Roadha Mihaaru
އައްޑޫގައި ޒަކާތް ބަލައިގަންނަން ފަށައިފި

އައްޑޫގައި ޒަކާތް ބަލައިގަންނަން ފަށައިފި

06 ޖޫން 2017

އައްޑޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން 1:30 ވަންދެން ޒަކާތް ބަލައިގަންނަމުން ގެންދާނެ ކަމަށެވެ.

އެ ރަށުން މީގެ ކުރިން ޒަކާތް ބަލައިގަންނަމުން ދިޔައީ ކައުންސިލް އިދާރާއިންނެވެ. ނަމަވެސް އެކަމަށް މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތައް ހަމަޖައްސައިނުދޭތީ، އެކަން ކުރެވެން ނެތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ކުރިން ބުނެފަ އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ މިނިސްޓްރީން އެންގި ގޮތަށް ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިދިޔަ އަހަރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މިނިސްޓްރީން އެކުލަވާލި ލިސްޓަށް ޒަކާތް ބަހަން ފެށުމުން، ޒަކާތުން ބައިބައި އައި މީހުންގެ ސުވާލުތަކަށް ޖަވާބުދޭނެ ގޮތެއް ނެތި މަސްލަހަތު ގެއްލުނު ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ.

މިނިސްޓްރީން ބުނީ އައްޑޫން ޒަކާތް ބަލައިގަތުމުގެ ކަންކަން ހަމަޖައްސާފައި ވަނީ ހިތަދޫގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓުގެ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ނަގައިގެން ކަމަށެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އައްޑޫގައި ފަގީރުންގެ ލިސްޓުގައި ނަންނޯޓު ކުރުމުގެ ފުރުސަތުތައް ވެސް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އައްޑޫގެ ފަސް ރަށަކުން އެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށް ބުންޏެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެ މީހަކު އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.

އައްޑޫގެ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 20ރ. ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 65ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 75ރ.ގެ މަގުންނެވެ.

ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށްނާއި ބީއެމްއެލްގެ ވެބްސައިޓުން އަދި އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ވެސް އިންޓަނެޓް ބޭންކް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ.