Roadha Mihaaru
މީމިސް މެދުވެރިކޮށް ރިޕޯޓު ފޮތް ދޭން ފަށަނީ

މިއަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ރިޕޯޓު ފޮތް ދޭނީ މީމިސް މެދުވެރިކޮށް

22 އޮކްޓޯބަރ 2019

މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން "މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) މެދުވެރިކޮށް ރިޕޯޓުފޮތް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން "މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) މެދުވެރިކޮށް ރިޕޯޓުފޮތް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ސްކޫލުތަކަށް އަންގާފައިވާ ގޮތުގައި، ފައުންޑޭޝަނުން ފެށިގެން ކީސްޓޭޖް ފަހެއް (ގްރޭޑު 11، 12) އާ ދެމެދު ހުރިހާ ދަރިވަރުންގެ ފޮތްތައް ދޭން ހަމަޖައްސާފައިވަނީ މީމިސް މެދުވެރިކޮށެވެ. އެގޮތަށް ދިން ނަމަވެސް ޕްރިންޓްކޮށްފައިވާ ރިޕޯޓުކާޑު ބެލެނިވެރިންނަށް ދޭނެ އެވެ. އެކަމަކު އޭގައި ހިމެނޭނީ ހަމައެކަނި މާއްދާއާ ގުޅޭގޮތުން ޓީޗަރުން ދޭ ތަފްސީލެވެ.

މިނިސްޓްރީން އެގޮތަށް އެންގުމާއެކު، ސްކޫލުތަކުން އަންނަނީ މީމިސް އަށް ބެލެނިވެރިން އަހުލުވެރިކުރުވަމުންނެވެ. އެ ސިސްޓަމަށް ވަންނަން ބޭނުންވާ ޔޫސަ ނޭމާއި ޕާސްވޯޑު ދޭނީ ސްކޫލުންނެވެ.

މީމިސް އަށް ވަނުމުގައި ދަތިތައް ކުރިމަތިވާ ބެލެނިވެރިންނަށް، މާއްދާތަކުން ދަރިވަރުން ހާސިލްކޮށްފައިވާ މިންވަރާއި ދަރިވަރުންނާ ގުޅޭ އެހެނިހެން މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް އެ ސްކޫލަކުން ހަމަޖައްސާނެ އެވެ.

ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ، މީމިސް މެދުވެރިކޮށް ރިޕޯޓުފޮތް ދިނުމުން ޓީޗަރުންނަށް ވަރަށް ފަސޭހަވާނެ ކަމަށެވެ. މެނުއަލީ ކޮންމެ ރިޕޯޓު ފޮތެއްގައި ދަރިވަރުގެ މައުލޫމާތު ލިޔުމުގެ ބަދަލުގައި ސިސްޓަމުން ފަސޭހައިން ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ބޭނުން ތާކު، ބޭނުން ވަގުތެއްގައި ވެސް ރިޕޯޓު ކިޔާލެވޭނެ. ވަގުތު ސަލާމަތްވެ ހަރަދުތައް ވެސް ކުޑަވާނެ. އެއީ ރިޕޯޓު ޕްރިންޓްކުރުމަށް ވަރަށް ގިނަ ގަނޑު ހޭދަވޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފަހު ޓާމުގެ ރިޕޯޓުފޮތް ދޭނީ އަންނަ މަހުގެ 21 ވަނަ ދުވަހެވެ.

ޔުނިސެފުގެ އެހީތެރިކަމާ އެކު 2017 ވަނަ އަހަރު ތައާރަފްކުރި މި ސިސްޓަމް މެދުވެރިކޮށް، ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަހުލާގާއި ކިޔެވުމާއި ސިއްހަތާ ގުޅުން ހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވޭނެ އެެވެ. އަދި އިމްތިހާނުތަކާއި ވަކިވަކި މާއްދާތަކުން ހޯދާ ނަތީޖާތަކާއި އަހުލާގީ ރިކޯޑުތައް ވެސް ބެލެހެއްޓިގެންދާނެ އެވެ.