީ

09 އޮކްޓޯބަރ 2018

ސިނަމާލެ ބްރިޖު ހުރަސްކޮށް، މާލެ-ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ދެމުން އަންނަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގައި ވެސް ބަސް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިނަމާލެ ބްރިޖު ހުރަސްކޮށް، މާލެ-ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ދެމުން އަންނަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގައި ވެސް ބަސް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން ބޮޑެތި އޮފީސްތައް ހިމެނޭ ގޮތަށް، "ކަނެކްޓިން" ބަސްތަކެއް މާލޭގައި ތައާރަފް ކުރަން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރަން ނިންމީ އެކަމަށް ބޮޑު ޑިމާންޑެއް އޮތުމުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.

ގިނަ ބަސްތަކެއް ގެނެސްގެން، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްވީކޭއިން ވެސް މާލޭގައި ކުރިން ބަހުގެ ޚިދުމަތް ދިނެވެ. އެކަމަކު މާގިނަ ދުވަހެއް ނުވެ، އެ ޚިދުމަތް ހުއްޓި ކުންފުނި ވަނީ ބަނގުރޫޓު ވެފަ އެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ، މާލޭގައި ޚިދުމަތް ދޭނީ މަގުތަކަށް އެންމެ އެކަށީގެންވާ ގޮތަށް ހަދާފައިވާ ފެންވަރު ރަނގަޅު، ހަނި އަދި ކުދި ބަސްތަކެއްގައި ކަމަށެވެ. އަދި އޭސީ ހަރުކޮށްފައި ހުންނަ އެ ބަސްތަކުގައި ދަތުރުކުރަން އާއްމުންނަށް މާބޮޑަށް ވެސް ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގައި ދުއްވާ 2 ބަހެއް ދަތުރުގައި. މާލޭގައި ވެސް ބަސް ދަތުުރުތައް ފެށުމަށް ވަނީ ނިންމާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގައި ދުއްވާ 2 ބަހެއް ދަތުރުގައި. މާލޭގައި ވެސް ބަސް ދަތުުރުތައް ފެށުމަށް ވަނީ ނިންމާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑު ދެކޭ ގޮތުގައި ބަހުގެ ނިޒާމް ކުރިން މަސައްކަތް ނުކުރީ އެ ބަސްތައް މާބޮޑެތި ވެފައި، މާލޭގެ މަގުތަކުގައި ދުއްވަން ވެސް އުނދަގޫ ވުމުން. އަދި އެއީ ހޫނު ގަދަ ބަސްތަކެއް. އެކަމަކު އަޅުގަނޑުމެން މި ފަހަރު މި ގެންނަ ބަސްތައް މީހުންނަށް ވަރަށް ކޮންވީނިއަންޓް ވާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ނިންމާފައިވާ ގޮތުން، އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ބަހުގެ ޚިދުމަތް މާލެއަށް ފެށޭނެ އެވެ. އަދި ފަށައިގަންނަ އިރު، 13 ބަސް އެ ޚިދުމަތުގައި ބޭނުން ކުރާއިރު، އާއްމުންގެ ތަރުހީބަށް ބަލައި، އެ އަދަދު އިތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

މާލެ-ހުޅުލެ-ހުޅުމާލޭގައި ދަތުރު ކުރާ ބަސްތަކުގެ އިތުރުން، ހަމައެކަނި މާލޭގައި ދަތުރު ކުރާ ބަސްތަކުގެ ވަގުތާއި ދަތުރު ކުރާ މަގުތައް އެނގޭނެ ގޮތަށް މިހާރު ވަނީ މޮބައިލް އެޕެއް ތައްޔާރު ކޮށްފަ އެވެ.

ހަލީމް ވިދާޅުވީ، ބަސް ދަތުރު ކުރާ ރޫޓާއި އޮތް ސަރަހައްދު އެ އެޕުން ބަލައިލެވޭނެ ކަމަށެވެ. އަދި ޓިކެޓު ވިއްކުމުގެ ބަދަލުގައި، ކުރިއަށް އޮތްތަނުގައި ބޭނުން ކުރާނީ ރިޗާޖަބަލް ކާޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން ޖެހޭނީ ބަހަށް އަރައި، އޭގައި އިންނަ ޑިވައިސްއެއްގައި ކާޑު ޖައްސާލަން. ޓެބް-ޓު-ޕޭ އުސޫލުން މި ހިދުމަތް ބޭނުން ކުރެވޭނެ." ހަލީމް ވިދާޅުވި އެވެ.

ބަހުގެ ހިދުމަތް އެމްޕީއެލްއިން ދޭން މި ފެށީ، ސިނަމާލެ ބްރިޖް ހުޅުވުމާ އެކު އެވެ. ބްރިޖް ހުރަސްކޮށް ދަތުރުކުރުމަށް އެ ކުންފުނިން މިހާރު ނުވަ ބަސް ބޭނުން ބޭނުން ކުރާއިރު، އަމާޒަކީ 22 ބަސް ހިދުމަތަށް ނެރުމެވެ.