Roadha Mihaaru
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި

ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި

26 ނޮވެމްބަރ 2016

ނިއު ޔޯކް (ނޮވެމްބަރު 26) - މީގެ ދެ ހަފުތާ ކުރިން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވަރަށް ކުޑަ ތަފާތަކުން ކުރި ހޯއްދެވި ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ހުށަހަޅާފައިވާ ކަމަށް އެ ސްޓޭޓުގެ އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ނޮވެމްބަރު 26) - މީގެ ދެ ހަފުތާ ކުރިން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވަރަށް ކުޑަ ތަފާތަކުން ކުރި ހޯއްދެވި ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ހުށަހަޅާފައިވާ ކަމަށް އެ ސްޓޭޓުގެ އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ވޯޓު އަލުން ގުނުމަށް ހުށަހަޅާފައި ވަނީ ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން އެވެ. ނަތީޖާއާ މެދު ޝައްކު އުފެދިފައިވާ މިޝިގަން އާއި ޕެންސިލްވޭނިއާގެ ވޯޓު ވެސް އަލުން ގުނުމަށް ހުށަހަޅާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ހުށަހެޅުމުގެ ސުންގަޑިއަކީ ހުކުރު ދުވަހެވެ. ޕެންސިލްވޭނިއާގެ ސުންގަޑިއަކީ ހޯމަ އެވެ. އަދި މިޝިގަންގެ ވޯޓު އަލުން ގުނަން ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ ބުދަ ދުވަހު އެވެ.

ގްރީން ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް ޖިލް ސްޓެއިން

ގްރީން ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް ޖިލް ސްޓެއިން

ވިސްކޮންސިންގެ 10 އިލެކްޓޯރަލް ވޯޓު އެކަނި ލިބުނު ނަމަވެސް ޓްރަމްޕުގެ މައްޗަށް ހިލަރީ ކްލިންޓަނަށް ކުރި ނުހޯއްދެވޭނެ އެވެ. ނަމަވެސް މިޝިގަންގެ 16 އިލެކްޓޯރަލް ވޯޓާއި ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފި ނަމަ ޑިމޮކްރެޓިކް ކެންޑިޑޭޓް ކޮޅަށް ނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

ތިން ސްޓޭޓުގެ ވޯޓު އަލުން ގުނުމުގެ ފީ އަށް ޑރ. ސްޓެއިން އެތައް މިލިއަން ޑޮލަރެއް ހޯއްދަވަން ޖެހެ އެވެ. އެ ކަމަނާގެ ވެބްސައިޓުގައި ބުނެފައި ވަނީ މިހާތަނަށް 5.3 މިލިއަން ޑޮލަރު އެއްކޮށްފައިވާ ކަމަށެވެ. ތިން ސްޓޭޓުގެ ވޯޓު ގުނުމަށް ސްޓެއިންގެ ކެމްޕޭން ޓީމުން އަމާޒުކޮށްފައި ވަނީ ހަތް މިލިއަން ޑޮލަރު ހަމަކުރުމަށެވެ.

ވޯޓުގައި އޮޅުންތަކެއް ކުރި ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ވޯޓު އަލުން ގުނުމަށް ލަފާދީފައި ވަނީ ކޮމްޕިއުޓާ ސައެންސްވެރިންނެވެ. ސައެންސްވެރިން ލަފާކޮށްފައިވާ ގޮތުގައި މި ތިން ސްޓޭޓުގެ އިލެކްޓްރޯނިކް ވޯޓު ހެކްކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސަބަބަކީ ވޯޓު ކަރުދާސް ބޭނުންކޮށްގެން ހިލަރީ އަށް ލާފައިވާ ވޯޓާއި އީ-ވޯޓިންގައި ބޮޑު ފަރަގެއް އުޅޭތީ އެވެ. މި ގޮތުން އީ-ވޯޓިން ބޭނުންކުރި ކައުންޓީތަކުން ހިލަރީ އަށް ހަތް ޕަސެންޓް މަދުން ލިބިފައިވާ ކަމަށް ކޮމްޕިއުޓާ ސައެެންސްވެރިން ބުނެ އެވެ. ވިސްކޮންސިން ހިލަރީ އަށް ގެއްލުނީ 27،000 ވޯޓުންނެވެ. އެކަމަކު ސައެންސްވެރިން ގަބޫލް ކުރާ ގޮތުގައި އެ ސްޓޭޓުގެ އީ-ވޯޓިން ނިޒާމުން ހިލަރީ އަށް ވަނީ 30،000 ވޯޓު މަދުވެފަ އެވެ. ސައެންސްވެރިން ބުނަނީ ވޯޓު ހެކްކުރި ކަމުގެ ސާފު ހެކި ނެތް ނަމަވެސް ވޯޓު އަލުން ގުނުމުގެ އިތުރުން ވޯޓިން މެޝިންތަކުގެ ފޮރެންސިކް އޮޑިޓެއް ވެސް ހަދަން ޖެހޭނެ ކަމަށެވެ. ވޯޓު ހެކްކުރި ކަމަށް އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ ރަޝިޔާ އަށެވެ.

ހިލަރީ ކްލިންޓަން: ނާކާމިޔާބުވީ އިލެކްޓޯރަލް ވޯޓުން. --ފޮޓޯ:އޭޕީ

ހިލަރީ ކްލިންޓަން: ނާކާމިޔާބުވީ އިލެކްޓޯރަލް ވޯޓުން. --ފޮޓޯ:އޭޕީ

ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުލީ ހިލަރީ އަށް ކަމަށް ވިޔަސް ޓްރަމްޕް ހޮވިވަޑައިގެންނެވީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. ޓްރަމްޕަށް 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އިރު ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ. މިޝިގަންގެ ނަތީޖާ މުޅިން ނުނިމޭތީ އެ ސްޓޭޓުގެ 16 އިލެކްޓޯރަލް ވޯޓު ލިބޭ ފަރާތެއް އަދި ކަނޑަނާޅަ އެވެ.

އިންތިޚާބުގެ ބޭއްވިތާ ދެ ހަފުތާ ފަހުން އަދިވެސް ބައެއް ވޯޓު ގުނަމުންދާ އިރު ހިލަރީ ވަނީ ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިހާތަނަށް 64.2 މިލިއަން ވޯޓު ވަނީ ހިލަރީ އަށް ލިބިވަޑައިގެންފައިވެ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62.2 މިލިއަން ވޯޓެވެ.