ތިން ޕެނަލްޓީ ފެނިގެން ދިޔަ މެޗުން، ޓީސީ ސްޕޯޓްސް 3-2 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމަށް ކްލަބް ވެލެންސިއާ މިރޭ އަރައިފި އެވެ.
22 ޖޫން 2016
ތިން ޕެނަލްޓީ ފެނިގެން ދިޔަ މެޗުން، ޓީސީ ސްޕޯޓްސް 3-2 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމަށް ކްލަބް ވެލެންސިއާ މިރޭ އަރައިފި އެވެ.
ވެލެންސިއާ އިން ތިން ލަނޑު ޖަހާފައިވަނިކޮށް ޓީސީ އިން ފަހަތުން އަރައި ދެ ލަނޑު ޖެހިއިރު މެޗުގެ ފަހުކޮޅު ވެލެންސިއާގެ މުހައްމަދު އާރިފް (ބަކާ) އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.
ވެލެންސިއާ އަށް ޕޮއިންޓާ އެކު ތިން ވަނަ އަށް އެރިއިރު މިރޭ މޮޅުވެގެން ދެ ވަނަ އަށް އަރަން ފުރުސަތު ލިބިފައި އޮތް ޓީސީ އޮތީ ހަތް ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި 13 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސް އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފަށައިގެން ފުރަތަމަ 15 މިނެޓުގެ ތެރޭ ދެ ޓީމުން ވެސް ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. ފަސް ވަނަ މިނެޓުގައި ޓީސީގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހިލޭ ޖެހުން ނުރައްކާތެރިކޮށް ދިޔައިރު އެ ބޯޅަ ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ 10 މިނެޓު ފަހުން، ވެލެންސިއާގެ އެންހެލް މުނޯޒް ނެގި ހުރަސް އޭރިއާ ތެރޭ ހުސްކޮށް ހުރެ ވެލެންސިއާގެ ހަންސީ އަވީލޯ ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.
އެކަމަކު 19 ވަނަ މިނެޓުގައި ކޯނަރަކުން އެންހެލް ހުރަސްކުރި ބޯޅަ، އަވީލޯ ވަނީ ގޯލަށް ވައްދާލައި ވެލެންސިއާ އަށް ލީޑު ނަގައިދީފަ އެވެ. ޖެހިގެން އައި މިނެޓުގައި ޓީސީ އިން އެއްވަރުނުކުރީ ކިރިޔާ އެވެ. އެ ޓީމުގެ ޝަމްވީލް ގާސިމް (ބޮންޑާ) އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ގޯލް ދަނޑި އެވެ.
ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ވެލެންސިއާގެ ލީޑު ފުޅާކޮށްދިނީ ޕެނަލްޓީއަކުން އެންހެލް އެވެ. މިއީ ވެލެންސިއާގެ ހަސަން އަދުހަމް (ސަޑޭ) އަށް ޓީސީގެ އަހުމަދު ފައްރާހު އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ އަހުމަދު އަމީޒް ދިން ޕެނަލްޓީއެކެވެ.
ދެ ވަނަ ހާފު ފަށައިގެން 68 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އަހުމަދު ރިލްވާން އޭރިއާ ތެރެއަށް ވަދެ ނެގި ހުރަސް ގޯލް ކުރިމަތީ ހުހަށް ހުރެ ހުސެއިން ނިހާން ވަނީ ގޯލް ތެރެއަށް ވައްދާލައިފަ އެވެ.
ވެލެންސިއާ ފަސޭހަކަމާ އެކު މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ޓީސީ އިން ފަހަތުން އަރައި ދެ ލަނޑު ޖަހައި އެ ޓީމު ހާސްކޮށްލި އެވެ. ޕެނަލްޓީން ކާމިޔާބުކުރި މި ދެ ލަނޑު ވެސް ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ފުރަތަމަ ޕެނަލްޓީ 75 ވަނަ މިނެޓުގައި ދިނީ ސެންޓޭ އަށް ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ކުރި ފައުލަކަށެވެ. ދެ ވަނަ ޕެނަލްޓީއަކީ، 84 ވަނަ މިނެޓުގައި ސެންޓޭ އަށް ވެލެންސިއާގެ ބަކާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މި ފައުލާ އެކު ދެ ވަނަ ރީނދޫ ކާޑާ އެކު ބަކާ ވަނީ ދަނޑުން ފޮނުވާލައިފަ އެވެ.
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
މެޗު އެއްވަރުކޮށް ތިންވަނަ މަގާމުގައި ޓީސީ އަށް ލީޑެއް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ޑަކްސަންގެ މަރަށްފަހު ކުޅުނުމެޗުން ވެލެންސިއާއަށް މޮޅެއް
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!