Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އިހުގެ އުންމަތްތައް: ޢާދުބާގައި މީހުން ނެތިކުރެއްވުން

އިހުގެ އުންމަތްތައް: ޢާދު ބާގައި މީހުން ނެތިކުރެއްވުން (2)

07 ޖޫން 2017

(ހޯމަ ދުވަހުގެ ނޫހާ ގުޅޭ)

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

(ހޯމަ ދުވަހުގެ ނޫހާ ގުޅޭ)

އަރަބިކަރައިގައި މިއަދު ހުރި ދައުލަތްތަކުގެ މާ ކުރިން އެ ސަރަހައްދުގައި މީހުން ދިރިއުޅެފައިވެ އެވެ. އޭގެ ތެރެއިން އެތައް އުންމަތެއް ވަނީ ނެތި ފަނާވެފަ އެވެ. ބައެއް އުންމަތްތައް ނެތި ދިޔައީ، ތަފާތު ހަނގުރާމަތަކުގައި މީހުން މަރުވެ ދަރިފަސްކޮޅު އާލާ ނުވުމުންނެވެ. އެއް ބަޔަކު ނެތި ދިޔައީ ކުރިމަތިވި ތަފާތު މުސީބާތްތަކުގަ އެވެ. އަދި އަނެއް ބަޔަކު ނެތި ދިޔައީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވެވި ގަދަފަދަ އަޒާބުތަކުގެ ސަބަބުންނެވެ.

އޭގެ ތެރެއިން އެއް އުންމަތަކީ ޢާދު ބާގައި މީހުންނެވެ. މިބައިމީހުން ދިރިއުޅުނީ "އިރަމް" ކިޔުނު ރަށުގަ އެވެ. އެއީ މިހާރުގެ ޔަމަންގެ ސަރަހައްދީ ރޮނގާ ކައިރިން ޢުންމާންގެ ހުޅަނގު ދެކުނުގައި ވެލިފަރުބަދަތަކެއްގެ މަތީގައި އޮތް ރަށެކެވެ. އެ ޒަމާނުގެ އިތުރުން މުޅި ދުނިޔެ އަށް މިސާލެއްގެ ގޮތުގައި ގުނައިލެވޭ ރަށެކެވެ؛ "އެއީ ތަނބުތަކުގެ ވެރި، އިރަމް އެވެ ކިއުނު ރަށުގެ އަހުލުވެރިންނެވެ. އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާ ފަދަ ބިނާތަކެކެވެ." (އަލްފަޖްރު 7،8)

ޢާދު ބާގައި މީހުންނާއި އެ މީހުން އުޅުނު ރަށަކީ ވެސް ދުނިޔެ އަށް ހުރި ނަމޫނާއެކެވެ. ނޫޙްގެފާނުގެ ޤައުމަށް ފޮނުއްވި ޠޫފާނަށް ފަހުގައި އިންސާނީ ދަރިފަސްކޮޅު ދެމިއޮތުމަށް ﷲ މެދުވެރި ކުރެއްވީ ޢާދު ބާގައި މީހުންނެވެ. އެހެންކަމުން އެ މީހުންނަށް ތަފާތު ހުނަރުތަކާއި ތަނަވަސްކަމާއި ޖިސްމާނީ ޤާބިލްކަން، ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވި އެވެ.

"އަދި ނޫޙްގެފާނުގެ ޤައުމަށް ފަހުގައި، ޚަލީފާ އިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރު ކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ!" (އަލްއަޢުރާފް 69)

އޭގެ އިތުރުން، ނައަމް ސޫތްޕާއި ދަރިންނާއި ބަގީޗާތަކާއި ފެންއާރުތަކުން އެބައިމީހުން މުއްސަނދި ކުރައްވައި ތަނަވަސް ކުރެއްވި އެވެ. އެ ނިޢުމަތްތަކުގެ އެހީގައި ވަރުގަދަ ޙަޟާރަތެއް ބިނާ ކޮށް ފަހުގެ އުންމަތްތަކަށް ހުރި މިސާލެއް ކަމުގައި އެމީހުންގެ ރަށް ގާއިމުކުރި އެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް އެއީ ﷲ ދެއްވި ނިޢުމަތްތަކެއް ކަން އެމީހުން ހަނދާނެއް ނުހުރެ އެވެ. ﷲ އެއްކައުވަންތަ ކުރުމުގެ ވިސްނުމެއް އެމީހުން ނުގެންގުޅުނެވެ.

