Roadha Mihaaru
މަސީހަށް ވޯޓު ބޭނުމިއްޔާ ނާޒިމް ދޫކޮށްލާ: ލަތީފް

ވޯޓު ބޭނުން ނަމަ ނާޒިމް ދޫކޮށްލަން މެމްބަރު ލަތީފް ޝަރުތުކޮށްފި

01 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ އެއްކޮޅަށް ވޯޓު ބޭނުން ނަމަ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ޝަރުތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާ އެއްކޮޅަށް ވޯޓު ބޭނުން ނަމަ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ޝަރުތު ކުރައްވައިފި އެވެ.

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލިހަށް އަލުން ހުށަހެޅުމަށް ތައްޔާރުވަމުން އަންނައިރު، މަސީހްއާ އެއްކޮޅަށް ވޯޓު ދެއްވުމާ މެދު ލަތީފް އަދި ގޮތެއް ނުނިންމަވަ އެވެ. އެންމެ ފަހުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި އިއްޔެ ވެސް ލަތީފް ވިދާޅުވެފައި ވަނީ މަސީހާ އެއްކޮޅަށް ތިން ބުރަކަށް މަޖިލީހުގައި ވޯޓު ލައްވައިފި ކަމަށާއި "ހަތަރު ވަނަ ފަހަރު ވޯޓު ދޭން ޖެހޭ ސަބަބު އަދި މި އުޅެނީ ނުވިސްނިގެން" ކަމަށެވެ.

ލަތީފް އެހެން ވިދާޅުވުމާ ގުޅިގެން ވައިބާ ގުރޫޕުގައި އެކި ފަހަރު މަތިން އޭނާ ދެއްކެވި ވާހަކަތަކާ އެކު ވަރަށް ބޮޑަށް އިއްޔެ ހޫނުވެ، އޭނާ އެ ގުރޫޕުން ބޭރުކުރަން ވެސް ބައެއް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.

ލަތީފް "މިހާރު" އަށް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފިޔަވައި އެންމެ ބޮޑު ޚަރަދެއް ކުރެއްވި އަދި އެންމެ ބޮޑު ގުރުބާނީއެއް ވި ބޭފުޅާ ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހަށް ޕީޕީއެމްގެ މެމްބަރުން ހޮވައި ދިނުމަށްޓަކައި އެންމެ ބޮޑު ގުރުބާނީ އަކާއި ގިނަ ޚަރަދުތަކެއް ކުރެއްވީ ވެސް ނާޒިމް ކަމަށް ލަތީފް ވިދާޅުވި އެވެ.

ކޯޓުގައި އޮތް ޝަރީއަތަކަށް ނާޒިމް ގެންދަނީ.---މިހާރު ފައިލް ފޮޓޯ

ކޯޓުގައި އޮތް ޝަރީއަތަކަށް ނާޒިމް ގެންދަނީ.---މިހާރު ފައިލް ފޮޓޯ

"ޚުދު އަޅުގަނޑު މަޖިލިހަށް ގެނައުމަށްޓަކައި ވެސް އެންމެ ބޮޑު ޚަރަދެއް ކުރެއްވީ ނާޒިމް. އެންމެ ބޮޑު ގުރުބާނީއެއް ވެސް ވީ ނާޒިމް. އަޅުގަނޑު އެކަންޏެއް ނޫން. އެހެން އެތައް މެމްބަރުންނަކަށް ބޮޑެތި ޚަރަދުތަކެއް ކުރެއްވީ ނާޒިމް. އެ މެމްބަރުންނަށް ގޮނޑި ކާމިޔާބު ކުރެއްވުނީ ހަގީގަތުގައި ވެސް ނާޒިމްގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން،" ލަތީފް ވިދާޅުވި އެވެ.

"އެހެންވީމާ މިހާރުން މިހާރަށް ވެސް ނާޒިމް ދޫކޮށްލާނެ ކަމުގެ ފެހި ސިގްނަލް ދިނަސް ނުވަތަ ނާޒިމް މިހާރު ހުރި ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދިނަސް އަޅުގަނޑުގެ ވޯޓު މަސީހަށް ކަށަވަރުވާނެ. ނާޒިމް ދޫކޮށްލާނެ ކަމުގެ ފެހި ސިގްނަލް ނުލިބޭ ނަމަ އަޅުގަނޑު ދެވަނަ ވިސްނުމަކަށް ދާނަން. މިގޮތަށް ތިއްބެވި އެހެން މެމްބަރުން ވެސް އެބަތިބި."

ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ ގުޅޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާތީ އެއާ ގުޅޭ ގޮތުން ލަތީފް ވިދާޅުވީ ނާޒިމްގެ އެއްވެސް ކުށެއް ނެތްކަން ކަށަވަރުވާ ހިސާބަށް މިހާރު ކަންތައް ގޮސްފައިވާ ކަމަށެވެ.

"އެތައް ދިވެހިންނެއް ވެސް އެކަން ގަބޫލުކުރޭ. އެއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް. ނާޒިމާއި ނާޒިމްގެ އާއިލާ އަށް އެ ލިބޭ ނިކަމެތިކަމުން ސަލާމަތްކޮށްދީ، އެ މީހުންނަށް އޯގާތެރިވެ، އިހުސާންތެރިވާންވީ ވަގުތު މިއީ. މިއީ އިތުރު އަދަބެއް ނާޒިމަށް ދޭންވީ ވަގުތެއް ނޫން،" ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން އެ ޕާޓީ އަދި ސަރުކާރުގެ އެކި ކަންކަމަށް މިހާރު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވާ ހަމައެކަނި މެމްބަރު ލަތީފް ވިދާޅުވި އެވެ.

އޭނާގެ އިތުރުން އެހެން އެކި ފަރާތްތަކުން ވެސް ގެންދަނީ ނާޒިމް ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އެކަމަކު ސަރުކާރުން އެކަމާ މެދު އަދި އެއްވެސް އެއްޗެއް ނުވުނެ އެވެ.

އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލައިގެ ހަގީގަތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.