Roadha Mihaaru
ވިސްނާ ހޯދާށެވެ. ހިކުމަތްތެރިކަން ހާމަ ވާނެ އެވެ.

ވިސްނާ ހޯދާށެވެ. އޭރުން ހިކުމަތްތެރިކަން ހާމަ ވާނެ އެވެ.

02 ޖޫން 2017

މި ކައުނާއި ކައުނުގައި މާތްރަސްކަލާނގެ ލައްވާފައިވާ ތަކެއްޗާއި އެތަކެތީގެ ނިޒާމުތަކަށް ވިސްނާ ފިކުރު ހިންގައިފި ކޮންމެ މީހަކަށް ވެސް ހިކުމަތްވަންތަކަމުގެ ނަމޫނާ މިސާލު ފެނިގެންދާނެ ކަމީ ކުޑަ ވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ހަމައެހެންމެ، ދުނިޔޭގައިވާ ކުޑަކުޑަ ދިރުމަކަށް ވިއަސް ނަޒަރު ހިންގައި އޭގެ ދިރިއުޅުމާ މެދު ވިސްނާލިއަސް އަޅުގަނޑުމެންގެ ސިކުނޑިތައް ސުމަކާ ހަމަޔަށް ވާސިލު ކުރުވާ ގޮތް ވެސް ވެއެވެ. ނޫންތޯ އެވެ؟

ޕްރޮފެސާ ހަސަން އުގެއިލް ޕްރޮފެސާ ހަސަން އުގެއިލް

މި ކައުނާއި ކައުނުގައި މާތްރަސްކަލާނގެ ލައްވާފައިވާ ތަކެއްޗާއި އެތަކެތީގެ ނިޒާމުތަކަށް ވިސްނާ ފިކުރު ހިންގައިފި ކޮންމެ މީހަކަށް ވެސް ހިކުމަތްވަންތަކަމުގެ ނަމޫނާ މިސާލު ފެނިގެންދާނެ ކަމީ ކުޑަ ވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ހަމައެހެންމެ، ދުނިޔޭގައިވާ ކުޑަކުޑަ ދިރުމަކަށް ވިއަސް ނަޒަރު ހިންގައި އޭގެ ދިރިއުޅުމާ މެދު ވިސްނާލިއަސް އަޅުގަނޑުމެންގެ ސިކުނޑިތައް ސުމަކާ ހަމަޔަށް ވާސިލު ކުރުވާ ގޮތް ވެސް ވެއެވެ. ނޫންތޯ އެވެ؟

ހިންޏަކީ އޭގެ ޒާތުގައި ކުޑަކުޑަ، އެއްވެސް ހިކުމަތްތެރިކަމެއް، އާރެއް ބާރެއް ނެތް އެއްޗެއް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު، ހިންޏަކީ ވެސް ދުނިޔޭގައިވާ ދިރޭތަކެތީގެ ތެރެއިން މިސާލެއް ނެތް ފަދަ އަޖައިބުކުރަނިވި މަހްލޫގެކެވެ. މިކަން ފާހަގަ ކުރުމަށް ހިނީގެ އާދަޔާހިލާފު ހުނަރެއްގެ ވާހަކަ ހާމަކޮށްދޭ ނަމެވެ.

ހިންޏަކީ އިންސާނުން ފަދައިން އިމާރާތް ކުރުމުގެ ހުނަރު ލިބިފައިވާ އެއްޗެކޭ ދެންނެވުމުން ހައިރާންވޭ ހެއްޔެވެ؟ ހިނީގެ މި ހުނަރަކީ ހަމަގައިމު ވެސް މި ކަންތައް ހޯދާ ދިރާސާކުރި ސައިންސްވެރިން ހައިރާންކޮށްލި އާދަޔާހިލާފު ކަމެކެވެ. މިސާލަކަށް، ބިމުގެ އަޑީގައި ދިރިއުޅޭ ހިންޏަކީ އެސޮރުމެން އަމިއްލަ މަސައްކަތުން، ބިމުގެ އަޑީގައި ވައި ދައުރުކުރާނެ ފަދަ ނިޒާމުތައް ހަދައިގެން ދިރިއުޅޭ އެއްޗެކެވެ. އަދި މި ނިޒާމުގެ ސަބަބުން، ޅަ ހިންޏަށް ކާންދިނުމަށްޓަކައި ބިމުގު އަޑީގައި އެސޮރުމެން ހައްދާ ގަސްގަހާގެއްސަށް ވައި ލިބެ އެވެ. ހިންޏަކީ އެސޮރުމެންގެ އަމިއްލަ ދިރިއުޅުމުގެ ބޭނުންތަކަށް ބިމު އަޑީގައި "ބޮޑެތި" އިމާރާތް ބިނާކޮށް ހަދާ އެއްޗެއް ވެސް މެއެވެ.