ޢާދު ބާގައި މީހުން އިރަމްގެ ކޮންމެ އުސް ތަނެއްގައި ބިޔަ ތަނބުތަކެއް ބިނާކޮށް އެ މީހުންގެ ރަށް ހިމާޔަތް ކުރި އެވެ. އެއީ ސަހަރާގެ ތެރެއިން ދަތުރު ކޮށްފައި ދާ ވިޔަފާރި ގާފިލާތަކަށް ވެސް މާ ދުރުން އެ ރަށް ފެންނާނެހެން އަދި އެ ރަށުގެ އަހުލުވެރިންގެ ކުޅަދާނަކަމާއި ހައިބަތާ މެދު އެހެން މީހުން ސިހުންވެ ޖެހިލުންވާ ފަދަ އުސް ތަނބުތަކެކެވެ.

އޭގެ އިތުރުން، ސަހަރާގެ ތެރޭގައި އެ މީހުންނަށް ކުރިމަތިވާ ތަފާތު މޫސުމީ ގޮންޖެހުންތަކާއި ތޫފާންތަކާއި ކޮޅިގަނޑުތައް ފަދަ ކަންކަމުން ސަލާމަތް ކޮށްދޭނެ ގޮތްގޮތަށް ބިޔަ ގަނޑުވަރުތައް ބިނާކުރި އެވެ. އެމީހުން ހީކުޅައީ، އެ ބިޔަ ގަނޑުވަރުތައް، ހުރިހާ ކަމަކުން އެމީހުން ހިމާޔަތް ކޮށްދޭނެ ކަމަށެވެ. އެ ވަރުގެ ޖިސްމާނީ އަދި މާއްދީ ތަނަވަސްކަން ލިބިގެންވާ ބަޔަކު ވިޔަސް، ހިނދުކޮޅެއްގައި ނެތި ފަނާކޮށްލުމަށް ކުޅަނދުންވަންތަ ކަލަކު ވޮޑިގެންވާ ކަމަކަށް އެމީހުން ގަބޫލެއް ނުކުރި އެވެ.

"ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސް ތަނެއްގައި ބިނާއެއް ހަދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން (އެ ތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭ ކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟" އައްޝުޢަރާއު 128، 129

ރިވާވެގެންވާ ގޮތުގައި ޢާދު ބާގައި މީހުންނަކީ، ޠޫފާނުގައި ނޫޙްގެފާނުގެ ގައުމު ނެތި ކުރެއްވުމަށް ފަހުގައި، މި ބިންމަތީގައި އެންމެ ފުރަތަމަ ބުދަށް އަޅުކަން ކުރުމުގެ އަގީދާ ފެތުރި މީހުންނެވެ. އެމީހުން އަޅުކަން ކޮށް އުޅުނު މައި ތިން ބުދެއް ވެ އެވެ. އެއީ، ޞަމަދު، ޞަމޫދު އަދި ހަރާ އެވެ. އެ ބުދުތަކަށް އަޅުކަން ކުރުމުގައި އެމީހުން ނެތި ދިއުމަށް ﷲ އެދިވޮޑިއެއް ނުގަންނަވަ އެވެ.

އެހެންކަމުން އެ މީހުންގެ ގާތަށް ހަމަ އެ މީހުންގެ ތެރެއިން ބޭކަލަކު ރަސޫލުކަމާއިގެން ފޮނުއްވެވި އެވެ. އެއީ ސަލާމްލެއްވި ހޫދުގެފާނެވެ. ބުދަށް އަޅުކަން ކުރުން ދޫކޮށް ﷲގެ އެއްކައުވަންތަކަމަށް އީމާން ވުމަށް ގޮވައިލެއްވި އެވެ.

