28 މެއި 2017
ވިލިމާލެ ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ވިލިމާލެ ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިލިސިސްގެ ހިދުމަތް ތައާރަފްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ހިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލްގައި ޑައިލިސިސް ހަދަން ފެށުމަކީ ރައީސް އަބްދުﷲ ޔާމީން 2015 ވަނަ އަހަރު ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އެހެންކަމުން ދެ އަހަރު ދުވަހުގެ މަސައްކަތާއެކު މިއަދު ވަނީ އެ ވައުދު ފުއްދިފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިލިމާލެ ޑައިލިސިސް ޔުނިޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ހްލްތް މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ވިލިމާލެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ. އެއަށްފަހު އެތަނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ހިދުމަތްތަކެއް ތައާރަފްކުރަން ނިންމާފައިވާކަމަށް އެ ހޮސްޕިޓަލް ހިންގަމުން އަންނަ އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުންޏެވެ.
ނާޒިމް ވިދާޅުވީ ޑައިލިސިސްގެ ހިދުމަތް ބޭނުންވާ އަށެއްކަ މީހުން ވިލިމާލޭގައި މިވަގުތު ވެސް އެބަތިބި ކަމަށާއި މާލެއަށް ނުގޮސް އެތަނުގައި ތިބެގެން ހިދުމަތް ލިބިގެން ދިއުމަކީ ފަސޭހަ ކަމެއް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ސިިއްހީ ދާއިރާގެ ހުރިހާ ކަމަކީ ގުޅިލާމެހިފައިވާ ހިދުމަތްތަކެއް ކަމަށާއި، އެއް ހިދުމަތެއް ތައާރަފްކުރެވިގެން ދަނީ އެކަމާ ގުޅިގެން ފުރިހަމަވާންޖެހޭ އެހެން ކަންތައްތަކެއް ފުރިހަމަވުމުން ކަމަށެވެ.
ހެލްތް މިނިސްޓަރު ނާޒިމް ވިލިމާލެ ޑައިލިސިސް ޔުނިޓު ހުޅުވައިދެއްވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ކޮންމެ ޑިވެލޮޕްމަންޓްތަކާއެކު ބައިވަރު ޗެލެންޖަސްތައް އަންނާނެ. ގޮންޖެހުންތަކެއް ކުރިމަތިވާނެ. އެހެން ނަމަވެސް ހިދުމަތުގެ އަގުވަޒަން ކުރުމަކީ އެ ޗެލެންޖަސްތަކާ ކެރިގެން ކުރިމަތިލައި އަދި ޑިވެލޮޕްވުމަށް އޮތް ފުރުސަތެއް ކަމުގައި ދެކެންވާނެ. އެއީ ކަންތައްތައް ކުރިއަރާ ދާ ގޮތަކީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މަގާމާ ހަވާލުވެވަޑައިގަތް އިރު ޑައިލިސިސް ހެދުމަށް ގާއިމްކޮށްފައިވަނީ 18 އެނދު ކަމަށެވެ. ނަމަވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ އަދަދު 45އަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެެވެ.
"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ސިއްހީ ދާއިރާގެ ކަންކަން ހިސާބު އަދަދުން ގުނާނަމަ މި ފެންނަނީ 100 ޕަސެންޓުން މަތިން ހިދުމަތްތައް ކުރިއަރާފައިވާކަން. އައިޖީއެމްއެޗާއި ރީޖަނަލް ހޮސްޕިޓަލްތަކަށް އިތުރުވެގެންދިޔަ ސިއްހީ ހިދުމަތްތައް. މިއީ ކޮންމެ އެއްޗަކުން މި އުޅެނީ 100އިން މަތީގައި،" ނާޒިމް ވިދާޅުވި އެވެ.
ހްލްތް މިނިސްޓަރު ނާޒިމް ވިލިމާލެ ޑައިލިސިސް ޔުނިޓުން ހުޅުވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ އެކްޓިން މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ލަތީފު ވިދާޅުވީ ޑައިލިސިސްގެ ހިދުމަތް ދިނުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
ވިލިމާލޭގައި ޑައިލިސިސްގެ ޔުނިޓް ހުޅުވީ ދެ އެނދާއެކުގަ އެވެ. އެހެންކަމުން މުސްތަގުބަލުގައި އެ ހިދުމަތް ފުޅާކޮށް ހިދުމަތް ފޯރުކޮށްދެވޭ މީހުންގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ވިލިމާލެ ޑައިލިސިސް ޔުނިޓުގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ފުރަތަމަ ހިދުމަތް ދެނީ އެއް ދަންފަޅިއަށް. އެއީ ހެނދުނު 8:00 މެންދުރުފަހު 1:00 އަށް. އޭގެ ސަބަބުން ތިން ހަތަރު ދުވަހު ޑައިލިސިސް ހެދޭގޮތްވާނެ،" ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުން އައިޖީއެމްއެޗަށް ގެންގޮސް ތަމްރީނު ކުރުމާއި އައިޖީއެމްއެޗް ގްރޫޕާ ގުޅިފައިވާ ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ވެސް އެ ނަރުހުން ތަމްރީނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ބޮޑު އިމާރާތުން ހިދުމަތަށް އައީ ކޮން ބަދަލެއް؟
ވަޒީފާގައި ތިބެގެން ނަރުހުންނަށް ކިޔެވޭނެމަގު ހޯދައިދެނީ
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި
އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ
އާބާދީގެ ނިސްބަތުން ރާއްޖޭގައި ޑޮކްޓަރުން ގިނަ
ދަރުމަވަންތަ ހޮސްޕިޓަލުން ސިއްހީ ނިޒާމު ބަދަލުވާނެ
60 މީހެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ހިލޭ ހެދި
ކެތުލެބުން 8،000 މީހުން ފަރުވާ ހޯދައިފި
ވިލިމާލެ ހޮސްޕިޓަލްގައި ޑަޔަލިސިސް ޔުނިޓެއް ގާއިމުކުރަނީ
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"