Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން

އިހުގެ އުންމަތްތައް: ޘަމޫދު ބާގައި މީހުން ނެތިކުރެއްވުން (7)

20 ޖޫން 2017

(އާދީއްތަ ދުވަހުގެ ނޫހާ ގުޅޭ)

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

(އާދީއްތަ ދުވަހުގެ ނޫހާ ގުޅޭ)

"އަދި ތިމަންރަސްކަލާނގެ ޘަމޫދު ބާގައި މީހުންގެ ގާތަށް އެއުރެންގެ އަޚް، ޞާލިޙްގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން، ﷲ އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެ އެވެ." (އަލްއަޢުރާފް 73)

އެބައިމީހުން ﷲ އަށް އީމާން ވާންވީ ކީއްވެގެން ކަން ވެސް ޞާލިޙްގެފާނު އެބައިމީހުންނަށް އަންގަވައިދެއްވި އެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ދެއްވި ނިޢުމަތްތަކުގެ މަތިން އެބައިމީހުންނަށް ހަނދާން ކޮށްދެއްވި އެވެ. ނަމަވެސް އެ ދަޢުވަތު ޤަބޫލު ކުރުމުގެ ބަދަލުގައި އެމީހުންގެ މެދުގައި އަރާރުން އުފެދިގެން ދިޔަ އެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޘަމޫދު ބާގައި މީހުންގެ ގާތަށް އެއުރެންގެ އަޚް، ޞާލިޙްގެފާނު ފޮނުއްވީމެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. ފަހެ، އެހާރުން އެއުރެން އަރާރުންވާ ދެބަޔަކަށް ބެހިގެންދިޔައޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ؟" (އައްނަމްލު 45-46)

ޞާލިޙްގެފާނު، ޘަމޫދު ބާގައި މީހުންނަށް ﷲގެ އެއްކައުވަންތަކަމަށް ދަޢުވަތު ދެއްވުމުން އެބައިމީހުންގެ މެދުގައި ދެބަސްވުން އުފެދުނެވެ. ޤައުމުގެ މީހުން ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އެއް ބަޔަކު، ޞާލިޙްގެފާނަކީ ﷲ ފޮނުއްވި ނަބީބޭކަލެއް ކަމަށް އީމާންވި އެވެ. އަނެއް ބަޔަކު އީމާނެއް ނުވި އެވެ. އެކަލޭގެފާނުގެ ދަޢުވަތަށް އިންކާރު ކުރި މީހުން، އެކަލޭގެފާނުގެ ރިސާލަތު ދޮގު ކުރުމަށް، ޤައުމުގެ އެހެން މީހުންނަށް ވަސްވާސްދީ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރި އެވެ.

"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ﷲ އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެ އެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވި އެވެ. އަދި އެ ބިމުގައި ޢިމާރާތް ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވި އެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުން އެދި، އެކަލާނގެ އަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެ އަށް ތައުބާ ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކުއްތަންވެވޮޑިގެންވާ (ދުޢާ) އިޖާބަކުރައްވާ ރަސްކަލާނގެ އެވެ." (ހޫދް 61)

ޞާލިޙްގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ބަޔާންކޮށްދެއްވީ، އެބައިމީހުންނަކީ ވެސް އިހުގެ އުންމަތްތައް ފަދައިން މި ބިމުގެ ވެލިންނާއި މަށިން ޚަލްޤު ކުރެއްވި ބައެއް ކަމެވެ. އެހާ ބަލިކަށި އާދައިގެ އެއްޗަކުން އުފެދިފައިވާ ބަޔަކު ވެސް، ހިލައިގެ ބިޔަ ފަރުބަދަތަކުގެ މައްޗަށް ބާރު ފޯރުވޭ ބަޔަކު ކަމުގައި ލައްވައި ބިޔަ ފަރުބަދަތަކުގައި ގަނޑުވަރުތަކާއި ގެދޮރު ހަދައި އުޅުމުގެ ކުޅަދާނަކަން ދެއްވީ ﷲ ކަން ހަނދާން ކޮށްދެއްވި އެވެ.