ނަމަވެސް ހޫދުގެފާނަކީ ﷲގެ ނަބީބޭކަލެއް ކަމަށް އެމީހުން އިންކާރު ކުރި އެވެ. އަދި އެކަލޭގެފާނު ދެއްވާ އިންޒާރުތަކަކީ އެއްވެސް ހަގީގަތެއް ނެތް އެއްޗެއް ކަން އާންމު ރައްޔިތުންނަށް ވިސްނައިދިނުމުގައި އެ ގައުމުގެ ބޮޑުން އިސްނަގައި އެތައް ވާހަކަތަކެއް ފެތުރި އެވެ. އެމީހުން ހޫދްގެފާނަށް އީމާން ނުވުމުގެ އިތުރުން، އެހެން މީހުން އެކަލޭގެފާނަށް އީމާންވިޔަ ނުދިނުމަށް ވެސް އެތައް ހުއްޖަތްތަކެއް ދެއްކި އެވެ.

"އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ކާފަރުވެ، އަދި އާޚިރަތާ ބައްދަލުވާނޭކަން ދޮގުކޮށް އުޅުނު، އަދި ދުނިޔޭގެ ޙަޔާތުގައި ތަނަވަސްކަމާއި ނިޢުމަތް އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ބޮޑުންގެ މީހުން ބުނޫ އެވެ. ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެ އެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައި އުޅޭ ތަކެތިން، އޭނާ ވެސް ކައި އުޅެތެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާ ވެސް ބޮއި އުޅެތެވެ." (ސޫރަތުލް މުއުމިނޫން 33)

ހޫދްގެފާނަކީ ނަބީބޭކަލެއް ނޫން ކަމާއި އެއީ އާދައިގެ އިންސާނެއް ކަމަށް ހުއްޖަތް ދެއްކުމަށް ފަހު، އެމީހުންގެ ބޮޑުން ބުންޏެވެ؛ "އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރި ވެއްޖެ ނަމަ، އެހިނދު ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ..." (ސޫރަތުލް މުއުމިނޫން 34)

އެވަރުން ވެސް އެމީހުން ފުއްދައިލީކީ ނޫނެވެ. ޝިރުކުގެ މަތީގައި މަރުވެއްޖެ ނަމަ، އާޚިރަތުގައި ހުރި ވޭންދެނިވި އަޒާބާ ބެހޭ ގޮތުން ހޫދުގެފާނު އިންޒާރު ދެއްވުމުން އެކަމަށް ވެސް އިންކާރު ކުރި އެވެ. އަދި މަރުވުމަށް ފަހު އަލުން ދިރުއްވާނޭ ކަމަށް ވެސް އިންކާރުކުރި އެވެ.

"ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވެއްޖެ ހިނދު، އަދި ވެއްޔާއި، ކަށްޓަށް ތިޔަބައިމީހުން ވެއްޖެ ހިނދު، އަލުން ދިރުއްވައި ނެރުއްވާނޭ ކަމަށް އޭނާ ތިޔަބައިމީހުންނަށް ވަޢުދު ކުރަނީ ހެއްޔެވެ؟ ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތައް ދުރުވެގެންވެ އެވެ. (ވަރަށް) ދުރުވެގެންވެ އެވެ. އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމު އެވެ. އަދި ދިރިއުޅެމު އެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމު އެވެ." (ސޫރަތުލް މުއުމިނޫން 35،36،37)

ހޫދްގެފާނު، ﷲގެ އެއްކައުވަންތަކަމަށް ޢާދު ބާގައި މީހުންނަށް ގޮވައިލެއްވުމުން، އެމީހުންނަށް ހީވީ އެކަލޭގެފާނަށް ރަށުގެ ބަޔަކު ލަންބުވައިގެން އެހެން މަގުސަދެއް ހާސިލުކުރަން އުޅެނީ ކަމަށެވެ. ހޫދްގެފާނު ދެއްވި ދަޢުވަތަށް އެ މީހުން ދިން ޖަވާބަކީ؛ "ހަމަކަށަވަރުން، ކަލޭގެފާނުވަނީ މޮޔަ ކަމެއްގެ ތެރޭގައި ކަމަށް ތިމަންމެންނަށް ފެނެ އެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ ކަލޭގެފާނަކީ ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގަ އެވެ." އަލްއަޢުރާފް 66

ޤައުމުގެ މީހުން ކޮންމެ ފަދަ ތުހުމަތެއް އެކަލޭގެފާނަށް ކުރިޔަސް، ހޫދްގެފާނު ސާބިތުކަމާ އެކު ހުންނެވީ ﷲގެ އެއްކައުވަންތަކަމަށް ދަޢުވަތު ދެއްވުމުގަ އެވެ. އަދި ރިވެތި ވައުޒާ އެކު ނަސޭހަތްތެރިވެ ވަޑައިގަތެވެ.

"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއް ހެއްޔެވެ؟ އަހުރެންނީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރި ރަސްކަލާނގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ އަމާނާތްތެރި ނަސޭހަތްތެރިޔަކީމެވެ." (އަލް އަޢުރާފް 67،68)

އެފަދައިން ނަސޭހަތްތެރި ވުމުގެ އިތުރުން، ނޫޙުގެފާނުގެ ޖީލަށް ފަހުގައި އެބައިމީހުންގެ ކޮނޑުގައި މާތް ﷲ އަޅުއްވާފައިވާ މަތިވެރި މަސްއޫލިއްޔަތުގެ މަތިން ތަކުރާރުކޮށް ހަނދާން ކޮށްދެއްވި އެވެ. އަދި އެމީހުންނަށް ﷲ ދެއްވި މަތިވެރި ނިޢުމަތްތަކާއި ޖިސްމާނީ ގާބިލުކަން އެމީހުންނަށް ވިސްނައިދިނެވެ.

އަދި އެ މީހުން ﷲ އަށް އީމާންވެ އެކަލާނގެ އަށް ޝަރީކު ކުރުން ހުއްޓާލައިފި ނަމަ، އެބައިމީހުންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކުގެ އިތުރުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އެތައް ނިޢުމަތްތަކެއް ދެއްވައި އެތައް ކަމެއް ފަހި ކޮށްދެއްވާނެ ކަން ވެސް ހަނދުމަ ކޮށްދެއްވި އެވެ.

"އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފާފަފުއްސެވުން އެދި ދަންނަވާށެވެ. ދެން އެކަލާނގެ އަށް ތައުބާ ވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރު ކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!" (ސޫރަތު ޙޫދް 52)

ﷲގެ ނިޢުމަތްތައް ހަނދާން ކޮށްދިނަސް، އެމީހުންގެ ހަރުކަށިކަމާއި ގޮތް ދޫނުކުރުމަށް ބަދަލެއް ނައެވެ. އެކަލޭގެފާނުގެ ނަބީކަން ކަށަވަރުވާނޭ ހެކިތައް ދެއްކެވި ނަމަވެސް އެމީހުންގެ ހިތްތަކަށް އަސަރެއް ނުކުރި އެވެ. ޝައިޠާނާގެ ވަސްވާހުގައި އެމީހުންގެ ހޫދްގެފާނާ ޖަދަލު ކުރަމުން ދިޔަ އެވެ.

"އެއުރެން ދެންނެވޫ އެވެ. އޭ ހޫދްގެފާނެވެ! ބަޔާންވެގެންވާ ހެއްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނު ނުގެންނަވަމު އެވެ. އަދި (ހަމައެކަނި) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށްލާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމު އެވެ. އަދި ކަލޭގެފާނަށް އީމާންވާ ބަޔަކު ކަމުގައި، ތިމަންމެން ނުވާ ހުށީމެވެ." (ސޫރަތު ހޫދް 53)

(ނުނިމޭ)