Roadha Mihaaru
ރާއްޓޭ ހަބޭސް ބޮޑުބެރު ބޭންޑާ ގުޅިއްޖެ

ރާއްޓޭ ހަބޭސް ބޮޑުބެރު ބޭންޑާ ގުޅިއްޖެ

12 ޖޫން 2017

މަޝްހޫރު ބޮޑުބެރު ލަވަ ކިޔުންތެރިޔާ އަބްދުލް ރާސިގް އަލީ (ރާއްޓޭ) ބޮޑުބެރުގައި އެންމެ ވަރުގަދަ ބޭންޑް ހަބޭސްއާ ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ބޮޑުބެރު ލަވަ ކިޔުންތެރިޔާ އަބްދުލް ރާސިގް އަލީ (ރާއްޓޭ) ބޮޑުބެރުގައި އެންމެ ވަރުގަދަ ބޭންޑް ހަބޭސްއާ ގުޅިއްޖެ އެވެ.

ހަބޭސްގެ ވެރިޔާ އަލީ ޝިފާއު ބުނީ ރާއްޓޭ އެ ބޭންޑާ ގުޅުމަކީ ހަބޭސް ބޮޑުބެރު ބޭންޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ޓީމަށް ރާއްޓޭ އިތުރުވުމުން ކުރިއަށް އޮތް ތަނުގައި ބޮޑުބެރުގެ ހިތްގައިމު ލަވަތަކެއް އިވިގެން ދާނެ ކަމެއް ކަމަށް ބުންޏެވެ.

ރ. މީދޫ ބޮޑުބެރު ގްރޫޕް "ފަރުމާ" އިން ވިދާލި ރާއްޓޭ ވަނީ ޓީވީއެމުން ގެނެސް ދިން ބޮޑުބެރު ޗެލެންޖްގައި 2012 އާއި 2014 ގައި ބެސްޓް ވޯކަލިސްޓް މަގާމު ހޯދައިފަ އެވެ. އަދި 2013 ވަނަ އަހަރު އެ މުބާރާތުން އެންމެ ތަފާތު ހުނަރުވެރިގެ މަގާމު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.

ރާއްޓޭ ބުނީ ހަބޭސް ބޮޑުބެރު ބޭންޑާ ގުޅުނީ ސިފައިންގެ ވަޒީފާ އަށް ވަނުމާ ގުޅިގެން މިހާރު މާލޭގައި ދިރިއުޅެން ޖެހިފައިވާތީ ރަށު ބޭންޑާ އެކު އުޅެވެން ނެތުމުން ކަމަށެވެ.

"ވޮއިސް އޮފް އެމްއެންޑީއެފް 2017" ގެ ޓްރޮފީއާ ރާއްޓޭ ހަވާލުވަނީ.

"ވޮއިސް އޮފް އެމްއެންޑީއެފް 2017" ގެ ޓްރޮފީއާ ރާއްޓޭ ހަވާލުވަނީ.

"ބޮޑުބެރުގެ ދާއިރާން މާލޭގައި ހުރެގެން ކުރިއަށް ދާން ބަލާ އިރު އެންމެ ރަނގަޅު ޗޮއިސްއަކަށް މިހާރު އޮތީ ހަބޭސް ކަމަށްވާތީ އެ ބޭންޑާ ޖޮއިން ކުރީ. މި ފުރުސަތު ދިނީތީ އައްޔައަށާއި މުޅި ހަބޭސް ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" ސިފައިންގެ އަށް ވަންތާ އަހަރެއްހާ ދުވަސްވެފައިވާ ލަވަ ކިޔުންތެރިޔާ ބުންޏެވެ. "މާލޭގައި އުޅުނަސް ރަށު ބޭންޑުން އެހީއަކަށް އެދޭ ހާލަތްތަކުގައި ރިއްޓެގެ ފަރާތުން ދެވެން އޮތް އެހީއެއް އަބަދު ވެސް ދޭނަން."

ވަރަށް ހިތްގައިމު އަދި އެހާމެ މަގުބޫލު ބޮޑުބެރު ލަވަތަކެއް އެހުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ރާއްޓޭ ބުނީ "ޓާގެޓަކީ ހަބޭސްގައި ހުރެގެން ވެސް ރީތި އަމިއްލަ ރާގުތަކެއް އެހުންތެރިންނާ ހަމައަށް ގެނެސް ދިނުން" ކަމަށެވެ.

"މިއީ އަޅުގަނޑުގެ ބޮޑުބެރު ކެރިއާ އަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކެނީ،" އޭނާ ބުންޏެވެ.

ރާއްޓޭ ހަބޭސް ބޮޑުބެރު ބޭންޑާ ގުޅުނުއިރު، ފާހަގަކޮށްލެވޭ ކަމަކީ ހަބޭސް އަކީ މިއުޒިކް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ހުނަރުވެރި ފަންނާނުންނަށް ވަރަށް ބޮޑަށް މަގު ހުޅުވައިދޭ ބޭންޑެއް ކަމެވެ.