Roadha Mihaaru
ފިތުރު ޒަކާތް ބަލައިގަނެވޭކަށް ނެތް: އައްޑޫ ކައުންސިލް

އިންތިޒާމުތައް ހަމަނުޖެހޭތީ ފިތުރު ޒަކާތް ބަލައިގަނެވޭކަށް ނެތް: އައްޑޫ ސިޓީ ކައުންސިލް

29 މެއި 2017

އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމްތައް ހަމަޖައްސައިދީފައި ނުވާތީ މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަނެވެން ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމްތައް ހަމަޖައްސައިދީފައި ނުވާތީ މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަނެވެން ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒަކާތަކީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަން ޖެހޭ ކަމަކަށްވާއިރު އެ މިނިސްޓްރީ އަށް އެހީވުމުގެ ގޮތުން މިދިޔަ އަހަރު މިނިސްޓްރީން އެންގި ގޮތަށް ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރި ކަމަށެވެ. މިނިސްޓްރީން އެކުލަވާލި ލިސްޓަށް އެ ފަހަރު ޒަކާތް ބަހަން ފެށުމުން، ޒަކާތުން ބައިބައި ލިބިގަތުމަށް އައި މީހުންގެ ސުވާލުތަކަށް ޖަވާބުދެވޭނެ ގޮތެއް ނެތި މަސްލަހަތު ގެއްލުނު ކަމަށް ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނިގޮތުގައި އެ މައްސަލާގައި މިނިސްޓްރީއާ ވާހަކަ ދައްކައިގެން ފުލުހުންގެ އެހީއާ އެކު އެކަން ކުރިއަށް ގެންދަން އުޅުމުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

"މިދިޔަ އަހަރުގެ ފިތުރު ޒަކާތަށް އައްޑޫސިޓީ ހިތަދޫ ރައްޔިތުން ނެރުނު ފައިސާގެ ތެރެއިން 48،977 ރުފިޔާ ނުބެހި އަދިވެސް ކައުންސިލް އިދާރާގައި އެބަހުއްޓެވެ. މިފައިސާ އާއި މެދު އަމަލު ކުރާނެ ގޮތެއް މިހާތަނަށް ވެސް މިނިސްޓްރީން ކައުންސިލަށް އަންގަވާފައި ނުވެ އެވެ. މިދެންނެވި ހާދިސާގައި ކައުންސިލްގެ އިދާރާގެ އިމާރާތަށް ގެއްލުން ލިބުމުގެ އިތުރަށް މުވައްޒަފުންނަށް ވެސް އެކިވަރުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހުނެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ޒަކާތުގެ ކަންކަން ކުރިއަށް ގެންދާނީ ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވީ ނަމަވެސް ކުރީ އަހަރު ދިމާވި މައްސަލަ ހައްލު ނުވެ އޮތް އިރު އެ މައްސަލާގައި އަަމަލުކުރާނެ ގޮތެއް ވެސް މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ ޒަކާތް ބަލައިގަތުމުގެ ކަންކަން މި އަހަރު ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

"މިހެން މިކަން އޮތުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފިތުރު ޒަކާތް ނެރުމާއި ޒަކާތުން ބައި ލިބިގަތުމުގައި ދަތިތަކާ ކުރިމަތިވާނެތީ އައްޑޫ ސިޓީ ކައުންސިލުން ނުހަނު ކަން ބޮޑުވެ އެވެ،" ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނިގޮތުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އައްޑޫގައި ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދޭން ދެ ފަރާތުން އެއްބަސްވުމެއް އެކުލަވާލަން ވެސް ކައުންސިލުން ވާނީ ހުށަހަޅައިފަ އެވެ. އެކަމަކު މިނިސްޓްރީން އެކަމަށް އެދެވޭ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނީ އައްޑޫ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން އިސްލާމިކް މިނިސްޓްރީ އަށް އެހީތެރިކަމާއި އެއްބާރުލުން ދޭން އެ ކައުންސިލް އޮތީ ތައްޔާރަށް ކަމަށެވެ. ޒަކާތާއި މިސްކިތްތަކާއި ގަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާ ކެމީގައި ވެސް ދަތިތަކެއް ކުރިމަތިވަމުންދާތީ މި ކަންކަމުގައި އަވަސް ހައްލެއް ހޯދައިދޭން ވެސް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.