Roadha Mihaaru
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް

މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް

29 ނޮވެމްބަރ 2016

ނިއު ޔޯކް (ނޮވެމްބަރު 29) - މިޝިގަންގެ 16 އިލެކްޓޯރަލް ވޯޓާ އެކު އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އިތުރަށް ކުރިއަށް ޖެހިލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ނޮވެމްބަރު 29) - މިޝިގަންގެ 16 އިލެކްޓޯރަލް ވޯޓާ އެކު އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އިތުރަށް ކުރިއަށް ޖެހިލައިފި އެވެ.

މިޝިގަންގެ އިލެކްޓޯރަލް ވޯޓާ އެކު ޓްރަމްޕަށް މިހާރު ވަނީ 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންފައި ވަނީ 232 އިލެކްޓޯރަލް ވޯޓެވެ.

މިޝިގަންގެ ވޯޓު އިއުލާން ކުރުން ފަސްކުރީ ވެސް ނަތީޖާ މާބޮޑަށް ހަމަހަމަވުމުން އިތުރަށް ބެލުމަށެވެ. ސްޓޭޓުގެ ވޯޓު ޓްރަމްޕް ކާމިޔާބު ކުރެއްވީ 10،704 ވޯޓުންނެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 2،279،543 ވޯޓު (47.5 ޕަސެންޓް) އެވެ. ހިލަރީ އަށް 2،268،839 ވޯޓު (47.3 ޕަސެންޓް) އެވެ. މިއީ ވޭތުވެދިޔަ 75 އަހަރު ތެރޭ މިޝިގަންގައި ދެ ކެންޑިޑޭޓުން އެންމެ ބޮޑަށް ވާދަވެރި ފަހަރެވެ. އަދި ޓްރަމްޕަކީ 1988 ވަނަ އަހަރުގެ ފަހުން މިޝިގަންގެ ވޯޓު ކާމިޔާބު ކުރެއްވި ރިޕަބްލިކަން ފުރަތަމަ ކެންޑިޑޭޓެވެ.

މިޝިގަންގެ ނަތީޖާ އިއުލާން ކުރި ނަމަވެސް އަދިވެސް މުޅި ރައްޔިތުންގެ ވޯޓުން ހިލަރީ އުޅުއްވަނީ ދެ މިލިއަން ވޯޓު ކުރީގަ އެވެ.

އިންތިޚާބުގެ ނަތީޖާއާގައި ޝައްކުތަކެއް އުޅޭތީ ވޯޓު އަލުން ގުނަން ހުށަހެޅި ސްޓޭޓްތަކުގެ ތެރޭގައި މިޝިގަން ވެސް ހިމެނެ އެވެ. ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން ދެން ހުށަހަޅާފައި ވަނީ ޕެންސިލްވޭނިއާ އާއި ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށެވެ. ގްރީން ޕާޓީގެ ހުށަހެޅުމަށް ޑިމޮކްރެޓިކް ޕާޓީން ވެސް ވަނީ ތާއީދުކޮށް، އެކަމުގައި ބައިވެރިވާނެ ކަމަށް ބުނެފަ އެވެ. ވޯޓު އަލުން ގުނުމަށް ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން މިހާތނަށް ވަނީ 6.3 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އެކަމަކު އިންތިޚާބުގެ މުޅި ކެމްޕޭނަށް ވެސް އެކަމަނާ އަށް އެއްކުރެވުނީ 3.5 މިލިއަން ޑޮލަރެވެ.

ތަޖްރިބާކާރުން ބުނަނީ ތިން ސްޓޭޓުގެ ވޯޓު އަލުން ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ތަފާތެއް ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު އަދި ވިސްކޮންސިންގެ 10 އިލެކްޓޯރަލް ވޯޓު އެކަނި ލިބުނު ނަމަވެސް ޓްރަމްޕުގެ މައްޗަށް ހިލަރީ ކްލިންޓަނަށް ކުރި ނުހޯއްދެވޭނެ އެވެ.