Roadha Mihaaru

ޝައިނީއަކީ ޕީޕީއެމް ޕީޖީގައި އެންމެ މަގުބޫލުކަން ކުޑަ ވަޒީރު: އަމީތު

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި އެންމެ މަގުބޫލުކަން ކުޑަ ވަޒީރު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

ޝައިނީއަކީ ޕީޕީއެމް ޕީޖީގައި ތާއީދު ކުޑަ ވަޒީރެއް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

27 ޖޫން 2017

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި އެންމެ މަގުބޫލުކަން ކުޑަ ވަޒީރު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ޝައިނީއަކީ ޕީޕީއެމް ޕީޖީގެ ތެރޭގައި އަބަދުވެސް އެންމެ މަގުބޫލުކަން ކުޑަ ވަޒީރެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން، ޝައިނީ އަށް ކުރައްވާ ތާއީދު ބޮޑު ކަމުން މެމްބަރުންނަށް އެއްޗެއް ވިދާޅުވާން ނުކެރެނީ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

ސަރުކާރުގެ މަސްވެރިކަމާ ގުޅުން ހުރި ބައެއް ސިޔާސަތުތައް ކާމިޔާބުވެފައި ނުވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް މިއަދު ވަނީ ޝައިނީގެ އިސްތިއުފާ އަށް ވެސް ގޮވާލައްވައިފަ އެވެ. އަދި އެ ވާހަކަތަކާ ގުޅިގެން އަމީތު ވަނީ ތޯރިގަށް ސާބަސް ވިދާޅުވެފަ އެވެ.

ޕީޕީއެމުން ވަކިކޮށްފައިވާ އަމީތު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޝައިނީއަކީ މަޖިލިހުގެ މެމްބަރުންނާ ވަރަށް ބޮޑަށް ގުޅުން ކުޑަ ވަޒީރެކެވެ. އަދި ޕޮލިސީ ލެވެލްގައި ރަނގަޅު ކުރަން ޖެހޭ ކަމަށް މެމްބަރުން ފާހަގަ ކުރައްވާ ކަންކަން ރަނގަޅު ނުކޮށް ޝައިނީ ހުންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އެންމެ ބޮޑަށް ފެއިލްވެފައި އޮތް ދާއިރާއަކީ މަސްވެރިކަމުގެ ސިނާއަތް ކަމަށްވާއިރު، ސަރުކާރުން ވައުދުވެފައި ހުރި ގިނަ ކަންކަން ތަންފީޒުކޮށްފައި ނުވާ ކަމަށެވެ. އަދި ޝައިނީއާ ދެކޮޅަށް ތޯރިގް ނިކުންނެވުމުން އުފާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މެމްބަރުން ދެ ލޯ މަރާލައިގެން ތިބޭނަމަ، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތެއް ނުކުރެވޭނެ، ހުރިހާ މެމްބަރުން ކަމަރު ބަނދެގެން ނިކުމެގެން ގޮންޖެހުންތައް ނައްތާލެވޭނީ،" އަމީތު ވިދާޅުވި އެވެ.

"ޕީޕީއެމް ޕީޖީގައި ވެސް އެބަތިބި ޝައިނީ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ މެމްބަރުން. އަޅުގަނޑު ޕީޖީގައި މަސައްކަތް ކުރެއްވިއިރު ވެސް އެކަން އެނގޭ."

ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ޝައިނީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުން ކަމަށް ތޯރިގް ވަނީ ވިދާޅުވެފަ އެވެ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ޝައިނީ ނަންގަވަން ޖެހޭ ހަ ސަބަބެއް އޭނާ ހާމަ ކުރެއްވި އެވެ.