Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބިނާ ކުރަންވީ އުފެއްދުންތެރި އިސްލާމީ ޝަޚުޞިއްޔަތެއް

އުފެއްދުންތެރި ޝަޚުޞިއްޔަތެއް ބިނާ ކުރަން އިސްލާމް ދީން ބާރުއަޅާ

08 ޖޫން 2017

އުފެއްދުންތެރި ޝަޚުޞިއްޔަތެއްގެ ގޮތުގައި އިންސާނާ ތަރުބިޔަތު ކުރަން ކޮންމެ މުޖުތަމައެއްގައި ވެސް ސަމާލުކަން ދެއެވެ. މިގޮތުން ގިނަ މުޖުތަމައުތަކުގައި މިކަން ކުރަނީ ދުނިޔަވީ މަސްލަހަތުތަކާއި އިންސާނީ އެދުންތަކަށް އަމާޒު ކޮށްގެންނެވެ. ނަމަވެސް މިއާ ޚިލާފަށް އިސްލާމް ދީނުގައި މިކަމަށް ސަމާލުކަން ދެނީ އިސްލާމީ ޝާމިލު ޝަޚުޞިއްޔަތެއް ބިނާ ކުރާއިރު އޭގެ ބައެއްގެ ގޮތުގައި ހިމަނައިގެންނެވެ. އެހެންކަމުން މިފަދަ އުފެއްދުންތެރި ޝަޚުޞިއްޔަތެއް މާ ފުރިހަމަ ވާނެ އެވެ.

އުފެއްދުންތެރި ޝަޚުޞިއްޔަތެއްގެ ގޮތުގައި އިންސާނާ ތަރުބިޔަތު ކުރަން ކޮންމެ މުޖުތަމައެއްގައި ވެސް ސަމާލުކަން ދެއެވެ. މިގޮތުން ގިނަ މުޖުތަމައުތަކުގައި މިކަން ކުރަނީ ދުނިޔަވީ މަސްލަހަތުތަކާއި އިންސާނީ އެދުންތަކަށް އަމާޒު ކޮށްގެންނެވެ. ނަމަވެސް މިއާ ޚިލާފަށް އިސްލާމް ދީނުގައި މިކަމަށް ސަމާލުކަން ދެނީ އިސްލާމީ ޝާމިލު ޝަޚުޞިއްޔަތެއް ބިނާ ކުރާއިރު އޭގެ ބައެއްގެ ގޮތުގައި ހިމަނައިގެންނެވެ. އެހެންކަމުން މިފަދަ އުފެއްދުންތެރި ޝަޚުޞިއްޔަތެއް މާ ފުރިހަމަ ވާނެ އެވެ.

އުފެއްދުންތެރި ޝަޚުޞިއްޔަތޭ ބުނާ ބަހުގެ މުރާދަކީ އުފެއްދުންތެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ ބާރުއަޅާ ފަދަ ޝަޚުޞީ ސިފަތަކާއި ޚާއްޞަ ކަންކަން ލިބިގެންވާ ޝަޚުޞިއްޔަތެވެ. ކޮންމެ ޝަޚުޞިއްޔަތެއްގައި ވެސް ފިޠުރީ (ޠަބީޢީ) ގޮތުން ލިބިގެންވާ ޣަރީޒާތަކަކާއި އެދުންތަކަކާއި ބާރުތަކަކާއި ތައްޔާރީ ތަކެއް ވެއެވެ. ހަމައެއާ އެކު ދިރިއުޅުމުގެ ތެރެއިން ދަސްކުރާ ނުވަތަ ލިބިގަންނަ ބާރު ތަކަކާއި ގާބިލިއްޔަތު ތަކެއް ވެސް ވެއެވެ. ޝަޚުޞިއްޔަތު ތަރައްގީ ކުރެވޭނީ މި ދެބައި އެކުވެގެންނެވެ.

