Roadha Mihaaru
މި ރެއިން ފެށިން އައްޑޫގައި ކާފިއު ހިންގަނީ

މި ރެއިން ފެށިން އައްޑޫގައި ކާފިއު ހިންގަނީ

10 ފެބުރުއަރީ 2021

އައްޑޫން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ރެއިން ފެށިގެން ހަފުތާއަކަށް ކާފިއު ހިންގަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ރެއިން ފެށިގެން ހަފުތާއަކަށް ކާފިއު ހިންގަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކާފިއުގެ ވަގުތަކީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކަމަށެވެ. އެ ވަގުތަކުތަކުގައި މަގުމައްޗަށް ނުކުމެ އުޅުން މަނާވާނެ އެވެ. އަދި ކާފިއުއާ ހިލާފުވާ މީހުންނާ ދޭތެރޭ ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާނެ އެވެ.

އައްޑޫގައި ކާފިއު ހިންގުމުގެ ކުރިން އެ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުން ވެސް އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މިހާތަނަށް ވެސް އެކި ކަހަލަ ފިޔަވަޅުތައް އައްޑޫގައި އަޅާފައިވެ އެވެ.

* ސްކޫލް/ކޮލެޖް/ޔުނިވަސިޓީތައް ބަންދުކުރުން

* މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުން

* ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުން

* ގާޑިޔާ ވިޔަފާރިތައް މެދުކަނޑާލުން

* ޖިމް/ސެލޫންތައް ބަންދުކުރުން

* ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށް/ކުޅިވަރު ހަރަކާތްތައް ހުއްޓާލުން

* އާންމު މައިދާންތަކާއި ޕާކްތަކަށް ދިއުން މަނާކުރުން

* އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްނުވުން

* ފެރީ އާއި ޓެކްސީގެ ހިދުމަތްތައް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ދިނުން

* އެއް ގެއިން އަނެއް ގެއަށް ނުދިއުން

އައްޑޫން މިހާތަނަށް ކޮވިޑް-19 ގެ ޕޮޒިޓިވް 49 ކޭސް ފެނިފައިވާ އިރު ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 260 އަށް ވުރެ ގިނަ އެވެ. އެހެންވެ އައްޑޫ މޮނިޓަރިން އަށް ލައި ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އައްޑޫގައި ހިމެނެނީ މައިގަނޑު ދެ ކްލަސްޓާއެކެވެ. އެއީ ބިދޭސީންތަކެއް ޕޮޒިޓިވްވި ހުޅުމީދޫ ކްލަސްޓާ އާއި އޭވިއޭޝަން ކޮމާންޑާ ގުޅުން ހުރި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާ އެވެ.