Roadha Mihaaru
ވެކޭޝަންސް އެކްސްޕޯ އިން ބޮޑެތި އިނާމުތަކެއް

ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް ބޮޑެތި އިނާމުތަކެއް

26 ޖޫން 2017

އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް އެ އެކްސްޕޯ އިންތިޒާމްކުރާ ހައިރައިސް އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް އެ އެކްސްޕޯ އިންތިޒާމްކުރާ ހައިރައިސް އިން މިއަދު ބުނެފި އެވެ.

އަންނަ މަހުގެ 6 އިން 8 އަށް ބާއްވާ އެކްސްޕޯގައި އެކި އެއާލައިންތަކާއި ގެސްޓް ހައުސް ވިޔަފާރީގެ އެކި ފަރާތްތަކާއި ޓްރެވަލް އޭޖެންސީތަކާއި ހައްޖު ކޯޕަރޭޝަން ވެސް ބައިވެރިވާއިރު، ސަރަހައްދީ ބޮޑެތި ވިޔަފާރިތައް ވަނީ އެ އެކްސްޕޯގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑާއި ސްރީ ލަންކާގެ ކިންގްސް ބަރީ ހޮޓެލާއި އިތުރު ބައެއް ތަންތަން ވެސް ވަނީ ވެކޭޝަންސް އެކްސްޕޯގެ ކޯ ސްޕޮންސަރަކަށް ހަމަޖެހިފަ އެވެ.

އެކްސްޕޯއަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އެއް އަހަރުގެ އަމާނާ ތަކަފުލްގެ ޓްރެވަލް އިންޝުއަރެންސް ޕެކޭޖަކާއި ލަންކާ ހޮސްޕިޓަލްސް އިން ދޭ މެޑިކަލް ޕެކޭޖަކާއި ބެންކޮކް ހޮސްޕިޓަލްގެ މެޑިކަލް ޕެކޭޖްތައް ހިމެނޭ ކަމަށް ހައިރައިސް އިން ބުންޏެވެ.

މީގެ އިިތުރުން އިނަ މޯލްޑިވްސް އިން ދޭ ޓުއާ ޕެކޭޖަކާއި މޯލްޑިވިއަން އާއި ވިލާ އެއާ އަދި ބެންކޮކް އެއާވޭސްގެ ދެކޮޅު ޓިކެޓާއި މުސާފިރީން ގްރޫޕުން ދޭ އުމްރާ ދަތުރު ވެސް ހިމެނޭ ކަމަށް ހައިރައިސް އިން ބުންޏެވެ. އަދި އެކްސްޕޯގައި ބައިވެރިވާ ގެސްޓް ހައުސްތަކާއި ހޮޓާތަކުން ވެސް ބައެއް އިނާމުތައް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރު ވަމުންދާނެ އިނާމުތައް. މީގެ ތެރޭގައި ހުންނާނެ އެކްސްޕޯގެ ކޮންމެ ދުވަހަކު ދޭ އިނާމުތައް ވެސް،" ހައިރައިސްގެ މާކެޓިން އެންޑް ސޭލްސް މެނޭޖާ މުހައްމަދު ޝާފިއު ވިދާޅުވި އެވެ.

އެކްސްޕޯގައި 26 ފަރާތަކުން މިހާތަނަށް ބައިވެރިވެފައިވާއިރު، ހައިރައިސް އިން ބުނީ އެކްސްޕޯގެ މަގްސަދަކީ ދަތުރުފަތުރާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި އުޅޭ ބޭރު މީހުންނަށް ދިނުން ކަމަށެވެ. ދަތުރުކުރަން އެންމެ ފަސޭހަ އަދި އެންމެ އަގުހެޔޮ ތަންތަނުގެ މައުލޫމާތު އެކްސްޕޯ އިން ލިބޭނެ ކަމަށް ހައިރައިސް އިން ބުނެ އެވެ.

މިއީ ހައިރައިސް އިން ބާއްވާ ދެވަނަ ވެކޭޝަންސް އެކްސްޕޯ އެވެ. މިދިޔަ އަހަރު ވެސް އެ ކުންފުނިން ވަނީ ވެކޭޝަންސް އެކްސްޕޯއެއް ބާއްވަައިފަ އެވެ.