މިގޮތުން އިސްލާމް ދީން ތަރައްގީ ކުރަން ބޭނުންވާ ޝަޚުޞިއްޔަތުގެ އެއް ސިފަ އަކީ އުފެއްދުންތެރި ކަމަށް ލޯބިކުރުމާއި އެކަމަށް މަސައްކަތް ކުރުމުގެ ސިފަ އެވެ. މިކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ އެއް ކަމަކީ ރީތިކަން އިހުސާސް ކުރުމުގެ ތަރުބިޔަތު ލިބިފައި ވުމެވެ. އިސްލާމް ދީނުގައި އެ ދީނުގެ ހަމަތަކާއި އުސޫލުތަކަށް ފެތޭ ގޮތަށް ރީތިކަން އިހުސާސް ކުރުމަށް ބާރު އަޅަ އެވެ. އަދި މިނޫނަސް ތަފާތު ގޮތްގޮތުން އުފެއްދުންތެރި ޝަޚުޞިއްޔަތެއް ބިނާކުރުމަށް ސަމާލުކަން ދެ އެވެ. މިކަން ހާމަވާ ބައެއް ކަންކަން އިސްލާމީ މުފައްކިރުން ފާހަގަ ކުރައްވާފައި ވެއެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ޝަޚުޞިއްޔަތު ބިނާ ކުރާއިރު ވިސްނާ ފިކުރު ކުރުމަށް ހިތްވަރު ދީފައި ވުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު މިއީ އަޅުކަމެކެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ އީމާންތެރިކަން ވަރުގަދަ ކޮށް ސީދާވެގެންވާ މަގުގައި ސާބިތު ކުރުވުމެވެ. މިގޮތުން އިރުހަނދާއި ތަރިތަކާއި އެތަކެތީގެ ދައުރު ކުރުމާއި ގަސްގަހާ ގެއްސާއި ކަނޑުތަކާއި ކޯރުތަކާއި ފަރުބަދަތަކާއި ވިލާތަކާއި ޖަނަވާރު ތައް ފަދަ ކައުނުގައިވާ އިލާހީ ހެކިތަކާ މެދު ވިސްނައި ފިކުރު ކުރަން ވަރަށް ގިނައިން ކީރިތި ޤުރުއާނުގައި އިޝާރާތް ކޮށްފައި ވެއެވެ.

އުދަރެސްތަކުން ފެންނަ ތަކެއްޗާއި ކަންކަމާ މެދު ވިސްނަން ބާރުއަޅާއިރު އެއަށްވުރެ ގާތުން އަމިއްލަ ނަފްސާ މެދު ވިސްނާ ފިކުރު ކުރަން ވެސް ގޮވާލާފައި ވެއެވެ. (އައްޛާރިޔާތު 21). އަދި އުޑުތަކާއި ބިމާއި އެ ދެމެދުގައި ވާހައި ތަކެތި އެއީ ހައްގު ގޮތުގައި ވަކި އަޖަލަކަށް ޚަލްޤު ކުރެވިފައިވާ ތަކެތިކަން ތިމާގެ އަމިއްލަ ނަފްސާ މެދު ވިސްނާލުމުން ވެސް ހާމަވެގެންދާނެ ކަން ބަޔާން ކުރައްވާފައި ވެއެވެ. (އައްރޫމް 8). ވިސްނާ ފިކުރު ކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަން ހާމަވާ އަނެއް ކަމަކީ ވިސްނައި ފިކުރު ކުރުމަކާ ނުލައި ކާބަފައިން ވަކި ގޮތެއްގައި ތިބީތީވެ އެ ގޮތަކަށް އީމާންވާ އީމާންވުން ބަލައި ނުގަތުމެވެ. (އަލްމާއިދަތު 104)

