Roadha Mihaaru
ސެޕްޓެމްބަރު މަހު ނަޝީދު ރާއްޖޭގައި ހުންނަވާނެ:ހަސަން

ސެޕްޓެމްބަރުގައި ކޮންގްރެސް ބާއްވާއިރު ނަޝީދު ރާއްޖޭގައި ހުންނަވާނެ: ހަސަން ލަތީފް

29 ޖޫން 2017

އަންނަ ސެޕްޓެމްބަރުމަހު މާލޭގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ ސެޕްޓެމްބަރުމަހު މާލޭގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހަސަން "މިހާރު" އަށް ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ނަޝީދު މިނިވަންވެ، ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެ މަގަށް އެމްޑީޕީން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު މިހާރު ދިރިއުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ. އެމަނިކުފާނު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ވަނީ ހިމާޔަތް ހޯއްދަވައިފަ އެވެ. އެތަނުގައި ސިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވާއިރު ދޭތެރެދޭތެރެ އިން ސްރީ ލަންކާ އަށް ވަޑައިގަންނަވަ އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް އުންމީދު އެބަ އޮތް، ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގައި ހުންނަވައިގެން. ދެން އެއީކީ ސްކައިޕަކުންނެއް ނޫން. އެކަހަލަ އޮޅުވައިލުމެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ހަމަ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ރާއްޖޭގައި ހުންނަވައިގެން ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ލަފާ ކުރެވޭ. އެ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ވެސް މި ގެންދަނީ،" ހަސަން ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވެސް ހޮވާ ކޮންގްރެސްގައި، ވާދަކުރައްވާނެ ކަމަށް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ކޮންގްރެސްގައި ނަޝީދު ބައިވެރިވެވަޑައިގަތުމުގެ މާނައަކީ، މާފުށީ ޖަލުގައި ހުންނެވުމަށް ފަހު ހަމައެކަނި ކޮންގްރެސް އަށް މާލެ ވަޑައިގަންނަވާ ވާހަކައެއް ވެސް ނޫނެވެ. މިނިވަންކަމާއެކު، ކޮންގްރެސްގައި ބައިވެރިވާ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ބައިވެރިވެވަޑައިގަތުން ކަމަށް ވެސް ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ވިދާޅުވެ އަޅުގަނޑުމެން ވަކި ގޮތަކަށް ނުބުނަމެއް ނޫން ހެއްޔޭ. އެހެންވީމާ ފަހަރެއްގައި ސްކައިޕުން ވެސް ވެދާނެތާއޭ، އޭރަށް އެ ބައިވެރިވެވުނީތާއޭ. އަޅުގަނޑު މިދަންނަވަނީ އެހެން އޮޅުވައިލާ ކަހަލަ ވާހަކައެއް ނޫނޭ މި ދައްކަނީކީ،" ހަސަން ވިދާޅުވި އެވެ.

"ހަމަ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ރައީސް ނަޝީދު ރާއްޖޭގައި ހުންނަވައިގެން ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާނެ ވާހަކަ މި ދައްކަނީ. އެއްގޮތަކަށް ވެސް ސްކައިޕާ ވަޓްސްއެޕާ ފާޑުފާޑުގެ އެއްޗެހިންނެއް ނޫން. ހަމަ ފިޒިކަލީ ރައީސް ނަޝީދު ރާއްޖޭގައި ހުންނަވައިގެން ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަކަށް އަޅުގަނޑުމެން ކޮންގްރެސް ބޭއްވޭތޯ މި ބަލަނީ."

ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވަނީ، ހަސަން ވިދާޅުވި ގޮތުގައި، ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންކަމުގެ އަލީގަ އެވެ. މިހާރު މި ހިނގާ ކަންކަމާ އެކު، ސިިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންވާނެ ކަމަށް ވެސް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ރާއްޖެ ވަޑައިގަންނަވާ ވާހަކަ އެމްޑީޕީން ދައްކާއިރު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސިޔާސީ މަސްރަހަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއް ބަޔަކު ދެކޭގޮތުގައި، އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމެވެ. އެމަނިކުފާނު ވަކިކުރަން ބޭނުންވާ 42 މެމްބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ނުސީދާކޮށް ދަނީ ބުނަމުންނެވެ.

އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން މި ވާހަކަތައް ދޮގުކުރެ އެވެ. އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް އެއްވެސް ކަމެއް ހާސިލެއް ނުވާނެ އެވެ. ޕީޕީއެމާއި އެމްޑީއޭ ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.