އަދި އެބައިމީހުންނަށް އެނގިގެން ނުވަތަ ނޭނގި ނަމަވެސް، ﷲ ނަހީ ކުރެއްވި ކަންތައްތަކަކަށް އަރައިގަނެވިފައިވާތީ، އެ މީހުންގެ ފާފަތައް ފުއްސަވައިދެއްވުން އެދި، ﷲގެ ޙަޟްރަތަށް ދެންނެވުމަށް އެކަލޭގެފާނު އެބައިމީހުންނަށް ވިސްނަވައިދެއްވި އެވެ. އަދި ތައުބާވެ ޝިރުކުގެ ޢަޤީދާ އަށް އެނބުރި ނުދިއުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ނަމަވެސް އެ ކަލޭގެފާނުގެ ނަސޭހަތް ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. ޞާލިޙްގެފާނުގެ ދެއްވި ދަޢުވަތުގައި ވަނީ، އެމީހުންގެ އަމިއްލަ ނަފްސުތަކުގެ އެދުންތަކާ ޚިލާފު ކަންތަކެއް ކަމަށް ވުމުން، އެމީހުން ފާޅުގައި އެކަލޭގެފާނާ ޖަދަލު ކުރަން ފެށި އެވެ.

ﷲގެ ދަޢުވަތު މީސްތަކުންނަށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވުމުގެ ކުރިން ވެސް ޞާލިޙްގެފާނަކީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި އަބުރުވެރި މާތް ބޭކަލެކެވެ. ރަށުގެ ޤަދަރުވެރި އެކެވެ. ނަމަވެސް ﷲގެ އެއްކައުވަންތަކަމަށް އީމާންވުމަށް، ޘަމޫދު ބާގައި މީހުންނަށް، ޞާލިޙްގެފާނު ގޮވައިލެއްވުމުން، އެމީހުން ބުނީ އެކަލޭގެފާނަކީ ދޮގުވެރިއެއް ކަމަށެވެ.

"ޘަމޫދު ބާގައި މީހުން، ރަސޫލުން ދޮގުކުރޫ އެވެ. (އެއީ) އެއުރެންގެ އަޚް، ޞާލިޙްގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގަ އެވެ. ތިޔަބައިމީހުން (ﷲ އަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!" (އައްޝުޢަރާ 141، 144)

ޘަމޫދު ބާގައި މީހުން ޞާލިޙްގެފާނު ގެންނެވި ރިސާލަތު ދޮގުކޮށް އިންކާރު ކޮށްފައި ހުއްޓައިލީކީ ނޫނެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތަފާތު ތުހުމަތުތައް އެޅުވި އެވެ. ކާބަފައިންގެ ފަރާތުން ވާރުތަވެފައި އޮތް ބުދުދީން ދޫކުރުމަށް ޞާލިޙްގެފާނު ގޮވައިލެއްވުމުން އެ މީހުން ފާޅުގައި ކުރީ އިންކާރެވެ.

މަދާއިން ޞާލިޙްގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ސަރަހައްދުގައި، ޘަމޫދު ބާގައި މީހުން ފަރުބަދަ ކަނޑައިގެން ބިނާކުރި ބައެއް އިމާރާތްތައް.

މަދާއިން ޞާލިޙްގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ސަރަހައްދުގައި، ޘަމޫދު ބާގައި މީހުން ފަރުބަދަ ކަނޑައިގެން ބިނާކުރި ބައެއް އިމާރާތްތައް.

"އެއުރެން ދެންނެވޫ އެވެ. އޭ ޞާލިޙްގެފާނެވެ! ހަމަކަށަވަރުން، މީގެކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއްކަމުގައި ކަލޭގެފާނު ވީމު އެވެ. (އެހެންކަމާ އެކު ވެސް) ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް، އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީތޯ އެވެ؟ ހަމަކަށަވަރުން، ތިމަންމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާ މެދު، ތިމަންމެން މިތިބީ، ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައި ކަން ކަށަވަރެވެ." (ހޫދް 62)

ޞާލިޙްގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް އިންކާރު ކުރިޔަސް، އެ ޤައުމުގެ މަދު ބަޔަކު އެކަލޭގެފާނަށް އީމާންވި އެވެ. ނަމަވެސް އެއީ އެ ރަށުގެ އެންމެ އާދައިގެ ރައްޔިތުންނެވެ. ޤައުމުގެ ބޮޑުންނާއި ކަމުވޮށިގެންވާ މީހުން ހިމެނޭ ގޮތުން ގައުމުގެ ގިނަ މީހުން ޞާލިޙްގެފާނުގެ ދަޢުވަތަށް ފާޅުގައި ދެކޮޅު ހެދި އެވެ.

