Roadha Mihaaru
ނޫސްވެރިކަމުގެ އިނާމަށް މުއްދަތު އިތުރުކޮށްފި

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

07 ޖޫން 2017

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

އެމްއެމްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެވޯޑަށް ނަން ހުށަހެޅުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް އިތުުރުކޮށްފައިވާ ކަމަށެވެ. ކުރިން ހަމަޖައްސާފައިވާގޮތުން މާދަމާއަކީ އެވޯޑަށް ކުރިމަތިލެވޭނެ އެންމެ ފަހު ދުވަހެވެ.

މިއަހަރު އިނާމު ދެނީ މައިގަނޑު އަށް ދާއިރާއަކުންނެވެ. އެއީ ފީޗާ ލިޔުން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިންނެވެ.

މީގެ ތެރެއިން ފީޗާ ލިއުމުގެ ދާއިރާއަކީ މިއަހަރު އަލަށް ތައާރަފްކުރި ދާއިރާއެކެވެ.

ހާއްސަ ދެ އިނާމެއްގެ ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު މިފަހަރު ވެސް ދޭނެ އެވެ.

ކައުންސިލުން އާއްމުކުރި އުސޫލުގައި އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު 31 އާ ހަމައަށް މަދުވެގެން ނުވަ މަހު މަސައްކަތް ކުރި ނޫސްވެރިންނަށް ވާންޖެހޭނެ އެވެ. އެގޮތުން އިނާމު ދޭނީ ނޫސްވެރިން މިދިޔަ އަހަރު ކުރި މަސައްކަތްތަކަށް ބަލައިފަ އެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ މަގުސަދަކީ މީޑިއާގައި ހަރަކާތްތެރިވާ މީހުން ތަބާވާންޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރުގައި މަސައްކަތް ކުރާ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް ނޫސްވެރިންނަށް ހިތްވަރު ދިނުން ކަމަށް މީޑިއާ ކައުންސިލުން ބުންެޏެެވެ.

ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ތިން އަހަރު ވެފައިވާއިރު، އެކި ދާއިރާތަކުން މީގެ ކުރިން އެވޯޑު ލިބުނު ނޫސްވެރިންނަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ. ދިނެވެ. ނަމަވެސް މިއަހަރު ދޭނެ ފައިސާގެ އިނާމު ފަހުން އިއުލާނުކުރާނެ ކަމަށް އެމްއެމްސީން ބުންޏެވެ.