Roadha Mihaaru
ގަތަރާ އެކު އޮތް ގުޅުން ކަނޑާލި މައްސަލަ މަޖިލީހަށް

ރާއްޖެ އިން ގަތަރާއެކު އޮތް ގުޅުން ކަނޑާލި މައްސަލަ މަޖިލީހަށް

06 ޖޫން 2017

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު މިއަދު ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ފޮނުއްވައިފި އެވެ.

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު މިއަދު ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ފޮނުއްވައިފި އެވެ.

ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެ އިން ގަތަރާ ސިޔާސީ ގުޅުން އިއްޔެ ކަނޑާލުމާ ގުޅިގެން، މަޖިލިހަށް ހުސެއިން ފޮނުއްވި ކުއްލި މައްސަލާގައި ފާހަގަކުރާއްވާފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މައްސަލައެއް ނުވަތަ ދެބަސްވުމެއް ކުރިމަތިވެފައި ނެތެވެ.

އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ރައްކާތެރިކުރުމާ އެކު، ރާއްޖެއާ އެކުވެރިކަން އުފައްދަން ބޭނުންވާ ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ކުރިއށް ގެންދިއުން ކަަމަށްވާއިރު، ގަތަރާ އެކު އޮތް ގުޅުން ކުއްލި ގޮތަކަށް ކަނޑާލުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުވެދާނެ ކަމެއް ކަމަށެވެ. އެހެންވެ އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވީ ކަމަށް ހުސެއިން ވިދާޅުވި އެވެ.

ރާއްޖެ އާއި ގަތަރާ ދެމެދު އޮތް 33 އަހަރުވީ ސިޔާސީ ގުޅުން ކުއްލި ގޮތަކަށް ރާއްޖެ އިން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް އެހީތެރިވާ ކަމަށް ބުނެ އެވެ. އަރަބި ފަސް ގައުމެއްގެ ފަހަތުން ރާއްޖެ ވެސް ގަތަރާ ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ރާއްޖެ-ގަތަރާ ދެމެދު އޮތް ޒަމާންވީ، ސިޔާސީ ގުޅުން ރާއްޖެ އިސްވެ ކަނޑާލި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.