މި ހަގީގަތް ދާދި ފަހުން އާޖެންޓީނާގެ ސައިންސްވެރިންގެ ޓީމަކުން ތަހުލީލުކޮށް ހާމަކޮށްދީފައި ވެއެވެ. މިގޮތުން، ވިނަތައް ކޮށާ ހިނީގެ ބައިގަނޑެއް ލެބޯޓްރީއަކަށް ގެންދިޔުމަށް ފަހު، މަށްޓާއި، ހިމުން ވެލި އެސޮރުމެންނަށް ފޯރުކޮށް ދެވުނެވެ. އަދި ވާރޭވެހޭ ގޮތަށް އެތަނަށް ފެން އޮހޭ ގޮތް ވެސް ސައިންސްވެރިން ހެދި އެވެ. ދެން ފެނުނީ ހިނިތައް އެ އެއްޗެހީގެ އިމާރާތް ކުރުމުގެ މަސައްކަތުގައި އަވަސްވި ތަނެވެ. އިމާރާތް ހަދާ ނިމުމުން، ސައިންސްވެރިން މައިކްރޮސްކޯޕުގެ އެހީގައި ހިނީގެ މަސައްކަތް ބަލާ ދިރާސާކުރި އެވެ. މިގޮތުން، ހިނިތައް އިމާރާތްކޮށްފައިވަނީ، ވެއްޔާއި މަށި ބޭނުންކޮށްގެން ކުދިކުދި ބޯޅަތައް ހަދައިގެން އެ އަތުރައިގެންނެވެ. އިމާރާތުގެ އެއްވެސް ތަނެއް ހަލާކުވެއްޖެ ނަމަ، ހިނިތައް އެހަލާކުވި ބައި ނެގުމަށް ފަހު، އަލުން މަރާމާތުކުރަން ފަށަ އެވެ. މި ދިރާސާއިން ހާމަވީ ބިމުގެ އަޑީގައި ހިނިތައް ދިރިއުޅެނީ ގުދުރަތީ ހޮރުތަކުގެ ބަދަލުގައި އެސޮރުމެން އަމިއްލަ ހިކުމަތުގެ ބޭނުން ހިފައިގެން ކޮށްފައިވާ އިމާރާތްތަކުގައި ކަމެވެ.

މި ބަޔާން ކުރެވުނީ ކުޑަ މިސާލެކެވެ. ހަމަ އެހެންމެ، ހިންޏަކީ ގޮވާންކޮށް އެހެނިހެން ދިރޭތަކެތި ގެންގުޅެ، އަދި ޅަ ހިނިތައް ގެންގުޅެ ބޮޑުކޮށް މިހުރިހާ ކަމެއް އެއްވެސް އަލިކަމެއް ނެތި ކަނުއަނދިރީގައި ކުރުމަށް ކުޅަދާނަ އެއްޗެކެވެ. އަދި ހިންޏަކީ އިންސާނުން މުއާމަލާތް ކުރާހެން ވާހަކަދައްކާ އުޅޭ އެއްޗެއް ނޫންކަމުގައި ވިއަސް، ދަތުރުކުރާއިރު، އެއްވެސް އަލިކަމެއް ނެތި ހަމައެކަނި އެހެނިހެން ހިނިތަކުގައި ބީހިލައިގެން އެސޮރުމެން މުއާމަލާތްކޮށް ހަދަ އެވެ. އެހެންކަމުން، ކަނުއަނދިރީގައި ހިނިތައް ކުރާ މަސައްކަތްތަކާ މެދު ވިސްނާލި ކޮންމެ މީހަކު ވެސް ހައިރާން ވާނެކަން ޔަގީނެވެ.

އާއެކެވެ. ކުޑަކުޑަ ހިންޏެއްގެ ދިރިއުޅުން ބައްޓަން ކުރެވިފައިވާ ހިކުމަތުގެ މައްޗަށް ދިރާސާގެ ނަޒަރެއް ހިންގާލިއަސް ހާމަވެގެން ދަނީ އަޖައިބުން ފުރިގެންވާ ފަދަ ކަންތައްތަކެވެ. މިއީ ވިސްނާ ފިކުރު ކުރާ މީހުންނަށް ލިބިގަނެވޭނެ މުހިއްމު ފިލާވަޅުތަކެއް ނޫން ބާއޭ ހިތަށް އަރަ އެވެ.