Roadha Mihaaru
ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރަން އޭޕީން ގޮވާލައިފި

ރިޕޯޓު ހަދައިގެން މީހުން ހައްޔަރުނުކޮށް، ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރަން ގޮވާލައިފި

09 ޖޫން 2017

އިންޓެލިޖެންސް ރިޕޯޓުތައް ކަމަށް ބުނެ ރިޕޯޓްތައް ހަދައިގެން ސިޔާސީ މީހުން ހައްޔަރުކުރުން ހުއްޓާލައި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކޮށްދިނުމަށް އަދާލަތު ޕާޓީ (އޭޕީ) އިން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންޓެލިޖެންސް ރިޕޯޓުތައް ކަމަށް ބުނެ ރިޕޯޓްތައް ހަދައިގެން ސިޔާސީ މީހުން ހައްޔަރުކުރުން ހުއްޓާލައި ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ކޮށްދިނުމަށް އަދާލަތު ޕާޓީ (އޭޕީ) އިން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވި އާޒިމް ހައްޔަރުކުރުން ކުށްވެރިކޮށް އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ހިންގާ މިފަދަ އަމަލުތައް ބަލައިނުގަނެވޭ ކަމަށެވެ. އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ ސިޔާސީ ފަރާތްތައް ހިފައި ހައްޔަރުކޮށް ނުހައްގުން އަނިޔާދެމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.

"މި ޕާޓީން ދެކޭ ގޮތުގައި ސަރުކާރުގެ މި އަމަލަކީ [އާޒިމް ހައްޔަރުކުރުމަކީ] ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިނިވަންކުރުމަށާއި ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ސާބިތުކަމާ އެކު އަޑުއުފުއްލަވައި ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނު ހުއްޓުވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކަށް ގާނޫނާ ހިލާފަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ފިނޑި އަމަލެކެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދޯހަޅިކަން ރައްޔިތުންނަށް ހާމަވެ، އަނިޔާވެރި ކަމުގެ ސަބަބުން ފަޟީހަތްވަމުންދާއިރު ވެސް އެކަންކަން ހައްލުނުކޮށް، ސަރުކާރުން ބޭނުން ވަނީ ސިޔާސީ ފަރާތްތައް ހައްޔަރުކޮށްގެން ރައްޔިތުންގެ އަޑު ކަނޑުވާލަން ކަމަށެވެ.

އަނިޔާވެރި އަމަލުތައް ހުއްޓާލައި ނުހައްގުން ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް މިނިވަންކުރަން އަދާލަތު ޕާޓީން ވަނީ ގޮވާލައިފަ އެވެ.

އާޒިމް ހައްޔަރުކޮށް ބަންދަށް ވަނީ ހަ ދުވަސް ޖަހައިފަ އެވެ.

އޭނާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ނެރުއްވި އަމުރުގައި ވަނީ، ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި، އިތުބާރު ގެއްލުވައިލުމަށް މަސައްކަތް ކޮށް، ދޮގު މައުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް އާޒިމް ވާހަކަ ދައްކަވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ އަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮހެލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ވެސް ފެންނާތީ ކަމަށެވެ.