Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން

އިހުގެ އުންމަތްތައް: ޘަމޫދު ބާގައި މީހުން ނެތިކުރެއްވުން (8)

21 ޖޫން 2017

(އަންގާރަ ދުވަހުގެ ނޫހާ ގުޅޭ)

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

(އަންގާރަ ދުވަހުގެ ނޫހާ ގުޅޭ)

ޞާލިޙްގެފާނުގެ ދުޢާފުޅު ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަ ކުރައްވައި އެކަލޭގެފާނަށް އެންގެވި އެވެ؛ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް އިމްތިޙާނެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާ ހުށީމެވެ. ފަހެ، ކަލޭގެފާނު އެއުރެން ކަންކުރާ ގޮތް ބައްލަވައި އިންތިޒާރު ކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ!" (އަލް ޤަމަރް 27)

ޘަމޫދު ބާގައި މީހުން ބަލަބަލައި ތިއްބައި އެމީހުންގެ ލޯތަކަށް އެހެރަ ފެންނަން ފެށީ، އޭގެ ކުރިން ދުވަހަކު ވެސް އިންސާނަކު ދެކެފައި ނުވާ ފަދަ މަތިވެރި މުޢުޖިޒާތެކެވެ. އެބައިމީހުން ކަނޑައި ކޮށައިގެންނާއި ކަނޑާ ނަގައިގެން ގެދޮރާއި ގަނޑުވަރުތައް ހަދައި އުޅުނު ހިލަ ފަރުބަދައެއްގެ ހިލަގަނޑުން އަންހެން ޖަމަލެއް އުފެދެމުން ނުކުންނަ މަންޒަރެވެ.

ހިލަ ފަރުބަދައެއްގެ ހިލަގަނޑަކުން އުފެދި ދިރި ހުރި އަންހެން ޖަމަލެއްގެ ގޮތުގައި ހަރަކާތްތެރި ވާން އެ ފެށީ އެމީހުން ބަލަބަލައި ތިއްބަ އެވެ. ޘަމޫދު ބާގައި މީހުންނަށް ހުރި މުޢުޖިޒާތެއްގެ ގޮތުގައި އެ ޖަމަލު ޚަލްޤުކުރައްވައި ނެރެދެއްވީ، އެ ޖަމަލާ މެދު ވަކި ގޮތަކަށް މުޢާމަލާތު ކުރުމަށް އަންގަވައިފަ އެވެ. އެއީ އެމީހުން އެދުނު ފަދަ އިން މުޢުޖިޒާތް ދެއްކެވުމުން އެމީހުންގެ އީމާންތެރިކަން ހުރި ގޮތް އިމްތިޙާން ކުރެއްވުމުގެ ގޮތުންނެވެ.

ޞާލިޙްގެފާނު ޘަމޫދު ބާގައި މީހުންނަށް ވިދާޅުވި އެވެ؛ "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިއޮތީ ތިޔަބައިމީހުންނަށް ހެއްކެއްގެ ގޮތުގައި އޮތް ﷲގެ ޖަމަލެވެ. ފަހެ، ﷲގެ ބިމުގައި، އެ ޖަމަލު ކައިއުޅޭން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެކަން ކޮށްފި ނަމަ) ގާތްވެގެންވާ ޢަޛާބެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ." (ސޫރަތު ހޫދް 64)

ޞާލިޙްގެފާނުގެ ނަބީކަމުގެ ހުއްޖަތެއްގެ ގޮތުން، ﷲ ސުބްޙާނަހޫ ވަތަޢާލާ، އަންހެން ޖަމަލެއް ޚަލްޤު ކުރެއްވީ ހަމައެކަނި މުޢުޖިޒާތެއްގެ ގޮތުގައެއް ނޫނެވެ. އެކަލާނގެ އެ ޖަމަލު ޚަލްޤު ކުރެއްވެވީ އެބައިމީހުންނަށް އިތުރު މަންފާތަކެއް ލިބިދޭ ނިޢުމަތެއްގެ ވެސް ގޮތުންމެ އެވެ.

