Roadha Mihaaru
ފުވައްމުލަކަކީ ސިޓީއެެއްގެ ގޮތުގައި ކަނޑައަޅައިފި

ފުވައްމުލަކަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިފި

22 ސެޕްޓެމްބަރ 2016

ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ކަނޑައަޅުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް ޔާމީން ސޮއި ކުރައްވައި، ނެރުއްވި ގަރާރެއްގައި ވަނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ފުވައްމުލަކުގައި ފުރިހަމަވެފައިވާ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ކަމަށެވެ. އެހެންވެ އެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން ކަމާއި ބެހޭ މުއައްސަސާތަކަށް އަންގަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ފުވައްމުލަކަކީ ސިޓީއެއްގެ ގޮތުގައި ހަމަޖެހުމާ އެކު، އަންނަ ޖެނުއަރީ މަހު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އެ ރަށުގައި އޮންނާނީ ސިޓީ ކައުންސިލެކެވެ. މިހާރު އެ ރަށުގައި އޮންނަނީ އަތޮޅު ކައުންސިލަކާއި ކޮންމެ އަވަށަކަށް ރަށު ކައުންސިލެއް ކަމަށްވިޔަސް އިންތިޚާބަށް ފަހު ކައުންސިލްތައް ދެން އުވިގެންދާނެ އެވެ.

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ މި ލިބުނީ ސިޓީ ކައުންސިލް ހިމެނޭ އަތޮޅުތަކުގެ ޖުމްލަ އާބާދީގެ ގޮތުގައި އޮންނަންޖެހޭ އަދަދު ރައްޔިތުންގެ މަޖިލީހުން ދަށް ކުރުމުންނެވެ. ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމަށް މަދުވެގެން 25،000 މީހުންގެ އާބާދީއެއް އޮންނަންޖެހޭ ގޮތަށް ކުރިން ގާނޫނުގައި އޮތަސް މިދިޔަ އަހަރު މަޖިލީހުން ވަނީ އެ އަދަދު 10،000 އަށް ދަށްކޮށްފަ އެވެ.

ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބުނު ތިން ވަނަ އަތޮޅެވެ. ކުރިން ސިޓީއެއްގެ ދަރަޖަ އޮންނަނީ މާލެ އާއި އައްޑޫގަ އެވެ.

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީގެ ރައްޔިތުންގެ މަޖިލީހަށް ބައެއް ބިލްތައް ހުށަހެޅިޔަސް އެއިން އެއްވެސް ބިލެއް މަޖިލީހުން ފާހެއް ނުވި އެވެ.