އެކަލޭގެފާނު ދަޢުވަތު ދެއްވި އެއްކައުވަންތަ ކަމުގެ ޢަޤީދާއާ މެދު ޔަގީންކަމެއް ނެތް ކަމަށް އެމީހުން ބުންޏެވެ. އެމީހުން ގަބޫލުކުރީ އެއީ އެކަލޭގެފާނު އަމިއްލަފުޅަށް ހަދަހަދައިގެން ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކުގެ ބޭނުންފުޅަކީ ދުނިޔަވީ މާއްދީ ކޮންމެވެސް ފައިދާތަކެއް ހޯއްދެވުން ކަމަށެވެ.

"އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! އަދި އަހުރެން އެ ރަސޫލުކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ." (އައްޝުޢަރާ 142، 145)

އެމީހުން ހީކުރި ގޮތާ ޚިލާފަށް ޞާލިޙްގެފާނުގެ ފަރާތްޕުޅުން ރައްދު ލިބުމުން ވެސް، އެކަލޭގެފާނު އެ ދަޢުވަތު ދެއްވާ ކަންތަކާ މެދު ވިސްނައި ފިކުރު ކުރާކަށް އެމީހުން ބޭނުމެއް ނުވި އެވެ. އޭގެ ބަދަލުގައި އެމީހުން ތުހުމަތުކުރި ގޮތުގައި، ޤައުމުގެ މީހުން އެކަލޭގެފާނުގެ ވާހަކަފުޅަށް ލެންބެވުމަށްޓަކައި އެކަލޭގެފާނު ސިޙުރު ހައްދަވަނީ އެވެ އަދި އެކަލޭގެފާނު ހުންނެވީ ވަރުގަދަ ޖާދޫއެއްގައި ޖެހި ބުއްދި ގޯސްވެފަ އެވެ.

"އެ މީހުން ޞާލީހްގެފާނަށް ދެންނެވި އެވެ؛ "ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. ތިމަންމެން ކަހަލަ އާދަމުގެ ދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ..." (އައްޝުޢަރާ 153، 154)

އެމީހުންނަށް ޤަބޫލު ކުރެވުނީ، އެމީހުންގެ ޢަޤީދާ އާއި އުޅުން އިޞްލާޙް ކުރުމަށް ގޮވައިލުމަށްޓަކައި އެމީހުންގެ ތެރެއިން އެމީހުން ފަދަ އާދަމުގެ ދަރިޔަކު ފޮނުއްވުމަކީ ވާނޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންގެ ގާތަށް ﷲގެ ރަސޫލަކު ފޮނުއްވާނޭ ނަމަ ފޮނުއްވާނީ މަލާއިކަތުންގެ ތެރެއިން ކަމަށެވެ.

އެހެންކަމުން، ޘަމޫދު ބާގައި މީހުން ޞާލިޙްގެފާނަށް ގޮންޖަހައި އެކަލޭގެފާނަށް ދެންނެވި އެވެ؛ "ތިމަންމެން ކަހަލަ އާދަމުގެ ދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާ ނަމަ، ފަހެ، މުޢުޖިޒާއެއް ގެންނަވައި ބައްލަވާށެވެ!" (އައްޝުޢަރާ 154)

ޞާލިޙްގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ދެމެދު ހަގީގީ މައްސަލަ އުފެދުނީ މިހާ ހިސާބުންނެވެ. އެ މީހުން ބޭނުންވީ ޞާލިޙްގެފާނަކީ ﷲގެ ނަބީބޭކަލެއް ކަމަށް އެކަލޭގެފާނު ވިދާޅުވާ ވާހަކަފުޅަކީ ބާޠިލު ވާހަކަފުޅެއް ކަން ގައުމުގެ މީހުންނަށް ހާމަ ކޮށްދިނުމަށެވެ. ޞާލިޙްގެފާނަކީ އެންމެ ތުއްޕުޅު އިރުއްސުރެ ހަމަ އެމީހުންގެ ތެރޭގައި އުޅެ ބޮޑުވި ބޭކަލަކަށް ވާތީ، އެމީހުންނަށް ގަބޫލު ކުރެވުނީ، އެކަލޭގެފާނު އެ ދައްކަވާ ވާހަކަފުޅުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ޘަމޫދު ބާގައި މީހުންގެ ކުރީގައި ދުނިޔޭގައި އުޅެ ނެތި ފަނާވެ ދިޔަ އުންމަތްތަކަށް ވެސް ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން ފޮނުއްވި ކަން، ޘަމޫދު ބާގައި މީހުންނަށް ވެސް އެނގެ އެވެ. އަދި އެ ރަސޫލުންނާއި ނަބީބޭކަލުންގެ ރިސާލަތުގެ ތެދުކަން ކަށަވަރު ކޮށްދެއްވުމަށްޓަކައި އެ ބޭކަލުންނަށް ތަފާތު މުޢުޖިޒާތްތައް ދެއްވި ކަން ވެސް އެމީހުން ހަނދާނުގައި ހުއްޓެވެ.

