Roadha Mihaaru
ސިމާދު މަރުވީ ކަރަންޓު ދަންތުރައެއްގައި ޖެހިގެން

ސިމާދު މަރުވީ ވަގުން ޖައްސަން ހެދި ކަރަންޓު ދަންތުރައެއްގައި ޖެހިގެން

18 ފެބުރުއަރީ 2019

ގއ. ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި ހުސެއިން ސިމާދު މަރުވީ އެތަނުން ވައްކަން ކުރާތީ، ވަގުން ހިފުމަށް ހަދާފައި ހުރި ކަރަންޓް ދަންތުރައެއްގައި ޖެހިގެން ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގއ. ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި ހުސެއިން ސިމާދު މަރުވީ އެތަނުން ވައްކަން ކުރާތީ، ވަގުން ހިފުމަށް ހަދާފައި ހުރި ކަރަންޓް ދަންތުރައެއްގައި ޖެހިގެން ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.

ސ. ހިތަދު ހިޔާލީގެ ސިމާދު، 36، ވިލިނގިލި މީހަކާ ކައިވެނިކޮށްގެން ރަށުގައި އުޅޭތާ 12 އަހަރެއްހާ ދުވަސްވެއްޖެ އެވެ. ސިމާދަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެއް ކަމަށް ރަށުގެ ގިނަ ބަޔަކު ބުނެ އެވެ.

ސިމާދު މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ހަރުގެ ބަލަހައްޓާ މީހާ އެވެ. ސިމާދުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރިއިރު، އޭނާ މަރުވި މައްސަލައިގައި މިހާތަނަށް ފުލުހުން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ހަމައެކަނި ބުނީ މައްސަލަ ތަހުގީގު ކުރާކަން އެކަންޏެވެ. އެކަމަކު ރަށުގެ ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ކަރަންޓު ދަންތުރައެއްގައި ޖައްސައި މަރާލީ އެވެ.

ވިލިނގިލިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް މިއަދު ބުނީ ސިމާދަކީ އެ ރަށުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެ ގްރޫޕްގެ މީހުން ވަރަށް ގިނަ އިން ހަރުގެއަށް ގޮސް ވައްކަންކޮށް ހަދާތީ، ހަރުގެ ބަލަހައްޓާ މީހާ، އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު، އެ މައްސަލަތަކުގައި ފުލުހުން ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހަރުގެއާ ހަވާލުވެފައި ހުރި މީހާ އެތައް ފަހަރަކު ފުލުހުންނަށް އަންގާފައި އޮތީ އެކަން (ވައްކަން) ހުއްޓުވައި ދޭށޭ. އެކަމަކު، ފުލުހުންނަކަށް އެކަން ނުހުއްޓުވުނު،" މައުލޫމާތު އެނގޭ މީހާ ބުންޏެވެ.

"ހަރުގެއަކީ ވަޑާން ކުރާ ތަނެއް. ދަގަނޑު ހޮޅި އާއި ލަކުޑި ފިލަ އާއި ފައިބަރު ފިލަ އާއި ކަރަންޓު ސާމާނު ފަދަ އެތައް މިލިއަން ރުފިޔާގެ މުދާ އެތަނުގައި ހުންނާނެ."

މައުލޫމާތު އެނގޭ އެހެން މީހަކު ބުނި ގޮތުގައި ހަރުގެ އިން ވައްކަން ކުރުން އާންމުވުމާ ގުޅިގެން ބަޔަކު ކަރަންޓު ދަންތުރައެއް ހަދައި، އެތާނގައި ވަނީ ބަހައްޓައިފަ އެވެ. އަދި ސިމާދު މަރުވީ އޭގައި ޖެހިގެން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ، އަތާއި މެޔާއި ކަރުން މަތީގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރުމުން ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުނެ އެވެ.

ވިލިނގިލީގައި މަރައިލި ހުސައިން ސިމާދު.

ވިލިނގިލީގައި މަރައިލި ހުސައިން ސިމާދު.

ފުލުހުން ކުރިން ބުނި ގޮތުގައި ސިމާދަށް ތޫނު އެއްޗަކުން ހަމަލާދީފައި ހުރި ކަމަކަށް ނުބެލެވެ އެވެ. އެކަމަކު، ހަށިގަނޑު އެކި ދިމާލުގައި ފިހިފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"ހަރުގެ އަށް ވަދެވޭނީ ޓިނުގަނޑެއް ނައްޓާލައިގެން. ހަރުގެ އަށް ވަންނަން އެންމެ ދިމާލެއް ހުންނާނީ ވެސް. އެ ދިމާލުން ސިމާދު ވަންނަން ހިފި ތަނުން މި ބުނާ ކަރަންޓު ދަންތުރައިގައި ކަރު ނޫނީ ބޯ ޖެހިގެން އެހާ ބޮޑެތި ޒަހަމްތަކެއް ލިބި، އޮތް ތަނަށް ވެއްޓި މަރުވި ކަމަށް ބެލެވެނީ،" އެ މީހާ ކިޔައިދިނެވެ.

ވިލިނގިލިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ސިމާދަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހެކެވެ. އޭނާ އަކީ ބޭންކް ފަޅާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ތުހުމަތު ކުރެ އެވެ.

ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅައިލި މައްސަލައިގައި 11 މީހަކު ހައްޔަރު ކުރި އެވެ. އެ މައްސަލައިގައި މިހާތަނަށް ފެނިފައި ވަނީ 14 މިލިއަން ރުފިޔާ އެވެ. ރަށުގެ ބައެއް މީހުން ބުނި ގޮތުގައި، އެ ބޭންކު ފަޅާލައިގެން ނެގި ތިން މިލިއަން ރުފިޔާ އަދިވެސް ނުފެނެ އެވެ.

ބޭންކް ފަޅައިލި މައްސަލައިގައި ހައްޔަރު ކުރި އެންމެން ކޯޓު އަމުރެއްގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.