Roadha Mihaaru
ކުޅުންތެރިންތަކަކަށް އަނިޔާވުމުން ގަލޭގާ ގައުމީ ޓީމަށް

ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވުމުން ގަލޭގާ އިނގިރޭސި ގައުމީ ޓީމަށް

15 ނޮވެމްބަރ 2021

ލަންޑަން (ނޮވެމްބަރު 15) – އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް އިންގްލެންޑްގެ ގައުމީ ޓީމުން ބާކީވުމުން، ކްރިސްޓަލް ޕެލަސްގެ ޒުވާން މިޑްފީލްޑާ ކޮނޯ ގަލޭގާ 21، ފުރަތަމަ ފަހަރަށް އިނގިރޭސި ސީނިއާ ގައުމީ ޓީމަށް ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ނޮވެމްބަރު 15) – އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް އިންގްލެންޑްގެ ގައުމީ ޓީމުން ބާކީވުމުން، ކްރިސްޓަލް ޕެލަސްގެ ޒުވާން މިޑްފީލްޑާ ކޮނޯ ގަލޭގާ 21، ފުރަތަމަ ފަހަރަށް އިނގިރޭސި ސީނިއާ ގައުމީ ޓީމަށް ނަގައިފި އެވެ.

އިނގިރޭސި ޒުވާން ގައުމީ ޓީމުތަކަށް ކުރިން ވެސް ކުޅުނު ގަލޭގާ އަކީ ޗެލްސީގެ އެކަޑެމީން ތަމްރީނު ވެގެން، 2019 ގައި ލޯނު އުސޫލުން ޗެމްޕިއަންޝިޕް ކްލަބް ޗާލްޓަން އެތުލެޓިކޯއިން ސީނިއާ ކްލަބް ކެރިއަރު ފެށި ކުޅުންތެރިއެކެވެ. ސީޒަނުގެ ފަހު ކޮޅު 2020 ގައި އޭނާ ކުޅުނީ ސްވަންސީ ސިޓީއަށެވެ. އެ އަށް ފަހު މުޅިން އަލަށް ޕްރިމިއާ ލީގުގައި ކުޅުނީ މިދިޔަ ސީޒަނުގައި ވެސްޓް ބްރޮމިޗް އަލްބިއަންގަ އެވެ.

ޕެޓްރިކް ވިއޭރާގެ އިރުޝާދުގެ ދަށުން އޭނާ ދަނީ ޕެލަސްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ޗެލްސީގެ ލޯން އެއްބަސްވުމުގެ ދަށުން ޕެލަސް އަށް ބަދަލުވެ އޭނާ ވަނީ ޕްރިމިއާ ލީގުގައި އެ ޓީމަށް ހަތަރު ގޯލު ޖަހައި ދީފަ އެވެ. އަދި ދެ ގޯލު ޖަހަން އެހީތެރިވެދިނެވެ.

އިނގިރޭސި އެފްއޭއިން ބުނިގޮތުގައި މާދަމާ ރޭ ވޯލްޑް ކަޕް ކޮލިފައިން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންގްލެންޑުން ސެން މެރީނޯއާ ދެކޮޅަށް ނުކުންނައިރު، ޖޯޑަން ހެންޑަސަން، ޖެކް ގްރީލިޝް، ރަހީމް ސްޓާލިން މޭސަން މައުންޓް އަދި ލޫކް ޝޯ ޓީމުގައި ނުހިމެނޭނެ އެވެ.

އަމިއްލަ ސަބަބަކާ ހުރެ ސްޓާލިން ޓީމުން ވަކިވިއިރު، ދާދި ފަހުން ޑެންޓަލް ސާޖަރީއެއް ހެދި މައުންޓް އާއި ލީގު ފަހު މެޗުގައި ބޮލަށް އަނިޔާވި ޝޯ ވެސް ވަނީ ޓީމުން ވަކިވެފަ އެވެ. އަލްބޭނިއާ ބަލިކުރި މެޗުގައި ކުޅުނު ހެންޑަސަން އާއި ގްރީލިޝް އަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އިތުރު ޓެސްޓްތައް ހެދުމަށް އެ ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކާ ވަނީ ގުޅިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް ހިމެނޭ ގުރޫޕުގެ އެއްވަނަ ޔަގީންކޮށް، އަންނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތަށް ކޮލިފައިވާން އިންގްލެންޑަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.