މިފަދަ ހެކިތަކާ މެދު ވިސްނައި ފިކުރު ކުރުމުގެ ނަތީޖާ އަކީ ޤުދުރަތީ ނިޒާމުގައިވާ ރީތިކަމާއި ފުރިހަމަ ކަން އިހުސާސް ކުރެވިގެން ދިއުމެވެ. އަދި މި އިހުސާސްތަކާ އެކު އެއްކޮޅުން އީމާންކަން ވަރުގަދަ ވެގެންދާއިރު އަނެއްކޮޅުން ވަރަށް ގިނަ އައު ޚިޔާލުތައް ލިބިގެން ދިއުމެވެ. އިންސާނާގެ ސިކުނޑީގެ މަސައްކަތަށް އާރޯކަމާއި ތާޒާކަން ލިބި، މަންޠިޤީ (ލޮޖިކަލް) ވިސްނުން ތަރައްގީ ވެގެން ދިއުމެވެ. އަދި މައްސަލަތައް ހައްލު ކުރާނެ ގޮތްތަކުގެ ފިކުރު ވެސް އުފެދިގެން އައުމެވެ. މިސާލަކަށް ޖައްވުގައި އުދުހޭ ދޫނިތަކާއި ކަނޑުގައި ފީނާ މަސްތައް ހަރަކާތް ކުރުމަށް ގުދުރަތީ ގޮތުން ލައްވާފައިވާ ސަބަބުތަކާ މެދު ވިސްނައި ފިކުރުކޮށް އޭގެ ހަގީގަތް ދެނެގަނެވިއްޖެ ނަމަ އިންސާނުން ވެސް އެއްތަނުން އަނެއް ތަނަށް ދާނެ ވަސީލަތްތަކެއް އުފެއްދުމުގެ ފިކުރު ލިބުން އެކަށީގެން ވެއެވެ.

އުފެއްދުންތެރި ޝަޚުޞިއްޔަތެއް ބިނާ ކުރުމަށް އެހީ ލިބެނިވި ދެވަނަ ކަމަކީ، ޝަޚުޞިއްޔަތު ބިނާ ކުރާއިރު އީޖާބީ އަދި އުންމީދީ ރޫހު ވަރުގަދަ ކުރުމަށް ސަމާލުކަން ދީފައި ވުމެވެ. މިއީ ނަފްސާނީ ދުޅަހެޔޮ ކަމެއްގައި އިންސާނާ ދެމިހުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މީގެ އަސަރު އިންސާނާގެ އެންމެހާ އަމަލުތަކަށް ފޯރާނެތީ އެވެ. މިގޮތުން ދިރިއުޅުމުގެ ކަންކަން ކުރުމުގައި ވަކި ގޮތްތަކެއްގެ މަތީ ގަރާރުވެ ހަމަޖެހިގެން ހުންނާނެ އެވެ. ކުރާ މަސައްކަތްތައް ބަރާބަރަށް ކުރުމަށާއި އައު ވިސްނުންތައް ވިސްނައި މަސައްކަތް ތަރައްގީ ކުރަން މަގުފަހިވާނެ އެވެ.

މިހެންވެ ކޮންމެ މުސްލިމަކީ އީޖާބީ އުންމީދީ ޝަޚުސިއްޔަތަކަށް ހެދުމަށް އިސްލާމް ދީން މަސައްކަތް ކުރެއެވެ. މިގޮތުން ކޮންމެ މަސައްކަތެއްގައި ވެސް ﷲ އަށް ވަކީލު ކުރުމަށް އަންގަވަ އެވެ. އަދި ކޮންމެ ކަމެއްވެސް އެކަމެއް ކުރެވެން އޮތް އެންމެ މޮޅަށް ބަރާބަރަށް ކުރުމަށް ހިތްވަރު ދެއެވެ.

މުސްތަގުބަލާ މެދު މާޔޫސް ނުވުމަށްޓަކައި ދުނިޔަވީ އެންމެހާ ބިރުތަކުން ސަލާމަތްވެ ހުރުމަށް ބާރު އަޅަ އެވެ. މިގޮތުން މަރުވުމާއި ބަލިމަޑުކަމާއި ފަގީރުކަން ފަދަ ކަންކަމާ މެދު އޮންނަ ބިރު، މިންވަރަށް އީމާންވުމުގެ ތެރެއިން ކުޑަ ކުރުވަ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މުސްލިމުންނަށް ދަސްކޮށްދެއްވާފައި ވަނީ މުޅި އުންމަތް އެއްވެގެން ވިއަސް މީހަކަށް ވަކި މަންފާ އެއް ނުވަތަ ވަކި ގެއްލުމެއް ދޭން މަސައްކަތް ކުރި ކަމުގައި ވިއަސް ﷲ ގެ އަޒަލީ އިލްމުފުޅުގައި ލިޔުއްވާފައި ނުވާ ކަމެއް މެދުވެރި ނުވާނެ ކަމަށެވެ. (އަޙުމަދާއި ތިރުމިޛީ). އެބަހީ އެކަލާނގެ އިރާދަ ނުކުރައްވާ ކަމެއް ނުވާނެ އެވެ. މިފަދަ އިން އީޖާބީ އަދި އުންމީދީ ރޫހު ވަރުގަދަ ކުރެވޭ ނަމަ މުސްލިމް ޝާމިލު ޝަޚުޞިއްޔަތަކީ މުޖުތަމައަށް އުފެއްދުންތެރި ކަމާއި ތަރައްގީ ގެނައުމަށް މަސައްކަތް ކޮށްދޭނެ މުހިންމު ޢުންޞުރެއް ކަމުގައި ވެގެންދާނެ އެވެ.

ތިންވަނަ ކަމަކީ، ޝަޚުޞިއްޔަތު ބިނާ ކުރާއިރު އަމިއްލަވަންތަ ކަން ވަރުގަދަކޮށް އެހެން މީހުން ކޮޕީ ކުރުމުން ދުރުހެލިވުމަށް ބާރު އަޅާފައި ވުމެވެ. މިއީ އަމިއްލަ ނަފްސާ މެދު އިތުބާރު އުފެދި އަމިއްލަ އަށް ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމުގެ އިހުސާސް ގެނެސްދޭނެ ކަމެކެވެ. އައްތިރުމިޛީ ރިވާ ކުރައްވާފައިވާ ހަދީސެއްގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، މުސްލިމުންނަށް އަންގަވަނީ މުސްލިމުން ގުނބޯއްޔަށް ނުވުމަށެވެ.

"މީހުން ހެޔޮކޮށް ހިތައިފިއްޔާ ތިމަންމެން ވެސް ހެޔޮކޮށް ހިތާނަމޭ މީހުން އަނިޔާވެރި ވެއްޖިއްޔާ ތިމަންމެން ވެސް އަނިޔާވެރި ވާނަމޭ" މިފަދަ އިން ނުބުނެ އަމިއްލަވަންތަކަން ވަރުގަދަ ކުރުމަށެވެ. ހަމައެއާ އެކު އިސްލާމީ (އަމިއްލަ ވަންތަ) ގޮތްތަކުގައި ހިފަހައްޓައިގެން ތިބުމަށްޓަކައި، އެހެންމީހުން އުޅޭގޮތް ކޮޕީ ނުކުރުމަށް ކީރިތި ރަސޫލާ އަންގަވާފައި ވެއެވެ.

އަމިއްލަވަންތަކަން ވަރުގަދަ ކުރުމަށް އިސްލާމް ދީނުން ބާރު ލިބޭ ކަންކަމުގެ ތެރޭގައި އިޖުތިމާއީ ގޮތުން ބަލައިގަންނަ ފަދަ އަޚްލާގީ ސިފަތައް ލިބިގަތުމާއި ބޭރުފުށުގެ މަޒުހަރުގެ ރީތިކަން (ބޮޑާވުމެއް އަދި ކަންދެއްކުމެއް ނެތި) ދެމެހެއްޓުން ހިމެނެ އެވެ. ކަމެއްގައި ނިންމާ ގޮތް (ކަނޑައެޅިގެން ގޯސްކަން ކަށަވަރު ނުވާހާ ހިނދަކު) ބަދަލު ނުކުރުން ހިމެނެ އެވެ.

ހެޔޮ ކަންތަކުގައި އެކަކު އަނެކަކަށް (ޝަރަފުވެރި ގޮތުގައި) ވާދަ ކުރުން ހިމެނެއެވެ. ކުރާ ކޮންމެ ކަމެއްވެސް ބަރާބަރަށް ކުރުން ހިމެނެ އެވެ. މިއީ ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއްކަން ކީރިތި ރަސޫލާ ވަނީ ބަޔާން ކުރައްވާފަ އެވެ. އަދި ކަންކަން ކުރުމުގައި މަޝްވަރާ އަށް ފުރުސަތު ހުޅުވާލެވިފައި އޮތުމަކީ ވެސް އަމިއްލަވަންތަކަން އިތުރުވެގެންދާ ކަމެކެވެ.

އެއީ ތިމާ ދޭ މަޝްވަރާ ބަލައިގަނެވޭ ހާލަތުގައި ތިމާއަކީ އެހެން މީހުން ކޮޕީ ކުރާ މީހެއް ނޫންކަމާއި ތިމާއަށް ވެސް މޮޅެތި ޚިޔާލުތައް ނެރެވިދާނެކަން އިހުސާސް ކުރެވޭނެތީ އެވެ. އިސްލާމީ ތާރީޚަށް ބަލާއިރު ހަނގުރާމަތަކުގައި އަޞްޙާބުންގެ މަޝްވަރާ އިން ވަރަށް އަގުހުރި އުފެއްދުންތެރި ނިންމުންތައް ނިންމިފައިވާކަން ހާމަ ވެއެވެ. މިސާލަކަށް ބަދުރު ހަނގުރާމަ އާއި އުޙުދު ހަނގުރާމަ ކުރުމަށް އިޚުތިޔާރު ކުރެވުނު ތަންތަނެވެ. އަދި އަހްޒާބު ހަނގުރާމައިގައި ކޮނެވުނު ޚަންދަޤެވެ.

އުފެއްދުންތެރި ޝަޚުޞިއްޔަތެއް ބިނާ ކުރުމަށް އެހީ ލިބެނިވި ހަތަރުވަނަ ކަމަކީ، ޝަޚުޞިއްޔަތު ބިނާ ކުރާއިރު މިނިވަންކަން (އޭގެ ސައްހަ ގޮތުގައި) ބޭނުން ކުރުމަށް ހިތްވަރު ދީފައި ވުމެވެ. އުފެއްދުންތެރި ވުމަށްޓަކައި މިނިވަންކަމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ތަފާތު ފިކުރުތަކާއި ކަންކަމަށް ތިމާ އަޅުވެތިވާ ނަމަ އުފެއްދުންތެރި ކަމަށް ހުޅުވާލެވިފައިވާ ގިނަ ދޮރުތައް ބަންދުވެގެން ދާނެތީ އެވެ.

އަދި ބައެއް ފަހަރު އެ ފިކުރަކުން ނުވަތަ އެ އެއްޗަކުން ތިމާ ސަލާމަތް ނުވެގެން އުޅެން ޖެހުމާއި އާޚިރަތުގައި ތިމާގެ ހަލާކު ކަމުގައި އެ ފިކުރެއް ނުވަތަ ކަމެއް ވެގެން ދިއުމެވެ. މިގޮތުން ދީނާރާއި ދިރުހަމާއި ފަށުވި ފޭރާން ފަދަ ތަކެތީގެ އަޅުންނަށް ތިމާ ވާން ވެއްޖެނަމަ އެއީ ތިމާގެ ހަލާކު ކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައި ވެއެވެ. (އައްޠަބަރާނީ)

ވިސްނާ ފިކުރު ކުރުމަށް އިސްލާމް ދީން ބާރުއަޅާފައި ވުމުން ދޭހަވަނީ އެކަމަށް އިސްލާމް ދީން މިނިވަންކަން ދޭކަމެވެ. މިކަމުގައި ހަމައެކަނި އޮތް ގައިދަކީ ﷲ ގެ ޒާތުފުޅާ މެދު ވިސްނާ ފިކުރު ކުރުން ހުއްދަ ނުވުމެވެ. އެ މިނިވަންކަން ނުދޭ ސަބަބަކީ އެއީ އިންސާނާއަށް ކުޅަދާނަ ކަމަކަށް ނުވުމާއި އޭގެ ފައިދާ އެއް ދުނިޔެމަތީގައި ނެތުމެވެ.

އެކަމަކު ދެން އެހެން ހުރިހާ ކަމަކާ މެދު ވިސްނައި ފިކުރު ކުރުމުގެ މިނިވަންކަން އޮތުމުން މައްސަލަތައް ހައްލު ކުރުމަށް މަގު ހުޅުވިގެންދާނެ އެވެ. އުފެއްދުންތެރި ޚިޔާލުތައް ވުޖޫދު ވެގެންދާނެ އެވެ. ވީމާ އިސްލާމީ ޝަޚުޞިއްޔަތު ބިނާ ކުރާއިރު މިކަންކަމަށް ވިސްނައިގެން އުފެއްދުންތެރި ވިސްނުން ގެންގުޅޭ އެކަމަށް މަސައްކަތް ކުރާނެ ޝަޚުޞިއްތަތު ބިނާ ކުރަން މުސްލިމުން ސަމާލުކަން ދޭން ޖެހޭނެ އެވެ.