"އެކަލޭގެފާނު ވިދާޅުވި އެވެ. މިއޮތީ ޖަމަލެކެވެ. އެ އެއްޗަށް ބޯފެނުގެ ޙިއްޞާއެއް ވެއެވެ. އަދި ތިޔަބައިމީހުންނަށް ވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ ޙިއްޞާއެއް ވެއެވެ. އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބު އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ." (ސޫރަތުއް ޝުޢަރާއު 155-156)

އެބައިމީހުންގެ އެދުމުގެ މަތިން ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤު ކުރެއްވެވި ޖަމަލާ މެދު ކަން ކުރުމަށް އެކަލާނގެ އެންގެވީ ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މަތިންނެވެ. އެއް ކަމަކީ އެ ޖަމަލު ބޭނުން ތަނަކުން ވިނަކައި އުޅުމަށް މިނިވަންކަމާ އެކު އޭތި ދޫކޮށްލާފައި ބޭއްވުމެވެ. އަނެއް ކަމަކީ، ޘަމޫދު ބާގައި މީހުން ބޯފެން ނަގައި އުޅޭ ތަނުން އެ ޖަމަލު ފެން ބޯން އަންނަ ދުވަހެއްގައި ނަމަ، އެ ދުވަހު އެއްވެސް މީހަކު އެ ތަނުން ބޯފެން ނުނެގުމެވެ. އެ ދުވަސް އެ ޖަމަލަށް ދޫކޮށްލުމެވެ. އަދި އޭގެ އަނެއް ދުވަހު އެ މީހުން ބޯފެން ނެގުމެވެ.

ރިވާވެގެންވާ ގޮތުގައި ޘަމޫދު ބާގައި މީހުންގެ ޖަމަލު، ފެން ބޯން ކަނޑައެޅިފައި އޮންނަ ދުވަހު އޭތި ފެން ބުއިމަށް ފަހުގައި، އެ ރަށުގެ ހުރިހާ އެންމެންނަށް ފުދޭ ވަރަށް އެ ޖަމަލުން ކިރު ލިބެ އެވެ. އެހެންކަމުން އެ ދުވަހު އެބައިމީހުން އެ ވަޅުން ފެން ނުގެންދިޔަ ކަމުގައި ވިޔަސް، އެމީހުންގެ ކަރުހިއްކުން ފިލުވޭނެ ގޮތް، އެ ޖަމަލުގެ ޒަރީއާ އިން ﷲ ހަމަޖައްސަވައިދެއްވި އެވެ.

އެ ޖަމަލު މެދުވެރި ކުރައްވައި، ﷲ ސުބްޙާނަހޫ ވަތަޢާލާ، ޘަމޫދު ބާގައި މީހުން އިމްތިހާން ކުރެއްވީ މިފަދައިންނެވެ. އެމީހުން ކުރިން އުޅެމުން އައި ގޮތާ ޚިލާފަށް، ދެ ދުވަހުން އެއް ދުވަހު ބޯފެން ނެގޭ ގޮތަށް، ﷲ ކަނޑައެޅުއްވުމުން، އެމީހުންނަށް އެ ކަމުގެ މައްޗަށް ކެތް ކުރެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން އެމީހުންގެ ބޮޑުން އެކަމާ މެދު މަޝްވަރާ ކުރަން ބައްދަލުވި އެވެ.

އެމީހުން އެ ޖަމަލާ މެދު ވިސްނީ ހަމަ އެންމެ ނަޒަރަކުންނެވެ. އެއީ އެ ޖަމަލުގެ ޒަރީއާ އިން އެމީހުން އިމްތިހާން ކުރެއްވުމަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ ކަނޑައެޅުއްވި ކަންތަކަކީ އެމީހުންނަށް ހުރި އުނދަގުލެއް ކަމުގަ އެވެ. އެ ޖަމަލުގެ ސަބަބުން އެމީހުންނަށް ފަސޭހަ ކަމާ އެކު ބޭނުން ވަރަކަށް ކިރު ލިބޭ ކަމާ މެދު ނުވިސްނަ އެވެ.

އެހެންކަމުން ގައުމުގެ ބޮޑުންނަށް އެއްބަސްވެވުނީ އެ ޖަމަލުގެ ކިބައިން މިންޖުވުމަށެވެ. ކޮންމެ ދުވަހަކު ވެސް ބޯފެން ލިބޭނެ ގޮތް ހެދެން އޮތީ ޖަމަލުގެ ދުވަސް ދުއްވާލައިގެން ކަމަށްވާތީ އެވެ. އެ ޖަމަލަށް ގޯނާއެއް ނުކުރުމަށާއި ގޯނާއެއް ކޮށްފި ނަމަ ﷲގެ އަޒާބާ ކުރިމަތިލާންޖެހިދާނެ ކަމަށް، ޞާލިޙްގެފާނު ކުރެއްވި އިންޒާރާ މެދު އެބައިމީހުން މާ ބޮޑު ފަރުވާލެއް ނުބެހެއްޓި އެވެ.

