Roadha Mihaaru
ކިޔެވުން ބާއްވަނީ ރިޕޯޓް ދޭން ދެ ހަފުތާ އޮތުމުން

މި ހަފުތާގައި ކިޔަވައިދެނީ ރިޕޯޓު ދިނުމާ ދެމެދު ދެ ހަފުތާ ލިބޭތީ: އެޑިއުކޭޝަން

05 ޖޫން 2017

މި ހަފުތާގައި ސްކޫލްތަކުގެ ކިޔެވުން ބާއްވަނީ ފުރަތަމަ ޓާމުގެ އިމްތިހާން ނިމި ރިޕޯޓު ފޮތް ދިނުމާ ދެމެދު ދެ ހަފުތާގެ ދިގު މުއްދަތެއް ހޭދަވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ހަފުތާގައި ސްކޫލްތަކުގެ ކިޔެވުން ބާއްވަނީ ފުރަތަމަ ޓާމުގެ އިމްތިހާން ނިމި ރިޕޯޓު ފޮތް ދިނުމާ ދެމެދު ދެ ހަފުތާގެ ދިގު މުއްދަތެއް ހޭދަވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިމްތިހާނަށް ފަހު ރިޕޯޓު ފޮތް ދިނުމާ ދެމެދު މީގެ ކުރިން ލިބެނީ ހަފުތާއެކެވެ. ނަމަވެސް ރޯދައިގެ ކުރިން އިމްތިހާނުތައް ނިންމާފައިވާތީ ދެ ހަފުތާގެ މުއްދަތެއް ލިބޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރިޕޯޓު ފޮތް ދިނުމާ ދެމެދު ހޭދަވާ ހަފުތާގައި މީގެ ކުރިން ކިޔަވައެއް ނުދެ އެވެ. އެ މުއްދަތުގެ ތެރޭގައި ޓީޗަރުން މަސައްކަތް ކުރާނީ ޕޭޕަރުތައް މާކުކޮށް ދަރިވަރުންނަށް އެ ދައްކައި އަދި ރިޕޯޓު ފޮތް ތައްޔާރުކުރުމުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ރޯދަ މަސް ފެށުމުގެ ދެ ހަފުތާއެއް ކުރިން ޓާމު ޓެސްޓުތައް ފެށި ކަމަށެވެ. އެހެންކަމުން ރިޕޯޓު ފޮތް ދިނުމާ ދެމެދު ދެ ހަފުތާގެ މުއްދަތެއް ލިބޭ ކަމަށާއި އެހާ ގިނަ ދުވަހު ދަރިވަރުން ކިޔެވުމާ ދުރުގައި ބައިތިއްބުން ރަނގަޅު ނޫން ކަމަށް ފެންނާތީ ކިޔެވުން ކުރިއަށް ގެންދަން ސްކޫލުތަކަށް ލަފާދިނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ހަފުތާގެ ބަދަލުގައި މިފަހަރު މިއޮތީ ދެ ހަފުތާ ކަނޑައަޅާފައި. އެހާ ދިގު މުއްދަތެއްގެ ތެރޭގައި ސްކޫލާ ޑިސްއެންގޭޖްވެފައި ބައިތިއްބާކަށް ރަނގަޅު ގޮތަކަށް ނުވާނެތީ، ސްކޫލުތަކަށް ހަނދާންކޮށްދީ އިރުޝާދު ދިނީ ކިޔަވައިދޭން،" ޝަފީއު ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ދުވަސް ދުވަހު ކިޔެވުމުގައި ޝާމިލްކޮށްގެން ކިޔެވުން ގެންގުޅުން ބޭނުމަކީ. ދެ ހަފުތާގެ މުއްދަތެއް ލިބޭތީ ޓީޗަރުންނަށް އެކަށީގެންވާ ވަގުތު ލިބޭނެ ރިޕޯޓު ފޮތްތައް ތައްޔާރުކުރުމަށް ވެސް."

އެކަޑެމިކް ކަލަންޑަރުގައި އޮންނަ ގޮތުން ފުރަތަމަ ޓާމަށް ފަހު ރިޕޯޓް ދޭނީ އަންނަ ބުރާސްފަތިދުވަހު އެވެ. ދެ ވަނަ ޓާމަށް ސްކޫލްތައް ހުޅުވާނީ މި މަހު 18 ގަ އެވެ.

މި ހަފުތާގައި ސްކޫލް އޮތަސް ބައެއް ޓީޗަރުން ބުނާ ގޮތުގައި ޓާމް ނިމިފައި ވަތީ ކިޔަވައިދޭނެ އެއްޗެއް ނެތެވެ. ނަމަވެސް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންތައްތައް ސްކޫލްތަކުން ހަމަޖައްސާނެ ކަމަށެވެ.