Roadha Mihaaru
އަދީބުގެ ބޭސްފަރުވާ އަށް ހުރަސް ނާޅަން ގޮވާލައިފި

އަދީބުގެ ބޭސްފަރުވާ އަށް ހުރަސް ނާޅަން ވަކީލުން ގޮވާލައިފި

06 ޖޫން 2017

ދިގު މުއްދަތުގެ އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ބޭސްފަރުވާ އަށް ހުރަސް ނޭޅުމަށް އޭނާގެ ވަކީލުން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިގު މުއްދަތުގެ އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ބޭސްފަރުވާ އަށް ހުރަސް ނޭޅުމަށް އޭނާގެ ވަކީލުން މިއަދު ގޮވާލައިފި އެވެ.

އަދީބުގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިވަޑައިގަތުމުން އެކަށީގެންވާ ސިއްހީ ފަރުވާއެއް ލިބިވަޑައިނުގަންނަނީ ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އިހުމާލުން ކަމަށެވެ.

ވަކީލުންގެ ބަޔާނުގައިވާ ގޮތުން އަދީބު ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް މާލެ ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދީބު، ޑޮކްޓަރަށް ދެއްކުމުން ލޮލުގެ ޕްރެޝަރު ރަނގަޅު ނޫން ކަން ފާހަގަކޮށް ތިން ޓެސްޓެއް ހެއްދުމަށް ޑޮކްޓަރުން ލަފާ ދިން ކަމަށާއި އެ ޓެސްޓްތަކަށް އަދީބު މާލެ ގެނައީ އޭގެ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ މަހުގެ 10 ގައި ކަމަށް ބަޔާނުގައިވެ އެވެ.

"އެ ފަހަރު ވެސް ހަދާފައިވަނީ ޑޮކްޓަރުން ލަފާ ދީފައިވާ ތިން ޓެސްޓްގެ ތެރެއިން އެންމެ ޓެސްޓެކެވެ. އެ ޓެސްޓްގެ ނަތީޖާ ލިބުމުން އަހުމަދު އަދީބަށް ގުލުކޮމާ ޖެހިފައިވާކަން ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ،" ބަޔާނުގައި ބުންޏެވެ.

އަދީބަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެމުން ނުދާތީ އާއިލާ އާއި ވަކީލުން ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާ ބައްދަލުކުރުމުން އަދީބު ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ހަމަނުޖައްސަން "މަތިން އަންގަވާފައި އޮންނަ" ކަމަށް ވިދާޅުވި ކަމަށް ވަކީލުންގެ ބަޔާނުގައިވެ އެވެ. އަދި އެއީ ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ވެސް ހިތާމަކުރައްވާ ކަމެއް ކަމަށާއި އަދީބު ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ވަކީލުން ބުނި ގޮތުގައި އަދީބަކީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީ ޑޮކްޓަރަށް ދެއްކުމަކީ އެވަގުތަކު އަދީބުގެ ކަންކަން ބަލަހައްޓާ މުއައްސަސާއެއްގެ ގާނޫނީ ޒިންމާއެކެވެ. އަދި ޒިންމާ އަދާނުކުރުމަށް "މަތިން" ނޭންގޭނެ ކަމަށާއި އެފަދަ އެންގުމެއް އެންގި ކަމަށް ވިޔަސް ޣައިރު ގާނޫނީ އަމުރަށް ތަބާވާން ނުޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ވަކީލުން ގޮވާލާފައި ވަނީ ވަކި ފަރާތަކުން އަންގާ ގޮތަކަށް ބެލުމެއް ނެތި، ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ގާނޫނީ ޒިންމާ އަދާކޮށް އަދީބުގެ ބޭސްފަރުވާގެ ކަންކަން ޒިންމާދާރު ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.

އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އަށް ވަނީ އެދިފަ އެވެ. އެކަމަކު ކަރެކްޝަނަލް ސާވިސް އިން އެކަމާ ވަކި ގޮތެއް ނުނިންމަ އެވެ.

ރާއްޖޭގައި ހިންގި ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.