Roadha Mihaaru
ނާޒިމްގެ މައްޗަށް ކުށް ސާބިތުވެގެން ނުވާނެ: ފާއިޒް

ދެން ޖެހޭނީ ނާޒިމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމަން: ކުރީގެ އުއްތަމަ ފަނޑިޔާރު

22 ޖޫން 2016

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާކުރީ ތަހުގީގު ފުރިހަމަ ނުކޮށް ކަމަށް ފުލުހުންނަށް ރޭ ވެވުނީ އިއުތިރާފެއް ކަމަށާއި އެހެންވެ ސުޕްރީމް ކޯޓުން މިހާރު ކުރަން ޖެހޭނެ ކަމަކީ އެ ދައުވާ ނާޒިމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައެޅުން ކަމަށް، ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާކުރީ ތަހުގީގު ފުރިހަމަ ނުކޮށް ކަމަށް ފުލުހުންނަށް ރޭ ވެވުނީ އިއުތިރާފެއް ކަމަށާއި އެހެންވެ ސުޕްރީމް ކޯޓުން މިހާރު ކުރަން ޖެހޭނެ ކަމަކީ އެ ދައުވާ ނާޒިމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައެޅުން ކަމަށް، ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ ޓެރަރިޒަމްގެ ކުށްތައް ފަދަ ޖިނާއީ މައްސަލަތަކުގައި ދައުވާ ސާބިތުކުރަން ދުނިޔޭގެ އެހެން ޝަރުއީ ނިޒާމުތަކުގައި ވެސް އޮންނަ ފަދައިން، ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް އޮންނަ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުން ކަމަށެވެ.

"މިހާރު ނާޒިމްގެ މައްސަލައިގައި މި އޮތީ މާ ބޮޑަށް ވެސް އެކަށީގެންވާ ޝައްކެއް އުފެދިފައި. އަނެއްކާ އެ ޝައްކު މި އުފެއްދީކީ ދިފާއީ ވަކީލުންނެއް ވެސް ނޫން. ސީދާ އެ މައްސަލަ ތަހުގީގު ކުރި ފަރާތުން މި ޝައްކު މި އުފެއްދީ،" ފާއިޒް ވިދާޅުވި އެވެ.

"މިއަށް ވުރެ ބޮޑަކަށް މި ކަމުގައި ޝައްކެއް ނުއުފެއްދޭނެ. އެ ވަރަށް ޝައްކު އުފެއްދީމާ އިއުތިރާފް މި ވެވުނީ ނޫންތޯ އެކަށީގެންވާ ވަރަށް ތަހުގީގު ނުކޮށް ކަމަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވީ."

އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ދިމާވި ކަމަށް ވިދާޅުވި

އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ދިމާވި ކަމަށް ވިދާޅުވި

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އުފުލި ދައުވާ ދަށު ކޯޓުގައި ސާބިތުވެ 11 އަހަރަށް އޭނާ ވަނީ ޖަލަށް ލައިފަ އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްގެ މައްސަލަ ދަނީ ކުރިއަށެވެ.

އެކަމަކު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލާފައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ހުރިކަން ފުލުހުން ރޭ ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންކަމުން ނާޒިމް މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށް އޭނާގެ ދިފާއީ ވަކީލުންގެ ޓީމުން ބުނެ އެވެ.

ފާއިޒް ވިދާޅުވި ގޮތުގައި ދަށު ކޯޓުންނާއި ހައި ކޯޓުން ހުކުމް އިއްވާފައި ވަނިކޮށް އެންމެ ފަހުގެ އިސްތިއުނާފު މަރުހަލާގައި އެފަދަ ކަމެއް މެދުވެރިވުމުން ދެން ކުރަން ޖެހޭ ކަމަކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމުމެވެ.

"އަޅުގަނޑު މިއީ ތި މައްސަލައިގެ ފަނޑިޔާރެއް ނަމަ، ގައިމު ވެސް ނިންމާނީ އެ މައްސަލަ ނާޒިމްގެ މައްޗަށް ސާބިތު ނުވާ ކަމަށް. އަޅުގަނޑަށް ހީވަނީ ސުޕްރީމް ކޯޓުން ވެސް ނިންމާނީ ހަމަ އެ ގޮތަށް ކަމަށް. ތަހުގީގު ކުރާ ފަރާތުން އަމިއްލަ އަށް އެ ގޮތަށް އިއުތިރާފްވީމާ، މި މައްސަލަ ނިންމަން ޖެހޭނީ މުއްތަހަމުގެ ހައްގުގައި. އެހެން ނޫނީ އެއީ މުއްތަހަމަށް ދެވޭ ކިހާ ބޮޑު އަނިޔާއެއްތޯ؟" ފާއިޒް ވިދާޅުވި އެވެ.

ނާޒިމްގެ އިސް ވަކީލް ސުއޫދު: ނާޒިމް ވަގުތުން ދޫކޮށްލަން ގޮވާލެއްވި -ފޮޓޯ/ނިޝާން އަލީ

ނާޒިމްގެ އިސް ވަކީލް ސުއޫދު: ނާޒިމް ވަގުތުން ދޫކޮށްލަން ގޮވާލެއްވި -ފޮޓޯ/ނިޝާން އަލީ

ރައްޔިތުންގެ މަޖިލިހުން ކުއްލި ގޮތަކަށް ވޯޓު ލައި ފަނޑިޔާރުކަމުން ވަކިކުރި ފާއިޒް ވިދާޅުވި ގޮތުގައި ޖިނާއީ އެފަދަ މައްސަލައެއްގައި، ދައުވާ ރައްދުވާ ފަރާތަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމާ މެދު ފާޅުކަން ބޮޑު ޝައްކެއް އުފެދިއްޖެ ނަމަ، އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިގެން ނުވާނެ އެވެ. އަދި އެ ވަރުގެ ބޮޑު ޝައްކެއް އޮތް ކަމަށް، ތަހުގީގުކުރި ފަރާތުން ރަސްމީކޮށް އިއުތިރާފްވުމުން، ދެން އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައެޅުމުގެ ބަދަލުގައި، އަލުން ތަހުގީގު ފުރިހަމަކުރަން ނުވަތަ އަލުން ދައުވާ ކުރުމަށް ފޮނުވުން ވާނީ ވެސް މުއްތަހަމަށް ދެވޭ ބޮޑު އަނިޔާއަކަށް ކަމަށް ވިދާޅުވި އެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ، "ހަނގުރާމަވެރި ހަތިޔާރު" އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މާޗް 27، 2015ގަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށް، މައްސަލަ ބަލައިގަތުމަށްޓަކައި ބާއްވާ އިބްތިދާއީ އަޑުއެހުންތައް ވަނީ ނިމިފަ އެވެ.