Roadha Mihaaru
މެންބަރުންތަކެއް ގެއްލުނަސް "ހަބޭސް" އޮންނާނެ: އައްޔަ

މެންބަރުންތަކެއް ގެއްލުނަސް "ހަބޭސް" ދެމިއޮންނާނެ: އައްޔަ

07 އޮކްޓޯބަރ 2016

"ހަބޭސް" ބޮޑުބެރު ގްރޫޕުގެ ގިނަ އަދަދެއްގެ މެންބަރުން އެ ބޭންޑު ދޫކޮށް ހިނގައްޖެ އެވެ. އެކަމަކު އެ ބޭންޑުގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނަނީ ހާސްނުވާ ކަމަށާއި ކުރިއަށް ވުރެ ވަރުގަދަކޮށް ބޭންޑު އޮންނާނެ ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ހަބޭސް" ބޮޑުބެރު ގްރޫޕުގެ ގިނަ އަދަދެއްގެ މެންބަރުން އެ ބޭންޑު ދޫކޮށް ހިނގައްޖެ އެވެ. އެކަމަކު އެ ބޭންޑުގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނަނީ ހާސްނުވާ ކަމަށާއި ކުރިއަށް ވުރެ ވަރުގަދަކޮށް ބޭންޑު އޮންނާނެ ކަމަށެވެ.

ހަބޭހުގެ އެންމެ ބޮޑު ކާމިޔާބީއަކީ ވެސް މިހާތަނަށް ގިނަ އަދަދެއްގެ މެމްބަރުން ޓީމެއްގެ ގޮތުގައި އެކަމަށް ހުސްވެގެން ކުރި މަސައްކަތެވެ. ބޭންޑްގައި އޭރު ވެސް މިހާރު ވެސް 24 މެމްބަރުން އެބަ ތިއްބެވެ.

ހަބޭސް ދޫކޮށް ދިޔަ މެންބަރުންގެ ތެރޭގައި އެ ބޭންޑްގެ އެންމެ ވަރުގަދަ ލަވަ ކިޔުންތެރިޔާ ހަސަން މުސްހަފް (މުސީ) ވެސް ހިމެނެ އެވެ.

"ހަބޭސް" އިން ވަކިވި ލިޑް ވޯކަލިސްޓް މުސީ ފޭނަކާ އެކު ސެލްފީއެއް ނަގަނީ.

"ހަބޭސް" އިން ވަކިވި ލިޑް ވޯކަލިސްޓް މުސީ ފޭނަކާ އެކު ސެލްފީއެއް ނަގަނީ.

ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ ވަކިވެގެން ދިޔަ މެމްބަރުންގެ ބަދަލުގައި މިހާރު ކުރިއަށް ވުރެ މާ ވަރުގަދަ ބަޔަކު ބޭންޑާ ގުޅިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ވަރަށް މަޝްހޫރު ލަވަ ކިޔުންތެރިއަކު ހަބޭހާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އޭނާ ބުންޏެވެ.

"ވަކިވެގެން ދާން ބޭނުންވި މީހުން އެ ދިޔައީ. އޭގެ ސަބަބުން ހަބޭހަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ. ހަބޭހުގެ ގޮތުގައި ހަމަ މި ބޭންޑް ކުރިއަށް ވުރެ މާ ވަރުގަދަކޮށް ކުރިއަށް ދާނެ،" މީގެ ފަސް އަހަރު ކުރިން އުފެދުނު ބޭންޑާ ބެހޭ ގޮތުން އައްޔަ ބުންޏެވެ.

"ހަބޭސް" ގެ ވެރިޔާ އައްޔަ: އޭނާ ބުނީ ބޭންޑް ދެން މާ ވަރުގަދަ ވާނެ ކަމަށް.

"ހަބޭސް" ގެ ވެރިޔާ އައްޔަ: އޭނާ ބުނީ ބޭންޑް ދެން މާ ވަރުގަދަ ވާނެ ކަމަށް.

އައްޔަ ބުނީ ބޭންޑް ދޫކޮށްލި މެމްބަރުން ދިޔައީ "އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި" ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެ އެވެ.

"ބަޔަކު އެ މީހުންނަށް ވިސްނައި ދީފައި އޮތީ ކަމަށް ގަބޫލު ކުރެވެނީ އެ މީހުން ނެތިއްޔާ ހަބޭހެއް ނޯންނާނެ. ޔަގީނުން ވެސް އެހެނެއް ނުވާނެ. އެއިން މީހަކު ދެން ހަބޭހާ ގުޅެން ބޭނުންވެގެން އަޔަސް އެ ފުރުސަތެއް ވެސް ނޯންނާނެ،" ދާދި ފަހުން މިސްރުގެ ފެސްޓިވަލެއްގައި ވެސް ބައިވެރިވި ހަބޭހާ ބެހޭ ގޮތުން އައްޔަ ބުންޏެވެ. "ދެން ވެސް ކުރިއަށް ވުރެ މާ ވަރުގަދަކޮށް ހަބޭސް އޮންނާނެ. އެ ޔަގީންކަން ހަބޭސް ބޮޑުބެރު ފޭނުންނަށް ދޭން ބޭނުން. ހަބޭސްއަކީ މިހާރު ރާއްޖޭގެ ވަރަށް ބްރޭންޑެއް. އެއެއް ހަލާކެއް ނުކޮށްލެވޭނެ."

ހަބޭސް ސްޓޫޑީއޯގެ ނަމުގައި ސްޓޫޑިއޯއެއް ވެސް ހިންގާ ހަބޭހަކީ ހަމައެކަނި ބޮޑުބެރު ޖަހާ ބޭންޑެއް ނޫނެވެ. ހަބޭހުގެ ކުޑައިގެ ދަށުގައި އެހެން ދެ ބޭންޑެއް ވެސް އެބަ އޮތެވެ.

އެއީ ހަބޭސް ޕޮޕް ބޭންޑާއި ގްރެވިޓީ ބައި ހަބޭސް އެވެ.

"މި ބޭންޑްތައް ހަމަ ކުރިއެކޭ އެއްގޮތަށް ހަބޭހުގެ ދަށުގައި އޮންނާނެ،" ހިތްގައިމު ރީތި ލަވަތަކެއް ގެނެސް ދެމުން އަންނަ ހަބޭސް އާ ބެހޭ ގޮތުން އައްޔަ ބުންޏެވެ.