Roadha Mihaaru
މިސްކިތުގައި ހުއްޓާ ގާޒީއެއްގެ ސައިކަލުގައި ރޯކޮށްފި

މިސްކިތުގައި ހުއްޓާ ކަނޑުހުޅުދޫ ކޯޓުގެ ގާޒީއެއްގެ ސައިކަލުގައި ރޯކޮށްލައިފި

22 ޖޫން 2017

ފަތިސް ނަމާދަށް ރޭ މިސްކިތުގައި ހުންނަވަނިކޮށް ގއ. ކަނޑުހުޅުދޫ ކޯޓުގެ ގާޒީ، ހަސަން ދީދީގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފަތިސް ނަމާދަށް ރޭ މިސްކިތުގައި ހުންނަވަނިކޮށް ގއ. ކަނޑުހުޅުދޫ ކޯޓުގެ ގާޒީ، ހަސަން ދީދީގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.

ޕެޓްރޯލް އަޅައި ރޯކޮށްލުމުން ސައިކަލް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެފަ އެވެ. އެ ހާދިސާގައި، އެ ސައިކަލާ ޖެހިގެން ހުރި، އެ ރަށުގެ ޓީޗަރެއްގެ ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ހަސަން ދީދީ މިއަދު ވިދާޅުވީ އޭނާގެ ސައިކަލުގައި ރޯކޮށްލީ ކުރިން އިންޒާރު ދިނުމަށް ފަހު ކަމަށެވެ. އެކަން ކުރީ ކޮން ބައެއް ކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ހަސަން ދީދީ ވިދާޅުވި ގޮތުގައި ސައިކަލުގައި ރޯކޮށްލީ، ކަނޑުހުޅުދޫގައި ދެ ޒުވާނަކު އުނދަގޫވާ ގޮތަށް ސައިކަލު ދުއްވާތީ އެކަން ނުކުރަން އެދި ދެތިން ފަހަރަކަށް ނަސޭހަތް ދިނުމުން އެކަމާ ރުޅިގަދަވެގެންނެވެ.

"އަޅުގަނޑުގެ ގެ ހުންނަނީ ވަރަށް ހަނި ގޯޅިއެއްގެ ތެރޭގައި. ވަރަށް ހިރަފުސް ބޯކޮށް އޮންނައިރު، ބާރަށް ސައިކަލް ދުއްވައި ހަދާތީ މުޅި ގޭތެރެއަށް ހިރަފުސް ވަންނަނީ. އުނދަގޫވާތީ އެކަން ނުކުރަން އަޅުގަނޑު ނަސޭހަތް ދިނީ. އެކަމާ ހިތްހަމަނުޖެހިގެން އަޅުގަނޑުގެ ކުއްޖަކަށް އިންޒާރު ދީފައި ގޮސް، ނަމާދަށް ހުއްޓައި ރޯކޮށްލީ،" އޭނާ ވިދާޅުވި އެވެ.

ސައިކަލް ރޯކޮށްލުމުން މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ހަސަން ދީދީ ވިދާޅުވި އެވެ.