Roadha Mihaaru
ފަހު ވަގުތު ކޭން އިންގްލެންޑް ސަލާމަތްކޮށްދީފި

ފަހު ވަގުތު ކޭން އިންގްލެންޑް ސަލާމަތްކޮށްދީފި

11 ޖޫން 2017

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 11) - ފޯވާޑް ހެރީ ކޭން ފަހު ވަގުތު ވައްދާލި ލަނޑާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސްކޮޓްލެންޑާ 2-2 އިން އިންގްލެންޑް އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 11) - ފޯވާޑް ހެރީ ކޭން ފަހު ވަގުތު ވައްދާލި ލަނޑާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސްކޮޓްލެންޑާ 2-2 އިން އިންގްލެންޑް އެއްވަރުވެއްޖެ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު އިންގްލެންޑް ކޮލިފައިން ގްރޫޕް އެފްގެ އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ލިތުއޭނިއާ އަތުން 2-1 އިން މޮޅުވި ސްލޮވާކިއާ އެވެ. އެ ޓީމަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ސްކޮޓްލެންޑް އޮތީ ހަ މެޗުން އަށް ޕޮއިންޓާ އެކު ކޮލިފައިންގެ ހަތަރު ވަނައިގަ އެވެ.

ސްކޮޓްލެންޑްގެ މަޝްހޫރު ސްޓޭޑިއަމް ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑު ވެސް ޖެހީ ދެ ވަނަ ހާފްގަ އެވެ. އިންގްލެންޑަށް މެޗުގެ 70 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ އާސެނަލްގެ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވަން ހަތަރު މިނިޓަށް ވެފައިވަނިކޮށް ގާތްގާތުގައި ދެ ލަނޑު ޖަހައި ސްކޮޓްލެންޑުން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލި އެވެ. ސްކޮޓްލެންޑްގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ ދެ ހިލޭ ޖެހުމުން ސެލްޓިކްގެ މިޑްފީލްޑަރު ލެއިން ގްރިފިޓްސް އެވެ.

އިންގްލެންޑް ބަލިނުވެ ސަލާމަތްކޮށްދިނީ ރޭގެ މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކޭން އެވެ. ސްޓާލިން ނަގައިދިން ހުރަހަކުން ކޭން ވަނީ ފަސޭހަަކަމާ އެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ މިއީ އެ ޓީމަށް މޮޅުވެވޭނެ މެޗެއް ކަމަށާއި އެހެން ނަމަވެސް މެޗު ބަދަލުވެގެންދިޔަ ގޮތުން ޕޮއިންޓަކުން ވެސް ފުއްދާލަން ޖެހޭ ކަމަށެވެ.

"އަހަރެމެން އަތުގައި އޮތް މެޗެއް މިއީ. އެކަމަކު ވަރަށް ތަފާތު ގޮތަކަށް މެޗު ބަދަލުވެގެން މިދިޔައީ. ހީނުކުރާ ގޯލުތަކެއް ފެނިގެން މެޗު އެނބުރުނީ. އެ ގޮތަށް ބަލާއިރު މި މެޗުން ލިބުނު ޕޮއިންޓާ މެދު ހިތްހަމަ ޖެހޭ،" ސައުތުގޭޓް ބުންޏެވެ.

ސްކޮޓްލެންޑްގެ ކޯޗު ގޯޑަން ސްޓަރަޗަން ބުނީ އޭނާގެ ކުޅުންތެރިން މެޗު ކާމިޔާބު ކުރުމަށް ދެއްކި ހިތްވަރާ މެދު ފަހުރުވެރިވާ ކަމަށެވެ.