Roadha Mihaaru
ނާޒިމް ފްރޭމްކުރި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ

ނާޒިމް ފްރޭމްކުރި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ

20 ޖެނުއަރީ 2019

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމްކުރި މައްސަލަ ތަހުގީގުކޮށްދޭން ފުލުސް އޮފީހުގައި އޭނާ އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމްކުރި މައްސަލަ ތަހުގީގުކޮށްދޭން ފުލުސް އޮފީހުގައި އޭނާ އެދިވަޑައިގެންފި އެވެ.

ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 18، 2015، ގައި ހިންގި "ޖަރީމާ" ތަހުގީގުކޮށްދޭން ރަސްމީކޮށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ. އެއީ، އެ އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ފުލުހުން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ބައްދަލުކުރައްވައި، އޭނާ ފްރޭމްކުރި މައްސަލައިގެ ތަފްސީލުތައް ވެސް ވާނީ ހިއްސާކުރައްވައިފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންނަކީ އަބުރުވެރި ބައެއް. އެ ނަން ދެމެހެއްޓުމަށްޓަކައި، ފުލުހުންނާ މެދު ކުރާ ޝައްކުތައް ފިލުވަން ޖެހޭ. އެހެންވެ ހުށަހެޅީ އަޅުގަނޑާ ދެކޮޅަށް ހިންގާފައިވާ ޖަރީމާ ވެސް ބަލައިދޭން،" ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާ އަށް ވާދަކުރައްވާ ނާޒިމް "މިހާރު" އަށް ވިދާޅުވި އެވެ.

ނާޒިމްގެ ޓްވީޓް.

ނާޒިމް 11 އަހަރަށް ޖަލަށްލާން 2015 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ދައުލަތުން އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާއާ ގުޅިގެންނެވެ. އެ ހުކުމް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ނާޒިމް ޖަލަށް ލީ، ކުށެއް ނެތި، ފްރޭމްކުރުމަށް ފަހު ކަމަށް ބުނަމުން ދަނިކޮށް، އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ. އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.

އެއާ އެކު ވެސް ނާޒިމްގެ މައްސަލަ ބަލައި އިންސާފު ގާއިމްކޮށްދޭން ދައުލަތުން އުޒުރުވެރިވެފައި ވަނިކޮށް، ނާޒިމްއާ، އެ ފިސްތޯލައާ ގުޅުމެއް ނެތް ކަމަށް އަދީބު ވެސް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި އެކަމުގައި އިސްކޮށް ތިއްބެވީ ކުރީގެ ރައީސް ޔާމީނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ކަމަށް ޝައްކު ކުރެވޭ ގިނަ ކަންކަން ވަނީ ހިނގައިފަ އެވެ.