Roadha Mihaaru
ޔަހޫދީންނަށް ގެ އަޅަން އިޒްރޭލުން 18 މިލިއަން ޑޮލަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެ އެޅުމަށް އިޒްރޭލުން 18 މިލިއަން ޑޮލަރު ހަމަޖައްސައިފި

20 ޖޫން 2016

ގުދުސް (ޖޫން 20) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އިމާރާތްކޮށް ދިނުމަށް އިޒްރޭލް ސަރުކާރުން 18 މިލިއަން ޑޮލަރު ހަމަޖައްސައިދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުދުސް (ޖޫން 20) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އިމާރާތްކޮށް ދިނުމަށް އިޒްރޭލް ސަރުކާރުން 18 މިލިއަން ޑޮލަރު ހަމަޖައްސައިދީފި އެވެ.

ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކެބިނެޓުން މި އަދަދު އިއްޔެ ފާސްކުރި އިރު ކުރިން ވަނީ ޔަހޫދީންނަށް ގެދޮރު އަޅައިދޭން 88 މިލިއަން ޑޮލަރު ދިނުމަށް ވެސް ފާސްކޮށްފަ އެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެ އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މަނާ ކަމެކެވެ. އަދި އިޒްރޭލް- ފަލަސްތީނުގެ ސުލްހަ އަށް ހުރަސް އަޅާ މައިގަނޑު ސަބަބަކީ ވެސް ޔަހޫދީ އާބާދީތައް ހަދަމުން ދިޔުމެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި އެހެންވެސް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު ހަދައިދިނުން ހުއްޓާލުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ. ނަމަވެސް ހަރުކަށި ވިސްނުމުގެ ގިނަ މެންބަރުން ހިމެނޭ ނަތަންޔާހޫގެ ސަރުކާރުން ދަނީ ބައިނަލްއަގުވާމީ ގޮވާލުންތަކަަށް އިޖާބަ ދިނުމެއް ނެތި ޔަހުދީ އާބާދީތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ސައިބު އަރަކާތު އިޒްރޭލުގެ މި އަމަލު ސިފަކުރައްވާފައި ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ މޫނުމަތީގައި ޖެހި އެތި ފަހަރެއްގެ ގޮތުގަ އެވެ.