Roadha Mihaaru
ފުވައްމުލަކު ސިޓީއަކަށް ހަދަން އެލްޖީއޭ އަށް ހުށަހަޅަނީ

ފުވައްމުލަކު ސިޓީއަކަށް ހެދުމަށް އެލްޖީއޭ އަށް ހުށަހަޅަން ނިންމައިފި

26 އޯގަސްޓް 2016

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެލްޖީއޭ އަށް ހުށަހެޅުމަށް އަތޮޅު ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެލްޖީއޭ އަށް ހުށަހެޅުމަށް އަތޮޅު ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އަތޮޅު ކައުންސިލް ޖަލްސާގައި ބައިވެރިވި ކައުންސިލަރުން ވަނީ ސިޓީ ކައުންސިލެއްގެ ދަރަޖަ ފުވައްމުލަކަށް ހޯދައިދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ކައުންސިލަރުންގެ ހިޔާލު ހޯދައިފަ އެވެ.

ސިޓީ ކައުންސިލެއްގެ ދަރަޖަ ފުވައްމުލަކަށް ލިބިގެން ދިއުމަކީ އެ ރަށުގެ ތަރައްގީއަށް އެޅޭ ކުރިމަގެއް ކަމަށް މެމްބަރުން ފާހަގަކުރެއްވި ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

އެހެންވެ، އަތޮޅު ކައުންސިލުން ނިންމީ ސިޓީ ކައުންސިލެއްގެ ދަރަޖަ ފުވައްމުލަކަށް ހޯދުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެދުމަށާއި އެކަމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވުމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނެސް، 10،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ނުވަ މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އުނިކޮށްފަ އެވެ.

މީގެ އިތުރުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބުކުރާ ގޮތަށާއި 3000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ފަސް ކައުންސިލަރުން އިންތިހާބުކުރާ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ.

އެ ގާނޫނަށް ގެނައި އިސްލާހުތައް ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

މި އިސްލާހުގެ ސަބަބުން ފުވައްމުލަކު ސިޓީއެއްގެ ގޮތުގައި ކަނޑަނާޅާހާ ހިނދަކު އެ ރަށަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ. އެއީ އެ ރަށުގެ އާބާދީ 3000 އަށް ވުރެ އިތުރުވާތީ އެވެ. ފުވައްމުލަކުގެ އާބާދީ މިހާރު 10،000 އަށް ވުރެ މަތިވާނެ އެވެ. އަދި ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ، ކައުންސިލަރުންގެ އަދަދު އެއަށްވުރެ އިތުރުވާނެ އެވެ.

އަތޮޅު ކައުންސިލް މެމްބަރުންނާއެކު ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ތިން ކައުންސިލަރުން ހިމެނޭ ގޮތަށް ޖުމްލަ 30 ކައުންސިލަރުން އެ ރަށުގައި ތިއްބަވަ އެވެ. އެކަމަކު ސިޓީ ކައުންސިލްގެ ދަރަޖަ ދީފިނަމަ، ކައުންސިލަރުންގެ އަދަދު އެއަށްވުރެ މަދުވާނެ ކަމަށް ބެލެވެ އެވެ.