އެހެންކަމުން އެމީހުންގެ ގާތަށް ނަބީކަމާއިގެން ފޮނުއްވެވި ޞާލިޙްގެފާނުގެ ރިސާލަތުގެ ތެދުކަން ކަށަވަރު ކުރުމަށްޓަކައި ވެސް އެމީހުން އެ ކަލޭގެފާނުގެ އަރިހުން އެދުނީ، އެކަލޭގެފާނަކީ ނަބީ ބޭކަލެއް ކަމުގައިވާ ނަމަ، މުޢުޖިޒާތެއް ދެއްކެވުމަށެވެ.

ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޘަމޫދު ބާގައިގެ ބޮޑުން އެއް ދުވަހަކު ސައްލާ ކުރަން ތިއްބައި އެ ތަނަށް ޞާލިޙްގެފާނު ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ ވާޖިބު އަދާ ކުރެއްވުމުގެ ގޮތުން، އެ މަޖިލީހުގައި ވެސް، ﷲގެ އެއްކައުވަންތަކަމަށް އެބައިމީހުންނަށް ދަޢުވަތު ދެއްވި އެވެ. އަދި އީމާން ނުވެއްޖެ ނަމަ، އެމީހުންނަށް އާޚިރަތުގައި ހުރި ގެއްލުމާއި ހަލާކުވެ ވާހަކައިން އިންޒާރު ކުރެއްވި އެވެ.

އެހިނދު އެބައިމީހުން އެކަލޭގެފާނަށް ދެންނެވި އެވެ؛ ކަލޭގެފާނަކީ ހަގީގަތުގައި ވެސް ނަބީބޭކަލެއް ކަމުގައިވާ ނަމަ، މިހިރަ ހިލަ ފަރުބަދައިން އަންހެން ޖަމަލެއް އުފައްދަވައި ނެރެދެއްވާށެވެ! އަދި އެ ޖަމަލުގައި ހުންނަންވީ އެވެނި މިވެނި ސިފަތަކެއް ކަމުގައި ބުންޏެވެ.

ޞާލިޙްގެފާނު ވިދާޅުވި އެވެ؛ ތިޔަބައިމީހުން ތިޔަ އެދޭ ކަންތައް ފުރިހަމަވެއްޖެއްޔާ ﷲގެ އެއްކައުވަންތަކަމަށް އީމާންވާނަން ހެއްޔެވެ؟ އެމީހުން އާދޭހޭ، ދެންނެވުމުން ޞާލިޙްގެފާނު އެބައިމީހުންގެ ފަރާތުން އެކަމަށް ޢަހުދު ކަށަވަރު ހިއްޕެވި އެވެ.

ދެން ޞާލިޙްގެފާނު މީސްތަކުންނާ ވަކިން އެކަހެރިވެ ވަޑައިގެން، ﷲގެ ޙަޟްރަތަށް މުނާޖާ ދެންނެވުމުގައި ހުންނެވި އެވެ. ނަމާދުފުޅު ކުރައްވައި ﷲ އަށް ދުޢާ ދެންނެވި އެވެ. އަދި އެކަލޭގެފާނުގެ ޤައުމުގެ މީހުން އެދުނު ފަދައިން، އެބައިމީހުންނަށް ﷲގެ ކުޅަދުންވަންތަކަމުގެ ހެއްކެއްގެ ގޮތުގައި އެ ހިލަ ފަރުބަދައިން އަންހެން ޖަމަލެއް ޚަލްޤު ކުރައްވައި ނެރެދެއްވުމަށް އެދިވަޑައިގަތެވެ.

(ނުނިމޭ)