ﷲގެ ކޯފާ އަށް ބިރުވެތިވުމެއް ނެތި، އެބައިމީހުން އެ ޖަމަލު މަރައިލި އެވެ. އަދި ޞާލިޙްގެފާނަށް އުރެދުމުގައި އެމީހުން ދެމިތިއްބެވެ. އެ ވަރުން ވެސް ހުއްޓައިލީކީ ނޫނެވެ. އެމީހުންގެ އެދުމުގެ މަތިން ﷲ ދެއްކެވި މުޢުޖިޒާ ނެތިކޮށްލުމަށް ފަހުގައި ދެން ވެސް ޞާލިޙްގެފާނާ ޖަދަލުކުރީ އެވެ. އަދި ޖަމަލު މަރައިލިޔަސް، ﷲގެ ޙަޟްރަތުން އެއްވެސް ޢަޒާބެއް އައުމަކީ ނުވާނޭ ކަމެއް ކަން ކަށަވަރު ކޮށް ޞާލިޙްގެފާނަށް ގޮންޖެހި އެވެ.

މަދާއިން ޞާލިޙްގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ސަރަހައްދުގައި، ޘަމޫދު ބާގައި މީހުން ފަރުބަދަ ކަނޑައިގެން ބިނާކުރި ބައެއް އިމާރާތްތައް.

މަދާއިން ޞާލިޙްގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ސަރަހައްދުގައި، ޘަމޫދު ބާގައި މީހުން ފަރުބަދަ ކަނޑައިގެން ބިނާކުރި ބައެއް އިމާރާތްތައް.

"އަދި އެއުރެން ބުނޫ އެވެ. އޭ ޞާލިޙްގެފާނެވެ! ކަލޭގެފާނުވަނީ، ރަސޫލުންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ ވަޢުދު ކުރައްވާ ކަމެއް (އެބަހީ: ޢަޛާބު) އަހުރެމެންނަށް ނިކަން ގެންނަވައި ބައްލަވާށެވެ!" (އަލްއަޢުރާފް 77)

ﷲގެ އަޒާބަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަން ޞާލިޙްގެފާނު އެބައިމީހުންނަށް ވިސްނައިދެއްވި އެވެ. އެބައިމީހުން އެ ޖަދަލުކޮށް ގޮންޖަހަނީ ކިހާ ވަރެއްގެ ކަމެއް ކަން އެބައިމީހުންނަށް ވިސްނައިދެއްވަމުން، ޤައުމުގެ މީހުންނާ މުޚާޠަބު ކުރެއްވި އެވެ. "އެކަލޭގެފާނު ވިދާޅުވި އެވެ. ތިޔަބައިމީހުންގެ ގެދޮރުގައި، ތިން ދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ! އެއީ ދޮގުނުކުރެވޭނެ ވަޢުދެކެވެ." (ހޫދް 65)

ﷲގެ ޖަމަލު މަރައިލިކަމުގެ ޢުޤޫބާތެއްގެ ގޮތުންނާއި ﷲގެ އެއްކައުވަންތަކަމަށް ފާޅުގައި އިންކާރު ކުރުމުގެ ޖަޒާއެއްގެ ގޮތުން ﷲގެ އަޒާބު، ޘަމޫދު ބާގައި މީހުންނާ ކުރިމަތިވާނެ ކަން ޞާލިޙްގެފާނު އެންގެވި އެވެ. އަދި އެމީހުން އެކަލޭގެފާނަށް ގޮން ޖަހައި އުޅުނު ކަންތަކާ ބައްދަލު ކުރުމަށް އެމީހުންނަށް ތިން ދުވަހުގެ މުހުލަތެއް ދެއްވި އެވެ.

އެހާރުން ވެސް އެމީހުން ޞާލިޙްގެފާނަށް އީމާންވުމުގެ ބަދަލުގައި ކާފަރުކަމާއި ދެކޮޅުވެރިކަން އިތުރުކުރި އެވެ. އަދި އެ ގައުމުގައި ތިބި އެންމެ ނުބައި ނުލަފާ ނުވަ މީހުން އެއްވެ ސައްލާކޮށް ޞާލިޙްގެފާނާ ދެކޮޅަށް އިހުނަށްވުރެ ނުބައި ރޭވުންތަކެއް ރޭވި އެވެ. ނަމަވެސް އެމީހުންގެ އެ ކޮށި ތަދުބީރުތަކަށް ވުރެ ކުޅަދުންވަންތަ ﷲގެ ތަޤުދީރުގައި ވަނީ ކޮން ގޮތެއް ކަމެއް އެމީހުންނަކަށް އިހްސާސެއް ނުކުރެވެ އެވެ.

