Roadha Mihaaru
ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގާތީ ކޯފާވެއްޖެ

ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގާތީ ކޯފާވެއްޖެ

17 ޖޫން 2017

ވޮޝިންޓަން (ޖޫން 17) - އެމެރިކާގެ އިންތިޚާބުގެ ތެރޭގައި ރަޝިޔާއާ ގުޅުން ބޭއްވި މައްސަލާގައި ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ މައްސަލަ ނުބަލާ ހަމައެކަނި ޓްރަމްޕުގެ މައްޗަށް ތަހުގީގު ހިންގަވާތީ އެމަނިކުފާން ކޯފާވެވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 17) - އެމެރިކާގެ އިންތިޚާބުގެ ތެރޭގައި ރަޝިޔާއާ ގުޅުން ބޭއްވި މައްސަލާގައި ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ މައްސަލަ ނުބަލާ ހަމައެކަނި ޓްރަމްޕުގެ މައްޗަށް ތަހުގީގު ހިންގަވާތީ އެމަނިކުފާން ކޯފާވެވަޑައިގެންފި އެވެ.

"ހިލަރީ ކްލިންޓަނާއި އެކަމަނާގެ އާއިލާ އަދި ޑިމޮކްރެޓިކުން ރަޝިޔާއާ އެކު ހިންގި މުއާމަލާތްތައް ނުބަލާ ކީއްވެތޯ އަޅުގަނޑު އެއްވެސް މުއާމަލާތެއް ނުހިންގާ މީހާގެ މައްސަލަ ބަލަނީ؟" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވާފައިވެ އެވެ.

ޓްރަމްޕް މި މޭރުމުން ޓްވީޓް ކުރެއްވި އިރު އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގައި އެމަނިކުފާން މިހާރު ވަނީ ބޮޑު މައްސަލަތަކެއްގެ ތެރޭގަ އެވެ. އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ މަގާމުން ދުރުކުރީ ރަޝިޔާއާ ގުޅުން ބޭއްވި ބައެއް އިސް އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރާތީ ކަމަށް ޓްރަމްޕުގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. ކޯމޭ ވެސް ވަނީ އެފަދަ މޭރުމަކުން ކޮންގްރެސްގެ ކޮމިޓީއެއްގައި ވާހަކަ ދައްކައިފަ އެވެ.

އެހެންވެ ކޯމޭ މަގާމުން ދުރި ކުރި މައްސަލާގައި ޓްރަމްޕުގެ ތަހުގީގެއް މިހާރު ވަނީ ފައްޓަވައިފަ އެވެ. އެއީ އަދުލް އިންސާފަށް ހުރަސް އެޅުއްވުމަށް ޓްރަމްޕް މަސައްކަތް ކުރައްވާފައިވޭތޯ ބެލުމަށެވެ. އެކަން ކަށަވަރުކޮށްދެއްވަމުން ޓްރަމްޕް ވަނީ ކޯމޭ މަގާމުން ދުރުކުރުމަށް ލަފާ ދިން މީހާ މިހާރު ވަނީ "އަޅުގަނޑުގެ މައްސަލަ ބަލަން ފަށާފައި" ކަމަށެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި ވަނީ އެޓާނީ ޖެނެރަލްގެ ނައިބް ރޮޑް ރޮސެންސްޓީން އަށެވެ. އޭނާ މަގާމުގައި ބަހައްޓާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ކޯމޭ މަގާމުން ދުރުކުރުމަށް ފެންނަ ކަމަށް ވިދާޅުވެ މެމޯ ފޮނުވާފައި ވަނީ ރޮސެންސްޓީން އެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލަ ބެލުމަށް ސްޕެޝަލް ކައުންސެލްގެ ގޮތުގައި އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބާޓް މުލާ އައްޔަންކޮށްފައި ވަނީ ވެސް ރޮސެންސްޓީންގެ ލަފާގެ މަތިންނެވެ.

ވައިޓް ހައުސް އިން މިއާމީ އަށް ޓްރަމްޕް އިއްޔެ ވަޑައިގަތް އިރު ރޮސެންސްޓެއިންއާ މެދު އިތުބާރު އެބައޮތްތޯ އާއި މުލާ މަގާމުން ދުރުކުރަން ގަސްދު ކުރަންތޯ އަދި ޓްރަމްޕުގެ މައްސަލައެއް ތަހުގީގު ކުރާކަން އެނގިވަޑައިގަތީ ކޮން ގޮތަކުންތޯ ސާފު ކުރަން ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދެއްވައިފައެއް ނުވެ އެވެ.