"އަދި އެރަށުގައި ނުވަމީހަކު އުޅުނެވެ. އެއުރެން ބިމުގައި ފަސާދަ އުފައްދަމުން ގެންދެތެވެ. އަދި އެއުރެން (އެއްވެސް ކަމެއް) އިޞްލާޙެއް ނުކުރެތެވެ. އެއުރެން ބުނެފޫ އެވެ. ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން އަވަހާރަކޮށްލައި، ނެތިކޮށްލުމަށް ﷲ ގަންދީ ތިޔަބައިމީހުން ހުވާ ކުރާށެވެ! ދެން ހަމަކަށަވަރުން، އެކަލޭގެފާނުގެ ބަލަދުވެރިޔާ ގާތުގައި ތިމަންމެން ބުނާހުށީމެވެ. (އެކަލޭގެފާނާއި) އެކަލޭގެފާނުގެ އަހުލުވެރިން އަވަހާރަ ކޮށްލި ތަނެއް ތިމަންމެން ނުވެސް ދެކެމު އެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަކީ، ތެދުވެރިންކަން ކަށަވަރެވެ. އަދި އެއުރެން މަކަރުވެރި ރޭވުމެއް ރޭވި އެވެ. އަދި ތިމަންރަސްކަލާނގެ ވެސް ރޭވުމެއް ރޭއްވެވީމެވެ. އެއުރެންނަކަށް އެކަމެއް ނޭނގެ އެވެ. ފަހެ، އެއުރެންގެ މަކަރުވެރި ރޭވުމުގެ ނިމުންވަނީ ކޮން ފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!" (އައްނަމްލު 48-50)

ޞާލިޙްގެފާނު ދެއްވި ތިން ދުވަހުގެ މުހުލަތު ކައިރިވަމުން އައި އިރު، އެމީހުން ތިބީ ފަރުބަދަތައް ކަނޑައިގެން އެމީހުން ހެދި ބިޔަ ގަނޑުވަރުތަކާއި ބޮޑެތި ގެތަކުގެ ތެރޭގަ އެވެ. އެމީހުން ހިތުން، ސަހަރާގެ ތެރެއިން އަންނަ ވެލީގެ ތޫފާންތަކާއި ވިއްސާރައިގެ ކޮޅިގަނޑުތަކުން އެމީހުންނަށް އެ ތަންތަނުން ރައްކާތެރިކަމާއި ހިމާޔަތް ލިބޭ ފަދައިން، އެ ތަންތަނުގެ ތެރޭގައި ތިބިއްޔާ ﷲގެ ޢަޒާބުން ވެސް ސަލާމަތް ވެވޭނެ އެވެ.

އެމީހުންނަށް ޞާލިޙްގެފާނު ދެއްވި ތިން ދުވަހުގެ މުހުލަތު ހަމަވި ރޭ، ޘަމޫދު ބާގައި މީހުން ތިބީ އެމީހުންގެ ގެތަކުގައި އަރާމު ނިދީގަ އެވެ. ޢާދު ބާގައި މީހުން ނެތި ކުރެއްވުމަށް އަޒާބު ފޮނުއްވި ފަދައިން ޘަމޫދު ބާގައި މީހުން ނެތި ކުރެއްވުމުގެ އަޒާބު ފޮނުއްވާނޭ ވަގުތަކީ ފަތިސް ކަމުގައި ﷲ ވަނީ މިންވަރު ކުރައްވައިފަ އެވެ.

އެ ރޭގެ މެންދަންވެ ފަތިސްވާން ކުޑަތަން ވަމުން ދިޔަ އިރު މުޅި ގައުމު އޮތީ ފުން ނިންޖެއްގަ އެވެ. ﷲގެ އަޒާބުގެ ވަގުތު ޖެހުމުގެ ކުރިން، އެ ގައުމުގައި ހުރި އެކަލާނގެ ނަބިއްޔާ ޞާލިޙްގެފާނު ސަލާމަތް ކުރެއްވި އެވެ.

"ދެންފަހެ، ތިމަންރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައި ހިނދު، ޞާލިޙްގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވި މީހުން، ތިމަންރަސްކަލާނގެ ޙަޟްރަތުން ލެއްވި ރަޙްމަތާއެކު، އެ ދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތް ކުރެއްވީމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ބާރުވެރިވަންތަ، ގަދަފަދަވަންތަ ރަސްކަލާނގެ އެވެ." (ހޫދް 66)

(ނުނިމޭ)